ސިޔާސީ

ނާޒިމް ދެއްކިވާހަކަތަކަށް ޖަވާބުދާރީވާން ދިވެހި ސަރުކާރަށް އިންޑިއާއިން އަންގައިފި

ހއ

ހުސެއިން އާދަމް

25 ނޮވެމްބަރ 2026
08:45
ނާޒިމް ދެއްކިވާހަކަތަކަށް ޖަވާބުދާރީވާން ދިވެހި ސަރުކާރަށް އިންޑިއާއިން އަންގައިފި

ދިވެހިރާއްޖެ އެހެން ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަވެދާނެތީ އިންޑިއާއިން ޖެހިލުންވާ ކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ދެއްކެވި ވާހަކަތަކެއްގެ ހަގީގަތް އޮޅުންފިލުވުމަށް، އިންޑިއާ ސަރުކާރުން ދިވެހި ދައުލަތަށް ރަސްމީކޮށް ސިޓީއެއް ފޮނުވައިފި އެވެ.

"ރާއްޖެ ޓީވީން" ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ސިޓީ ފޮނުވާފައިވަނީ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށެވެ.


އެ ސިޓީގައި ފާހަގަކޮށްފައިވަނީ ނާޒިމް ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، އަދި ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ހާމަކުރެއްވި ސަބަބާއި، އޭގެ ތަފްސީލު ބަޔާންކޮށްދިނުމަށް ވެސް އިންޑިއާއިން ވަނީ އެދިފަ އެވެ. އެހެންނަމަވެސް، މި ސިޓީއަށް ދިވެހި ސަރުކާރުގެ ފަރާތުން މިހާތަނަށް އެއްވެސް ރައްދެއް ދީފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ވިއްކުމުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކުރުމާ ގުޅިގެން، ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވުމުން އެ މަހުގެ ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯގައި ނާޒިމް ވަނީ އިންޑިއާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ، ދަރަނި އަދާނުކުރެވި ބަނގުރޫޓުވުމުގެ ބިރު ކުރިމަތިވި ވަގުތު ވެސް، އިންޑިއާއިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެއްވެސް އެހީތެރިކަމެއް ނުދީ ހަނުއޮތް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އެދުނު ނަމަވެސް، އެންމެ ފަހު ދުވަހާ ހަމައަށް ވެސް އެ ގައުމުން ވަކި އެއްޗެއް ނުބުނެ ދިގުދެންމި ކަމަށާއި، އޭގެ ސަބަބުން ރާއްޖެ މާލީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު، މިނިވަން ދައުލަތެއްގެ ގޮތުގައްޔާއި ވެރިންގެ ހައިސިއްޔަތުން ރާއްޖެއިން އެދި އާދޭސްކުރަން ޖެހުމުން ގައުމުގެ އަގު ވެއްޓިގެން ދިޔަ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މީގެއިތުރުން، ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް އިންޑިއާއިން މަސައްކަތްކުރާ ކަމަށް ވެސް ނާޒިމް ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރަނީ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާއިންނެވެ. އަދި ރާއްޖެއިން އިންޑިއާއަށް މާލީ ގޮތުން ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އެ ގައުމުން އެދޭ ކަމެއް ނޫން ކަމަށާއި، އެކަމާ އެ ގައުމުން ބިރުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއު ނިމިއްޖެނަމަ އިންޑިއާގެ ދަރަނިތައް ފިޔަވައި އެ ގައުމަށް ބަރޯސާވާންޖެހޭ މިންވަރު މުޅިން ކުޑަކުރެވޭނެ މާލީ ތަނަވަސްކަން ރާއްޖެއަށް ލިބިގެންދާނެ އެވެ.

މި މައްސަލައިގައި ޚާރިޖީ ވުޒާރާގެ ބަހެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. މައުލޫމާތު އޮޅުންފިލުވުމަށްފަހު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އެ ވުޒާރާއިން ވަކި ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް