ސިޔާސީ

އަތާއި ބޯ ބުރިކުރަން ޖެހޭ މީހުން ތިބީ މިސަރުކާރުގައި - ޔާމީން

ހއ

ހުސެއިން އާދަމް

08 ޑިސެމްބަރ 2025
07:19
އަތާއި ބޯ ބުރިކުރަން ޖެހޭ މީހުން ތިބީ މިސަރުކާރުގައި - ޔާމީން

ބޯ ބުރިކުރަންޏާ ކުރަންޖެހޭ މީހުން ވެސް އަދި އަތް ބުރިކުރަންޏާ ކުރަންޖެހޭ މީހުން މި ތިބީ ސަރުކާރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ދާދިފަހުން ގެނައި ބަދަލަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ އުފާވާނީ ކޮރަޕްޝަން ޢަމަލު ހިންގާ މީހުންނާއި، ވައްކަންކުރާ މީހުންގެ މައްޗަށް އިސްލާމީ ޝަރީއާ ތަންފީޒު ކުރުމުން ކަމަށެވެ.

"އަތްބުރިކުރަން، ފައިބުރިކުރަން، ކަރުބުރިކުރުމުން. އޭރަށް (މިސަރުކާރުގައި ތިބި) ގިނަ މީހުންގެ ހަށިގަނޑު ގެންދާނީ ވީލް ބަރޯއަށް ލައިގެން. އެވަރުގެ ބައެއް މި ތިބީ އަރާ." ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރައްޔިތުންނާއިއެކު ބާއްވަވާ ބައްދަލުވުންތައް ސިޔާސީ ކުރަނީ ކަމަށް ބޭފުޅަކު ވިދާޅުވި ކަމަށާއި ސިޔާސީ ކުރަން ޖެހެނީ ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ، ރައްޔިތުން އެންމެ ބޮޑަށް އެދޭ ނުވަތަ އެންމެ ނަފުރަތުކުރާ ކަންތައް މި ތަނުން ފުހެލާނަމޭ، މި ތަނުން ނައްތާލާނަމޭ ބުނެފައި، އެކަން ނުވެ ދެ އަހަރު ވީމަ ރައްޔިތުންނާ ހަމައަށް އައިމާ އެމީހުންގެ އޮތް ނުރުހުން ހާމަކުރާނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ވެސް ހޯމް މިނިސްޓަރ އަލީ އިހްސާނަށް ފާޑުވިދާޅުވެ ޔާމީން ވަނީ އިހްސާންގެ އިސްތިއުފާއަށް އަނެއްކާވެސް ގޮވާލާފައެވެ. އިހްސާނަށް ފުލުހުންގެ މުއައްސަސާ ނުބެލެހެއްޓެވޭ ކަމަށް ދެންނެވީ ކުދިކުދި ކުށްކުށުގައި ހައްޔަރުކުރާ މީހުންނަށް "ވާނުވާ" ބަންދު ޖެހުން ފަދަ ސަބަބުތަކާ ހެދި ކަމަށް ޔާމީން ވިދާޅުވިއެވެ.

މުޅި ފުލުހުންގެ އިސްވެރިން ސަސްޕެންޑްކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ފާސްނުކުރެވޭނެ ކަމަށް ޔާމީން މިރޭވެސް ވިދާޅުވެ، އެމަނިކުފާނު ވަނީ އިހުސާނަށް ފުލުހުން ދިފާއުނުކުރެވޭ ނަމަ އިސްތިއުފާދެއްވުމަށް ގޮވާލައްވައިފައެވެ. ހަމައެއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށްވެސް ޔާމީން ގޮވާލެއްވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް