ލައިފް ސްޓައިލް

ވަގު ބިޓުން ގެންގުޅުނަސް ހުއާންގެ އަނބިމީހާ އޭނާއަށް މައާފުކޮށްފި

ހއ

ހުސެއިން އާދަމް

25 ނޮވެމްބަރ 2026
07:47
ވަގު ބިޓުން ގެންގުޅުނަސް ހުއާންގެ އަނބިމީހާ އޭނާއަށް މައާފުކޮށްފި

ޗައިނާއަށް ޖާސޫސުކޮށްދޭ ކަމަށް ޝައްކުކުރާ އަންހެނަކާއެކު ހިންގި ގުޅުމެއް ހިމެނޭހެން، އެތައް އަންހެނުންނަކާއެކު ސިއްރު ގުޅުންތަކެއް ބޭއްވި ކަމަށް ފާޅުގައި އެއްބަސްވުމަށްފަހު، އެންވިޑިއާގެ ވެރިޔާގެ މަގާމަށް އަލުން އައްޔަންކުރެވުނު ޖެންސަން ހުއާންގް އޭނާގެ އަނބިމީހާއާއެކު އޮތް ގުޅުން ރަނގަޅުކޮށްފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އޭނާގެ ހުރީ ވަރަށް ވަރަށް ވަރަށް ރަނގަޅު އަނތްބެއް. އެމީހުން ވަނީ ސިއްރު ލޯބީގެ ގުޅުންތަކުގެ ސަބަބުން ޖެހުނު މައްސަލަ ހައްލުކޮށްފައި،" ދަ ނިއުޔޯކް ޓައިމްސް އަށް ޓްރަމްޕް ވިދާޅުވިއެވެ. "އޭނާއަކީ ފާހަގަކޮށްލެވޭ މޮޅު އަންހެނެއް."

އެންވިޑިއާގެ ބޮޑު ހިއްސާދާރެއް އަދި ހުއާންގްއާ ކައިވެނިކޮށްގެން އުޅޭތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ލޯރީ ހުއާންގް، މިދިޔަ މަހު މިފަލީހަތް ފަޅާއެރި ފަހުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ނޮވެމްބަރު 8 ގައި މުވައްޒަފުންނަށް ފޮނުވި ނޯޓެއްގައި ހުއާންގް ވަނީ އަނބިމީހާއަށް ބޭވަފާތެރިވި ކަމަށް އެއްބަސްވެފައެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރާ އެންވިޑިއާގެ ސީނިއާ އެގްޒެކެޓިވްއަކާއެކު ދެވަނަ ގުޅުމެއް ބޭއްވި ކަމަށް ފަހުން އޭނާ ވަނީ އިއުތިރާފުވެފައެވެ.

"އަހަރެންގެ އަނބިމީހާއާއި އާއިލާއަށް. އަހަރެން ތިޔަ އެންމެން ދެކެ ލޯބިވޭ،" ލަދުވެތިކަމާ ކުރިމަތިލާން ޖެހިފައިވާ އެގްޒެކެޓިވް ކުންފުނީގެ އެންމެންނަށް ފޮނުވި އީމެއިލްގައި ބުނެފައިވެއެވެ. "އަހަންނަށް ކުރެވުނު ކަންތައްތަކަކީ މާފަކުން ފޫބެއްދޭނެ ކަންކަން ނޫންކަން އަހަންނަށް އެނގޭ. އަހަރެން އުންމީދު ކުރަނީ އަހަރެމެންގެ އާއިލާގެ މި ޒަޚަމްތައް ފަސޭހަވެ، ވަގުތާއެކު ތިޔަ ފަރާތްތަކުގެ އިތުބާރު އަލުން ހޯދޭނެ ކަމަށް." އޭނާ ލިޔެފައިވެއެވެ.

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކާއި އެންވިޑިއާގެ މުވައްޒަފަކާއެކު އޮތް ގުޅުންތައް އާންމުވުމާ ގުޅިގެން ނޮވެމްބަރު 12 ގައި ހުއާންގް އިސްތިއުފާ ދިނެވެ. ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ޓްރަމްޕް ވަނީ އަމިއްލަފުޅަށް އިސްނަންގަވައި ހުއާންގް އަލުން މަގާމަށް ގެނައުމަށް ބާރުއަޅުއްވައި، އެކަމާ ގުޅޭގޮތުން ބޯޑާ ސީދާ ވާހަކަދެއްކެވި ކަމަށް ވިދާޅުވެފައެވެ. އަދި ހޯމަ ދުވަހު ހުއާންގް ވަނީ އަލުން މަގާމަށް އައްޔަންކޮށްފައެވެ.

އަހަރުތަކުގެ ތެރޭގައި އަނބިމީހާ ދިން ދެގޮތެއްނުވާ އެއްބާރުލުމަށާއި ވަފާތެރިކަމަށް ހުއާންގް ވަނީ ފާޅުގައި ތައުރީފުކޮށްފައެވެ. އެންމެ ފަހުން އޭނާ އެފަދައިން ތައުރީފުކޮށްފައިވަނީ ސިންގަޕޫރުގެ ނިއުސް ޗެނަލެއް ކަމަށްވާ ސީއެންއޭއަށް ދިން އިންޓަވިއުއެއްގައެވެ.

"ލޯރީ ހުރީ ވަރަށް ދިގު މުއްދަތަކަށް، އަހަރެމެންގެ މުޅި އުމުރުގައިވެސް އަހަންނާއެކު،" ހުއާން ބުންޏެވެ. "އޭނާއަކީ އެންވިޑިއާގެ ކޮންމެ ފިޔަވަޅެއްގެ ވެސް ބައިވެރިއެއް. އެނގޭނެ ފަދައިން، އެންވިޑިއާގެ ކޮންމެ ވަގުތެއްގައި ވެސް އޭނާ ހުރީ އެތަނުގައި." ހުއާން ބުންޏެވެ.

އޭނާ އަދި ބުނެފައިވަނީ ލޯރީއާ ބައްދަލުވުމަކީ "އޯއެސްޔޫ [އޮރެގަން ސްޓޭޓް ޔުނިވަރސިޓީ] އަދި އަހަރެންގެ ހަޔާތުގައި ވެސް ހިނގި އެންމެ މުހިންމު، އެންމެ ބޮޑު ހާދިސާ" ކަމަށެވެ.

މި ދެމަފިރިން ބައްދަލުވީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު އޯއެސްޔޫގައި ކިޔަވަމުން ދިޔަ ދުވަސްވަރުއެވެ.

ހުއާންގް އާއި އޭނާގެ އަނބިމީހާ ވަރިވި ނަމަވެސް، އޭނާގެ 180 ބިލިއަން ޑޮލަރުގެ މިލްކިއްޔާތުން މަދުވެގެން ގާތްގަނޑަކަށް 335 މިލިއަން ހިއްސާ (ގާތްގަނޑަކަށް 60 ބިލިއަން ޑޮލަރުގެ އަގުހުރި) ހޯދުމުގެ ހައްގު ލޯރީ ހުއާންގްއަށް ލިބިދާނެއެވެ. އަދި މަޝްހޫރު ވަރީގެ ވަކީލުން ފާހަގަކުރާ ގޮތުގައި އެމީހުންގެ މެދުގައި ކައިވެނީގެ ކުރީގެ އެއްބަސްވުމެއް (ޕްރީނަޕް) އޮތުމުގެ ފުރުސަތު "ވަރަށް ކުޑަ" އެވެ.

"އެމީހުން ބައްދަލުވީ ވަރަށް ޒުވާން އުމުރުގައި، ކޮލެޖުގައި، އަދި ބައްދަލުވި އިރު އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް،" ކެލިފޯނިއާގެ ވަރީގެ ވަކީލެއް ކަމަށްވާ ރޮބަޓް ފަރޒާދު މި މަހުގެ ކުރީކޮޅު ދަ ޕޯސްޓަށް ވިދާޅުވިއެވެ.

ބައްދަލުވިތާ ފަސް އަހަރު ފަހުން ކައިވެނިކުރި މި ދެމަފިރިންގެ ދެ ދަރިން ތިބެއެވެ. އެއީ މެޑިސަން އަދި ސްޕެންސަރ އެވެ. މި ދެކުދިން ވެސް މަސައްކަތް ކުރަނީ އެންވިޑިއާގައެވެ.

މެޑިސަން ހުއާންގް އަކީ ޕްރޮޑަކްޓް މާކެޓިންގގެ ސީނިއާ ޑިރެކްޓަރެކެވެ. އަދި ސްޕެންސަރ ހުއާންގް އަކީ ރޮބޮޓިކްސްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ޑިރެކްޓަރެކެވެ.

މެޑިސަންގެ ފިރިމީހާ، ނިކޯ ކަޕްރޭޒް ވެސް އެންވިޑިއާގައި މަސައްކަތް ކުރަމުން ދަނީ ގްލޯބަލް އޭއައި އިންފްރާސްޓްރަކްޗަރ ގްރޯތްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް