ޚަބަރު

ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

ހއ

ހުސެއިން އާދަމް

15 ޑިސެމްބަރ 2025
07:33
ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އާއި އޭނާގެ ބައްޕައާ ދެމެދު ބޯޓެއްގެ މިލްކުވެރިކަމާ ގުޅޭގޮތުން ހިނގަމުންދާ ދިގު މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމެއް ބާތިލްކޮށް، އަލުން ބެލުމަށް ހައި ކޯޓުން ކުރި އަމުރު، ކައިޒީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ހައި ކޯޓުން ނެރުނު ހުކުމާ ގުޅިގެން ހުށަހެޅި މި މައްސަލަ، ސުޕްރީމް ކޯޓުން ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިމެ އެވެ.

ކައިޒީން ސިވިލް ކޯޓަށް ދައުވާކުރީ، ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން އޭނާ ގަތް ބޯޓެއް، އޭނާގެ ހުއްދަ ނެތި ބައްޕަ އިބްރާހިމް އަލިފުޅުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކަމަށް ބުނެ، އެ ބޯޓުގެ މިލްކުވެރިކަން އޭނާގެ ނަމަށް ބަދަލުކުރުމަށެވެ.

ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާތީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމަށް ކައިޒީން އެދުނު ނަމަވެސް، ސިވިލް ކޯޓުން ފުރަތަމަ ފަހަރު ނިންމީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް، ޣައިރު ހާޒިރުގައި ހުކުމްކުރުމަށް ކައިޒީން ހުށަހެޅި ހުށަހެޅުން އަލުން ބަލައި ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާފަ އެވެ. ދެވަނަ ފަހަރަށް މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުން ނިންމީ، ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިންކަން މަދަނީ މިންގަނޑުން ސާބިތު ނުވާ ކަމަށެވެ. އެގޮތަށް ނިންމީ، ބޯޓު ގަތުމަށް ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކީންގެ ބަސްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުންނެވެ. މި ހުކުމް ކުރިއިރު ވެސް ބައްޕަގެ ފަރާތުން ޖަވާބު ހުށަހެޅިފައިވަނީ މުއްދަތު ހަމަވުމަށްފަހު ކަމަށްވާތީ، ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ކައިޒީންގެ ފަރާތުން ދެވަނަ ފަހަރަށް ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ނިންމީ، ބައްޕަގެ ދިފާއު ލަހުން ހުށަހެޅުނު ނަމަވެސް، މިއީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން، ބައްޕަގެ ދިފާއު ހިމަނައިގެން ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ހައި ކޯޓުން އަމުރުކުރި އެވެ. ހައި ކޯޓުގެ ހުކުމްގައި އިޝާރާތްކޮށްފައިވަނީ، ހަމައެކަނި އިޖުރާއީ ކަންކަމުގެ ތެރޭގައި މައްސަލަ ތާށިވެ، ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއްގެ މައުޟޫއަށް ފުރަތަމަ ފަހަރަށް ހައި ކޯޓުން ވަނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް