ހަ ކިލޯ ޑްރަގާއިއެކު ހައްޔަރުކުރި މީހުން ބުނީ ފޮށިގަނޑު ބަލައި ދިޔައީ 200 ރުފިޔާ ދޭން ބުނުމުން ކަމަށް
ހުސެއިން އާދަމް

މަސްތުވާތަކެތި އަޅާފައި ހުރި ކާޓޫނެއް ނެގުމަށް ދިޔައީ 200 ރުފިޔާގެ އުޖޫރައެއް ދޭނެ ކަމަށް މީހަކު ބުނުމުން ކަމަށް، ވޭތުވެދިޔަ މަހު ހައްޔަރުކުރި ބޭރުގެ ތިން މީހަކު ކޯޓުގައި ބުނެފި އެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި، ބޭނުންކުރުމާއި އަދި ވިޔަފާރިކުރުމުގެ ތުހުމަތުގައި މި މައްސަލައިގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޖުމްލަ ހަތަރު މީހެކެވެ. އެއީ އެމްޑީ ޖިހާދު ބިން އަރީފް (20 އަހަރު)، އެމްޑީ މިޒަންނޫރު ރަހްމާން (41 އަހަރު)، މިރްޒާ އަލް އަމީން (30 އަހަރު) އަދި އެމްޑީ އަރްމާން އަލީ (21 އަހަރު) އެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ މި ހަތަރު މީހުންގެ ތެރެއިން މިޒަންނޫރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ. އަދި އަނެއް ތިން މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފަ އެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ވަނީ ދީފަ އެވެ.
ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މީހުން އެ ފޮށިގަނޑު ބަލައި ދިޔައީ 200 ރުފިޔާ ދޭނެ ކަމަށް ބުނެ މީހަކު ހަވާލުކުރި މަސައްކަތެއްގެ ގޮތުގަ އެވެ.
ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ ދިވެހި ސްޕޮންސަރުންނާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މި އަމަލުގައި ކުށުގެ ނިޔަތެއް ނުވަތަ އެކަމުގެ އެނގުން (މެންސްރިއާ) އެ މީހުންގެ ފަރާތުން ސާބިތުވާން ނެތް ކަމަށް ދައުލަތުން ހަމަޖައްސައިދިން ދިފާއީ ވަކީލު ވަނީ ފާހަގަކޮށްފަ އެވެ.
އެ މީހުންގެ މި ބަޔާނާ ގުޅިގެން، ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ މަންޒަރުތައް ބަލައި، ފައިސާ ދޭން ބުނި ކަމަށް ބުނާ ފަރާތް ތަހުގީގުގެ ތެރެއިން ހޯދައި އެކަން ކަށަވަރުކުރުމަށް ގާޒީ ވަނީ ފުލުހުންގެ މައްޗަށް އަމުރުކުރައްވާފަ އެވެ.
ބަންދު އިތުރުކުރި ތިން މީހުންގެ ތެރެއިން މިރްޒާ ވަނީ މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން ޕޮޒިޓިވް ވެފަ އެވެ.
މި މީހުންގެ ވިސާގެ މުއްދަތު ހަމަނުވި ނަމަވެސް، އެ ތިން މީހުން ވެސް ވަނީ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް (ޑިޕޯޓުކޮށްދިނުމަށް) އެދިފަ އެވެ.
މި އެންމެން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް ގެނައި ފޮށްޓެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ފެނިގެން ކަސްޓަމްސް އިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.