ޑްރަގު ފެނުމުން ލަގެޖާއި ހަވާލެއްނުވި
ހުސެއިން އާދަމް

ރާއްޖެއަށް އައި އިންޑިއާގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމާ ގުޅިގެން، އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެ، އޭނާ އެއާ ހަވާލުވުމަށް ދެކޮޅު ހަދައިފިއެވެ.
އުމުރުން 22 އަހަރުގެ ފަސިމް ސަހަފް އޮޑަކުންނަތު ހައްޔަރުކުރުމަށް ފަހު ބަންދަށް ދެ ދުވަސް އިތުރުކުރުމަށް އިއްޔެ ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ރާއްޖެއަށް މުޅިން އަލަށް އައިސްފައިވާ މީހެކެވެ.
ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި ހުރި ލަގެޖު ގެނައި ކަމަށް ފުލުހުން ތުހުމަތުކުރާ މީހާ ވަނީ އެ ލަގެޖަކީ އޭނާގެ ޓްރޮލީގެ ތެރޭގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެފައެވެ. މީގެ އިތުރުން، އެ ލަގެޖު ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުންކަން މައްސަލަ ތަހުގީގުކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، އަދި އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައި ވޭތޯ ބެލުމަށް ކުޑަކަމުދާ ތަކެތީގެ ޓެސްޓު ވެސް ހަދާފައި ނުވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.
އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާ ރާއްޖެއަށް އައިސްފައިވަނީ ކޮން ވީޒާއެއްގެ ދަށުން ކަމެއް ވެސް ފުލުހުން އޭނާއަށް ބުނެދީފައި ނުވެއެވެ.
ތުހުމަތުކުރެވޭ މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަދަދާއި، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމެއް ވެސް ގާޒީގެ އަމުރުން އެނގޭކަށް ނެތެވެ.