ސިޔާސީ

އަލައްބާރު ފައިސާ ދިން "ބްރަދާ އަބްދުﷲ" ގެ މައްސަލަ ތަހުގީގުކޮށް، މަނީ ލޯންޑަރިންގެ ދައުވާ އުފުލަންޖެހޭ: އަލީ ހުސެއިން

ހއ

ހުސެއިން އާދަމް

25 ނޮވެމްބަރ 2026
08:19
އަލައްބާރު ފައިސާ ދިން "ބްރަދާ އަބްދުﷲ" ގެ މައްސަލަ ތަހުގީގުކޮށް، މަނީ ލޯންޑަރިންގެ ދައުވާ އުފުލަންޖެހޭ: އަލީ ހުސެއިން

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން ޔޫއޭއީގެ މުހައްމަދު އަލައްބާރު އަތުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރެވޭ "ބްރަދާ އަބްދުﷲ" ގެ މައްސަލަ ރަނގަޅަށް ބަލައި ތަހުގީގުކުރުމަށްފަހު، ހިޔާނާތާއި މަނީ ލޯންޑަރިންގެ ކުށުގައި އޭނާއަށް ދައުވާ އުފުލަންޖެހޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަލީ ފާހަގަކުރެއްވި ގޮތުގައި، "ބްރަދާ އަބްދުﷲ" އަށް އަލައްބާރު މާލީ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނަމަ، އެކަން ކަމާބެހޭ ފަރާތްތަކުން ވަގުތުން ބަލަންޖެހެއެވެ. އަދި އެއީ ހަގީގަތާ ހިލާފު ވާހަކައެއް ނަމަ އަލައްބާރަކީ އިތުބާރު ނުހިފޭ ފަރާތެއް ކަމަށާއި، އެފަދަ މީހަކަށް ދިވެހި ރައްޔިތުން އިތުބާރުކުރުން ރަނގަޅު ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ އިތުރަށް ސުވާލު އުފެއްދެވީ، އަލައްބާރު އެ ފައިސާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމާއި، ދެއްވީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެއީ ދީފައިވާ ފައިސާއެއް ނަމަ، އެ ފައިސާއަކީ ރަސްމާލެ މަޝްރޫއާ ގުޅުންހުރި ދައުލަތުގެ މިލްކިއްޔާތަކަށް ވާތީ، ޖަމާކުރަން ޖެހޭނީ ސީދާ ދައުލަތުގެ ހަޒާނާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައިސާ ދައުލަތުގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނަމަ، އެ އަމަލަކީ މަނީ ލޯންޑަރިން އަދި ހިޔާނާތުގެ އަމަލެއްގެ ގޮތުގައި ބަލައި ޝަރީއަތަށް ހުށަހަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމާލެއަކީ އިގްތިސާދީ ފައިދާއެއް ހޯދުމަށް ހިންގާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، 350 ބިލިއަން ރުފިޔާއަށް އަގުކުރެވޭ އެހާ އަގުބޮޑު ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް ދާއިމީކޮށް ހިލޭ ދީފާނެ ކަމަށް ބުއްދި ގަބޫލުކުރަން ދަތި ކަމުގައި އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ބިން ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގާ ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި "ބްރަދާ އަބްދުﷲ" އަށް އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ދީފައިވާނެ ކަމަށް އަލައްބާރު އަމިއްލައަށް ބުނެފައިވާއިރު، އެ މުއާމަލާތްތައް އަދިވެސް ހިނގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުންނަށް ހައްގުވާ މި ފައިސާ ނަގާފައިވަނީ މި ސަރުކާރާ ގުޅުންހުރި "ބްރަދާ އަބްދުﷲ" ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މި މައްސަލައަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ސީދާ ގުޅިފައިވާ ނުހަނު ބޮޑު މައްސަލައަކަށް ވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްއިން މިކަން ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރުމަށް ރޭގެ އެއްވުމުގައި އަލީ ހުސެއިން ވަނީ އެދިވަޑައިގެންފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް