މަސް ގެނެސްދީ، އަހަރެން ގަރުދިޔަ ކައްކައިދޭނަން!
ހުސެއިން އާދަމް

ރާއްޖޭގައި މިހާރު މިވަނީ އާންމު ޚިދުމަތްތައް ދިނުމުގެ އާ ވައްޓަފާޅިއެއް ފެންނަން ފަށައިފައެވެ. ސާމާނު ގެންނަންވީ ތިޔަބޭފުޅުންނެވެ؛ ސަރުކާރުން ދޭނީ ޚިދުމަތެވެ. މަސް ގެނެސްދިނުމުން، ސަރުކާރުން ގަރުދިޔަ ކައްކައިދޭނެއެވެ. އިންޖެކްޝަން ގެނެސްދިނުމުން، ހޮސްޕިޓަލުން އިންޖެކްޝަން ޖަހައިދޭނެއެވެ. އަދި ޑޮލަރު ގެނެސްދީފިނަމަ، ފަހަރުގައި ސަރުކާރުން އެ މާރުކޮށްދޭނެ ގޮތެއްވެސް ހޯދައިދީފާނެއެވެ.
މިއީ ޖޯކެއް ފަދަ ވާހަކައެއްގެ ގޮތުގައި ހީވެދާނެއެވެ. އެކަމަކު ހަގީގަތާއި މަލާމާތް ވަކިކުރަން މިހާރު މިވަނީ ދުވަހެއް ދުވަހަކަށް އުނދަގޫ ކަމަކަށް ވެފައެވެ.
މި ސިލްސިލާގެ އެންމެ ފަހުގެ މަންޒަރު ފެނިގެންދިޔައީ ރާއްޖޭގެ މައި ސަރުކާރު ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިންނެވެ. މަހަކު ގާތްގަނޑަކަށް 40 ބަލިމީހުން ޖަހަންޖެހޭ ލޮލުގެ އިންޖެކްޝަނެއް ކަމަށްވާ 'ލޫސެންޓިސް' ނުލިބިގެން ކުރި ޝަކުވާތަކަށް އެ ހޮސްޕިޓަލުން ދިން ޖަވާބު ވަރަށްވެސް އާދައިގެއެވެ. ބަލިމީހުން އަމިއްލައަށް އިންޖެކްޝަން ގަނެގެން ހޮސްޕިޓަލަށް ގެނައުމުން ޑޮކްޓަރުން އެ ޖަހައިދޭނެއެވެ.
އެހެން އިބާރާތަކުން ބުނާނަމަ، އިންޖެކްޝަން ގެނެސްދޭށެވެ. އަހަރެމެން އެ ޖަހައިދޭނަމެވެ.
ދެން އައިޖީއެމްއެޗުން ނެރޭނެ އިއުލާނަކީ ކޮބައިބާއޭ ހިތަށްއަރައެވެ. އަމިއްލަ އޮޕަރޭޝަން ސާމާނު ގެންނާށެވެ. އަހަރެމެންގެ ސާޖަނުން އޮޕަރޭޝަން ކޮށްދޭނެއެވެ. ހޭނައްތާ ބޭސް އަމިއްލައަށް ގެންނާށެވެ، އަހަރެމެންގެ ޑޮކްޓަރުން ހޭނައްތައިދޭނެއެވެ. އަމިއްލައަށް އެނދު ގެންނާށެވެ. އޮށޯންނާނެ ތަނެއް އަހަރެމެން ދައްކައިދޭނަމެވެ.
ފަހަރުގައި ބަލިމީހުން ދެން ޖެހޭނީ އަމިއްލަ ޑޮކްޓަރުންވެސް ގޮވައިގެން ދާން ކަމަށްވެދާނެއެވެ.
ހަމަޔަގީނުންވެސް ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި ބަލިމީހާ އަމިއްލައަށް ގަންނަ ބޭހެއް ހޮސްޕިޓަލުން ޖަހައިދިނުމަކީ ގޯހެއް ނޫނެވެ. އެކަމަކު އުފެދޭ ހަގީގީ ސުވާލަކީ، ޚާއްސަކޮށް ދައުލަތުގެ ސިއްހީ ނިޒާމަށް ބަރޯސާވެފައިވާ ހިނދު، ކޮންމެހެން ބޭނުންވާ އަސާސީ ބޭސް ހޯދުމަށާއި ގަތުމަށް ބަލިމީހުން މިފަދަ ތަކުލީފުތަކެއް އުފުލަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟
އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އޮޕްތަލްމޮލޮޖިސްޓް (ލޮލުގެ ޚާއްސަ ޑޮކްޓަރު) ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި، އެ އިންޖެކްޝަނަށް އޯޑަރު ދިނުމަށްފަހު ލިބުމާ ދެމެދު ތިން މަސްދުވަސް ހޭދަވެދާނެއެވެ. ތިން މަސްދުވަހެވެ! ފެނުން ގެއްލެމުންދާ މީހަކަށް، ތިން މަސްދުވަހަކީ ހަމައެކަނި މުދާ ގެނައުމުގައި ދިމާވާ ލަސްވުމެއް ނޫނެވެ. އެއީ އެމީހުންގެ ލޮލުގެ ފެނުން ސަލާމަތް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އޮންނަ ނުތަނަވަސްކަމުގެ ތިން މަސްދުވަހެވެ.
އެކަމަކު ފަހަރުގައި މިއީ އަހަރެމެން ހައިރާންވާންވީ ކަމެއްވެސް ނޫނެވެ. ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ހޯދުމަށް ބަލިމީހުން ދަނީ އެއް ފާމަސީން އަނެއް ފާމަސީއަށް ދުވަމުންނެވެ. ސިއްހީ ނިޒާމުގެ ތެރެއިން ލިބޭނެ ކަމަށް އުންމީދުކުރި ބޭސްތައް ހޯދުމަށް އާއިލާތަކުން ވަނީ އަމިއްލަ ޖީބުން ޚަރަދުކުރަން މަޖުބޫރުވެފައެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމުގެ ވައުދާއެކު، ސަރުކާރުން ވަނީ ދައުލަތުގެ އާ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ 'ސްޓޭޓް ފާމާ' އުފައްދާފައެވެ. އެސްޓީއޯގެ ފާމަސީ ވިއުގަ އާ ކުންފުންޏަށް ބަދަލުކޮށް، އާ ނިޒާމުތައް ތައާރަފުކޮށް، ހާލަތު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ތަކުރާރުކޮށް އާންމުންނަށް ދެއްވިއެވެ.
ނަމަވެސް، ބޭސް ނުލިބުމުގެ ތަކުލީފު ދަނީ ހަމަ ކުރިއަށެވެ.
މިހާރު އެންމެ ފަހުން ދިން ޔަގީންކަމަކީ އަންނަ އަހަރުގެ ކުރީކޮޅު ބޮޑެތި ކުރިއެރުންތަކެއް ފެންނާނެ ކަމަށެވެ. ސްޓޭޓް ފާމާއިން ބުނާ ގޮތުގައި އެ ކުންފުނީގެ ސްޓޮކުގައި 5،000 އަށް ވުރެ ގިނަ ބާވަތުގެ ބޭސް އެބަހުއްޓެވެ. އަދި ފާއިތުވި މަސްތަކުގައި 600 އަށް ވުރެ ގިނަ ބާވަތުގެ ބޭސް ވަނީ އެތެރެކޮށްފައެވެ. އެއީ އުފާވެރި، އުންމީދީ ވާހަކައެކެވެ. ނަމަވެސް، ޑޮކްޓަރު ލިޔެދެއްވި ޚާއްޞަ ބޭސް މިއަދު ނުލިބިގެން އުޅޭ ބަލިމީހާއަށް، ގުދަނެއްގައި އެހެން 5،000 ބޭސް ހުރުމަކީ މާބޮޑު ހިތްހަމަޖެހުމަކަށް ނުވެއެވެ.
ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކުރުމުގެ ޕްލޭންތަކުގެ ވާހަކަވެސް އަޅުގަނޑުމެން އަޑުއަހައިފީމެވެ. ނިކަން ވިސްނާލަބަލާށެވެ! މާ ލަސްތަކެއް ނުވެ، ބޭސް ހިފައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑްރޯންތައް އުދުހޭ މަންޒަރު ފެނިދާނެއެވެ. ނަމަވެސް މުސްތަޤުބަލުގެ މިފަދަ ޒަމާނީ ލޮޖިސްޓިކްސްގެ އުފާ ފާޅުކުރުމުގެ ކުރިން، ޑެލިވަރީ ކުރަން ބޭނުންވާ މިންވަރަށް ބޭސް ޙަޤީޤަތުގައިވެސް އެބަހުރިތޯ އަޅުގަނޑުމެން ކަށަވަރުކުރަން ޖެހެއެވެ.
އެތެރެނުކުރާ ބޭހެއް ޑްރޯނަކަށް ޑެލިވަރީއެއް ނުކުރެވޭނެއެވެ.
ފަހަރެއްގައި ސަރުކާރުން އެހެން ވިޔަފާރި މޮޑެލްއަކާ މެދު ވިސްނަންވީ ކަންނޭނގެއެވެ. ބަލިމީހާ ބޭސް ހޯދައިދިނުމުން، ހޮސްޕިޓަލުން އިންޖެކްޝަން ޖަހައިދިނުމާއި، ޑްރޯނުން ބަލިމީހާގެ ބިލް ޑެލިވަރީ ކޮށްދިނުމެވެ.
ޑޮލަރުގެ ވާހަކައަކީ ވެސް ހަމަ މި ގަރުދިޔަ ކައްކާ ގޮތުގެ އަނެއް މިސާލެވެ.
ޤައުމަށް ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވާން ފެށުމުން، ސަރުކާރުން އެއް ފިޔަވަޅަށްފަހު އަނެއް ފިޔަވަޅު އަޅަން ފެށިއެވެ. ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރަން މަޖުބޫރުކުރިއެވެ. ޤަވާއިދުތައް ހަރުކަށިކުރިއެވެ. މަނީ ޗޭންޖަރުން އިތުރަށް މޮނީޓަރ ކުރެވެން ފެށިއެވެ.
ހުއްދަނެތި ފައިސާ މާރުކުރާ ކަމަށް ޝައްކުކުރެވޭ ވިޔަފާރިތަކާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަންތައް ހިންގިއެވެ. ތަންތަން ބަލައިފާސްކޮށް، ތަޙުޤީޤުތައް ފަށައި، ޤަވާއިދާ ޚިލާފުވި މަނީ ޗޭންޖަރުންގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާޠިލުކޮށް ޖޫރިމަނާކުރިއެވެ.
ހަމައެކަނި ނޮވެމްބަރު މަހު ވެސް ތިން މަނީ ޗޭންޖަރެއްގެ ލައިސަންސް ބާޠިލުކުރިއެވެ.
އަދި ސަރުކާރުން ވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް، ކެޓަގަރީ 'އޭ' ގެ ޓޫރިޒަމް ވިޔަފާރިތަކުން މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މަޖުބޫރުން މާރުކުރަންޖެހޭ ގޮތަށް ވެސް ހަދާފައެވެ.
މި ހުރިހާ ފިޔަވަޅުތަކެއް ވެސް އެޅީ ރަސްމީ މާލީ ނިޒާމުގެ ތެރެއަށް އިތުރު ޑޮލަރު ވެއްދުމުގެ މަޤްޞަދުގައެވެ.
އެހެންނަމަވެސް، ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ޢާންމު ރައްޔިތުން އަދިވެސް ތިބީ އިންތިހާއަށް ދަތި ހާލުގައެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް އުޅެނީ ވަރަށް މަތީގައެވެ. އަޑުއިވޭ ގޮތުގައި ޑޮލަރެއްގެ ރޭޓު މިހާރު ހުރީ 24 ރުފިޔާއަށްވުރެ މަތީގައެވެ.
ރައްޔިތުންނަށް ސަރުކާރުން ދޭ މެސެޖަކީ ރައްޔިތުން ޑޮލަރު ގެންނާށެވެ، އޭރުން އަހަރެމެން އެ ޑޮލަރު މާރުކޮށްދޭނަމެވެ.
އެކަމަކު، ޢާންމު ރައްޔިތުން އެ ޑޮލަރު ގެންނަންވީ ކޮންތާކުން ހެއްޔެވެ؟ ނުވަތަ ޑޮލަރު އެއްކުރާނެ އިތުރު އުޞޫލެއް ބަޔާންކޮށް ސަރުކާރުން ދެން ނެރޭނެ އިޢުލާނަކަށް ހަމައެކަނި އިންތިޒާރުކޮށްލައިގެން ތިބެންވީ ހެއްޔެވެ؟
މިކަމުގައި ހުރި މަޖާ ކަމަކީ، ޑޮލަރަށް ބޭނުންޖެހިފައިވާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހެދުމުގެ އަޞްލު މައްސަލަ ޙައްލުނުކޮށް، ޑޮލަރު މާރުކުރާ ތަންތަން ރެގިއުލޭޓް ކުރުމުގައި ސަރުކާރު އާދަޔާޚިލާފަށް ކުޅަދާނަވެފައިވާ ކަމަށް ފެންނަ ފެނުމެވެ.
ފައިސާ މާރުކުރާ ތަނެއް ރެއިޑް ކުރުމަކުން ޑޮލަރެއް އުފައްދައެއް ނުދެއެވެ. ލައިސަންސެއް ބާޠިލުކުރުމަކުން ބޭރު ފައިސާގެ ރިޒާވެއް އިތުރެއް ނުވެއެވެ. އަދި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިތުރު އިޞްލާޙެއް ގެނައުމަކުން ބޭންކިންގ ނިޒާމުގެ ތެރެއަށް އަމިއްލައަކަށް ޑޮލަރެއް ފައުޅުވެގެންނެއް ނާންނާނެއެވެ.
އަޅުގަނޑުމެން 'ސްޓޭޓް ޑޮލަރ' ގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަންވީ ކަންނޭނގެއެވެ. އެ ކުންފުންޏަށް ހުރިހާ މަނީ ޗޭންޖަރުންގެ ކަންކަން ހިންގުމާ ހަވާލުވެވިދާނެ އެވެ. ޑިޖިޓަލް ޓްރެކިން ސިސްޓަމެއް ތައާރަފުކޮށް، ހޮޓްލައިނެއް ގާއިމުކޮށް، އަދި އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ވައުދުވެސް ވެވިދާނެ އެވެ.
އެކަން ކާމިޔާބު ނުވެއްޖެނަމަ، އަބަދުވެސް އޮތް ގޮތަކީ ރައްޔިތުން ގާތު އަމިއްލައަށް ޑޮލަރު ހިފައިގެން އައުމަށް އެދުމެވެ.
އަދި ހަމައެކަނި ބޭހާއި ޑޮލަރުން ފުއްދާލަންވީ ކީއްވެގެން ހެއްޔެވެ؟
މި ހިތްގައިމު އާ މޮޑެލް ގާތްގަނޑަކަށް ހުރިހާ އާންމު ހިދުމަތްތަކަކަށް ވެސް އަޅުގަނޑުމެންނަށް ފައްތާލެވިދާނެ އެވެ.
ތެޔޮ ލިބުން ދަތިވެއްޖެނަމަ، އަމިއްލައަށް ތެޔޮ ހިފައިގެން އަންނާށެވެ. އޭރުން އިންޖީނުގެ ހިންގައިދޭނަމެވެ.
އިމާރާތްކުރާ ތަކެތި ދަތިވެއްޖެނަމަ، އަމިއްލައަށް ސިމެންތި އާއި ދަގަނޑު ހިފައިގެން އަންނާށެވެ. އޭރުން ބްރިޖު އަޅައިދޭނަމެވެ. ފްލެޓް އަޅައި ދޭނަމަވެ.
ކާބޯތަކެތި ދަތިވެއްޖެނަމަ، އަމިއްލައަށް ހަނޑުލާއި، ފުށާއި، ކައްކާ ތެޔޮ ހިފައިގެން އަންނާށެވެ. އޭރުން އެ ތަކެތި ބަހައިދޭނަމެވެ.
އާންމު ހިދުމަތެއް ބޭނުންނަމަ، އެ ހިދުމަތެއް ދިނުމަށް ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން އަންނާށެވެ. އޭރުން އެންމެ ފަހު މަރުހަލާ ސަރުކާރުން އުފަލާއެކު ފަހިކޮށްދޭނެ އެވެ.
އާންމު ހިދުމަތްތަކަށް އަދި މުޅިން އާ ޝިއާރެއް ވެސް ތައާރަފުކުރެވިދާނެ އެވެ. މުހިންމު ތަކެތި ތިޔަބޭފުޅުން ގެންނަވާށެވެ. ހިދުމަތް އަޅުގަނޑުމެން ފޯރުކޮށްދޭނަމެވެ.
މިއީ ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ އުނދަގޫ މައްސަލަތަކެއް ކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަ ދައްކަފާނެ އެވެ. އެބޭފުޅުން އިނގިލި ދިއްކުރައްވަފާނެ ކަންކަމުގެ ތެރޭގައި ބައިނަލްއަގުވާމީ ސަޕްލައި ޗޭނުތަކާއި، ދުނިޔޭގެ އިގުތިސާދީ ޕްރެޝަރުތަކާއި، އިމްޕޯޓް ކުރުމުގެ އަގުތަކާއި، އަދި ކުޑަ ޖަޒީރާ ގައުމެއް ހިންގުމުގައި ހުރި ދަތިތައް ހިމެނިދާނެ އެވެ.
ރައްޔިތުން ސަރުކާރުތަކުގެ ކިބައިން އުއްމީދުކުރަނީ ކުރިމަތިވެދާނެ މައްސަލަތައް ދުރާލާ ދެނެގަތުމަށާއި، ނިޒާމުތައް ބިނާކުރުމަށާއި، ޕްރޮކިއުމަންޓް ރޭވުމަށާއި، ދައުލަތުގެ ވަސީލަތްތައް މެނޭޖުކުރުމަށާއި، އަދި އަސާސީ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ކަށަވަރުކުރުމަށެވެ.
އެއްވެސް މީހަކު ސަރުކާރެއްގެ ކިބައިން މުއުޖިޒާތެއް ދެއްކުމަކަށް ނޭދެއެވެ. އެކަމަކު ހަމައެކަނި ބޭސްފަރުވާއެއް ހޯދުމަށްޓަކައި ރައްޔިތުންނަކީ ޕްރޮކިއުމަންޓް އޮފިސަރުންނަށް ވާކަށް ނުޖެހެއެވެ.
އަދި ބޭނުންވާ ޑޮލަރުކޮޅު ހޯދުމަށްޓަކައި އެމީހުންނަކީ ފައިސާ މާރުކުރާ ވިޔަފާރިވެރިންނަށް ވާކަށް ވެސް ނުޖެހެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ހައްލުތަކާއި، އިސްލާހުތަކާއި، އަދި މާ ރަނގަޅު އާންމު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ވައުދުތަކާއެކުގައެވެ. އާ ކުންފުނިތައް އުފެއްދުމާއި، އާ ގަވާއިދުތައް ތައާރަފުކުރުމާއި، އަދި އާ ކަންކަން އިއުލާނުކުރުމަކީ ކުރިއެރުމުގެ ހެކިތަކުގެ ގޮތުގައި ދައްކަމުންދާ ކަންކަމެވެ.
ނަމަވެސް ކާމިޔާބީގެ ހަގީގީ މިންގަނޑަކީ އުފެއްދި ކުންފުނިތަކުގެ އަދަދެއް ނޫނެވެ. އިސްލާހުކުރި ގަވާއިދުތަކުގެ އަދަދެއް ނޫނެވެ. ބަލައިފާސްކުރި މަނީ އެކްސްޗޭޖްތަކުގެ އަދަދެއް ނުވަތަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ އަދަދެއް ވެސް ނޫނެވެ.
އެއީ ބަލިމީހަކަށް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރު ލިޔެދިން ބޭސް ލިބޭތޯ ބެލުމެވެ. އެއީ ވިޔަފާރިއަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭތޯ ބެލުމެވެ. އެއީ އާދައިގެ ރައްޔިތަކަށް ސަރުކާރުގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަން ނުޖެހި، އެމީހަކަށް ލިބެންޖެހޭ ހައްގު ހިދުމަތްތައް ލިބޭތޯ ބެލުމެވެ.
ފަހަރުގައި، އައިޖީއެމްއެޗްގެ އެންމެ ފަހުގެ މި ހާދިސާއިން ލިބުނު އެންމެ މުހިންމު ފިލާވަޅަކީ، ސަރުކާރަށް ފޯރުކޮށްނުދެވޭ ކޮންމެ އެއްޗެއް ރައްޔިތުން އަމިއްލައަށް ހޯދައިގެން ގެންނާނެ ކަމަށް ބަލައިގެން އާންމު ހިދުމަތްތައް ނުހިންގޭނެ ކަމެވެ.
އެހެންކަމުން، ބޭނުންވާ ސާމާނު ރައްޔިތުން އަމިއްލައަށް ގެނައުމުން ވަކި ހިދުމަތެއް ލިބެން ހުންނާނެ ކަމަށް ވެރިޔަކު އިއުލާނުކުރައްވާ އަޑު ދެން ފަހަރަކުން އިވުނަސް، އަޅުގަނޑުމެން ހައިރާންވާކަށް ނުޖެހޭނެ އެވެ. ކޮންމެއަކަސް، އަޅުގަނޑުމެން މިހާރު ވާނީ އުސޫލު ކަނޑައަޅާފައެވެ. މަސް ގެންނާށެވެ. އޭރުން އަޅުގަނޑު ގަރުދިޔަ ކައްކާނަމެވެ.