ވެރިންގެ ޖިންސީ އަމަލުތަކާއެކު ކުށްވެރިވާ ކަނބަލުންގެ ހެދުމާއި އިސްތަށިގަނޑު
ކްރިޓިކްސް

ބައެއް މީހުން ދެކޭގޮތުގައި ވަޒީފާގެ މާހައުލުގައި އަންހެން ކަނބަލުންނަށް ދިމާވާ ޖިންސީފުރައްސާރައިގެ މައިގަނޑު ސަބަބަކީ އެކަނބަލުންގެ ހެދުން އެޅުމާއި ޒީނަތްތެރިވުމާ ގުޅިފައި އޮންނަ ކަމެކެވެ. ތަހުޒީބު ސިކުނޑިތަކާ ދުރު މި ބޯދާ ވިސްނުން ދިވެހިންގެ ތެރޭގައި އަދިވެސް ވަކިހިއްޕާފައި އޮތް މިންވަރު ސިވިލް ސަރވިސް ގަވައިދަށް މިފަހުން ގެނައި އިސްލާހުން ކަށަވަރުކޮށްދެއެވެ. އަންހެން މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ބުޑުން ދެއިންޗިއަށްވުރެ ކުރުނުވާ ގޮތަށް ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ. އަދި އަންހެންކަނބަލުންގެ ބޮލުގައި ކުލަޖެއްސުމާއި ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުން ވެސް މިގަވާއިދުން މަނާކޮށްފައިވެއެވެ.
އޮޅުވާނުލެއްވުން އެދެމެވެ. ސިވިލް ސަރވިސް މުވައްޒަފުންނަކީ ދިވެހި ރާއްޖޭގެ ރަސްމީ އޮފީސްތަކުގައި ރަސްމީ މަސައްކަތުގައި ހަރަކާތްތެރިވާންތިބި ރަސްމީ މުވައްޒަފުންނެވެ. އެހެންވީމާ އެމީހަކު ބޭނުން އެއްޗެއް ލައިގެން ބޭނުން ގޮތަކަށް ވަޒީފާއަށް ނުކުތުމުގެ މިނިވަންކަން އޮންނަންޖެހޭކަމަށް ދަންނަވަނީކީ ނޫނެވެ. ރަސްމީ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ ފޭރާން ހުންނަންވާނީ ސީރިއަސްކަމާއި ރަސްމީގޮތް ދައްކުވައިދޭނެ ބީދައަކަށް ކޮންމެވެސް މިންގަނޑުތަކަކާއި އުސޫލުތަކެއްގެ ތެރޭގައިކަމަށް އަޅުގަނޑުވެސް އެއްބަހެވެ.
އެކަމަކު ދެހާސް ފަންސަވީސް ވަނަ އަހަރުގެ ފަހު ދެ ދުވަހުގައި ވަރަށް މުހިންމު ކަމެއްކަމަށް ފެނިގެން ދިވެހި ސިވިލްސަރވިސް ގަވާއިދަށް މިގެނައި އިސްލާހު އޮތީ އެއްޗެކޭ ނުދެންނެވޭ ފަދަ ގޮތަކަށް ނޫނެވެ. އެ ގަވާއިދަށް ގެންނަންޖެހޭ އެތަކެއް އިސްލާހުތަކެއް ހުއްޓައި، ދެ ސަފުހާގެ އިސްލާހެއް ހަމައެކަނި ކުއްލިއަކަށް ހެދުން އެޅުމާބެހޭ ގޮތުން އެކަނި އައި އައުމަކީ ކޮންމެވެސް ވަރަކަށް ވިސްނާލުން މުހިންމު ކަމެކެވެ.
ސިވިލް ސަރވިސް ގަވާއިދަށް ގެނައި ދެ ސަފުހާގެ އިސްލާހުގައި ހަމައެކަނި ވާހަކަދައްކާފައި ހުރީ ހެދުން އެޅުމާ ބެހޭގޮތުންނެވެ. ފިރިހެނުންނަށް ހާއްސަ މާއްދާއެކެވެ. ދެން އޮތް މާއްދާ އަންހެނުންނަށެވެ. ފިރިހެނުން އޮފީސް މާހައުލުގައި ދަށަށް ޖެހުން ވަނީ ލާޒިމްކޮށްފައެވެ. އަންހެން މުވައްޒަފުން ދަށަށް ޖެހުން މަނެލެވެ. އެކަނބަލުން ބަހައްޓަންވީ ހެދުން ބުޑަށްވުރެ ދެ އިންޗި ތިރިއަށްވާ ގޮތަށެވެ. މިޔަކީ ދީނީ ކަމެއްގެ ގޮތުގައި ކުރިކަމެއް ވެސް ނޫނެވެ. އެހެންނަމަ ފިރިހެނުންގެ ވެސް ބުޑަކީ ހަމަ އައުރަނޫންތޯއެވެ؟
ފިރިހެނުންނަށް އޮތް މާއްދާގައި ބޮލުގަ ކުލަ ޖެއްސުމުގެ ވާހަކައެއް ނެތެވެ. އެކަން ވެސް ކަނބަލުންނަށް ވަނީ މަނާކޮށްފައެވެ. ކަނބަލުންނަށް ހާއްސަ މާއްދާގައި ބުނަނީ، ކަޅުކުލަ ފިޔަވައި އެހެން ކުލަޔެއް ބޮލުގައި ނުޖެއްސޭނެ ކަމަށެވެ. އަދި ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ. ބޮލުގައި ކުލަޖެއްސުމުގެ ކަންތައް އެއީ ރަސްމީ މުވައްޒަފުންނަށް ވީތީ ކަނޑައެޅުނު އުސޫލަކަށްވާނަމަ، މިކަމުގައި ފިރިހެނުންނާއި އަންހެނުން އޮތީ ކޮން ތަފާތެއްހެއްޔެވެ؟ ފިރިހެނެއްގެ އިސްތަށިގަނޑުގައި ނޫކުލަ ޖައްސައިގެން އައީމާ ވެސް ވަރަށް ރަސްމީ ގޮތަކަށްވަނީހެއްޔެވެ؟ ކަނބަލެއްގެ އިސްތަށިގަނޑު ކުލައަކުން ޝޭޑްކޮށްލިޔަސް ރަސްމީ ސިފަ ގެއްލެނީހެއްޔެވެ؟
އަޅުގަނޑުވެސް މިއުޅެނީ ދިވެހި މުޖުތަމައުގައެވެ. ސަރުކާރު އޮފީސްތަކާއި ސިވިލް ސަރވިސްއިން ދޭ ޚިދުމަތާ މެދު ޝަކުވާ ނުކުރާ ހަމަ އެންމެ މީހަކާ ދިމައެއް ނުވެއެވެ. ސަރުކާރު އޮފީސްތަކުން ލިބެންޖެހޭ ޚިދުމަތް އެކަށީގެންވާ ގޮތަށް ނުލިބޭކަމުގެ ޝަކުވާއެވެ. ލަސްކަމުގެ ޝަކުވާއެވެ. ސިޓީއެއް ފޮނުވިޔަސް ޖަވާބެއް ނުލިބޭކަމުގެ ޝަކުވާއެވެ. ފޯނުކުރިޔަސް ފޯނު ނުނަގާކަމުގެ ޝަކުވާއެވެ. އޮފީހުން ބޭރުގައި ގިނަ ވަގުތުތަކުގައި ކޮފީގައި އުޅުނަސް އެޅޭ ފިޔަވަޅެއް ނެތްކަމުގެ ޝަކުވާއެވެ.
ސިވިލް ސަރވިސްގައި ހުރި މައްސަލަތައް ބައިވަރެވެ. މުވައްޒަފުން ނެގުމާއި ކުރިއެރުން ދިނުމާއި މުސާރައާއި އިނާޔަތްތަކާއި ވަކި ބަޔަކަށް ނޫނީ ފުރުސަތުތައް ނުލިބުމާއި މިހެން ގޮސް އެތައް މައްސަލައެކެވެ. ގާބިލު މީހުން ފިޔަވައި ސިޔާސީ މީހުންނާ ގުޅުން އޮންނަ މީހުން ވަޒީފާއަށް ނެގުމާއި އެފަދަ މީހުން ކޮންމެ ގޮތަކަށް އުޅުނަސް އެޅޭނެ ފިޔަވަޅެއް ނެތުމުގެ މައްސަލައެވެ. ކިޔަވައިގެން ތިބި ސިވިލް ސަރވިސް މުވައްޒަފުން އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާ ސިޔާސީ މީހުންގެ ދަށުން މަސައްކަތްކުރަންޖެހުމުން ނުކުންނަމުންދާ އަދަދުނުކުރެވޭހާ ގިނަ މައްސަލައެވެ.
ސިވިލް ސަރވިސްއިން ލިބެންޖެހޭ ޚިދުމަތް އާންމުންނަށް ދެއްވާށެވެ! އެ ޚިދުމަތް ދެނީ ބޮލުގައި ފަތް ނެތް ފިރިހެނެއްތޯ އިސްތަށިގަނޑު ނުރަވެފައިހުރި ކަނބަލެއްތޯ މިއީކީ އާންމުންނަށް މުހިންމު ސުވާލެއް ވެސް ނޫނެވެ. ރަސްމީ އިދާރާތަކަށްދާ އަންހެނުންނާއި ފިރިހެނުން ވަކި ހާއްސަ ޔުނިފޯރމެއް އެޅުވުމަކުން އެތަންތަނުން ދޭންޖެހޭ ޚިދުމަތް ނުލިބޭ ނަމަ އެތަންތަނުގައި ރަސްމީ ސިފައެއް ރަސްމީ ހައިބަތެއް ނުހުންނާނެއެވެ! ރަސްމީ ސިފައާއި ރަސްމީ ހައިބަތަކީ ލާ ހެދުމަކުން އަޅާ ގަހަނާއަކުން އެކަނި ހޯދޭނެ އެއްޗެއް ނޫނެވެ.
ސިވިލްސަރވިސްގެ ގަވާއިދަށް ހަމައެކަނި ހެދުން އެޅުމުގެ ބަޔަށް ދެ މާއްދާއަކުން ދެ ސަފުހާގެ އިސްލާހެއް ކުއްލިއަކަށް މި ގެނައީ އެންމެ ބޭނުމެއްކަމުގައި ނޫނީ އަޅުގަނޑަކަށް ނުވިސްނުނެވެ. އެބޭނުމަކީ، ވަޒީފާގެ މާހައުލުގައި އަންހެން ކަނބަލުންނަށް ޖިންސީފުރައްސާރަކުރާ މީހުން އާންމުކޮށް ވެސް ބޭނުންކުރާ އެމީހުންގެ ދިފާއުއަށް އެ ގަވާއިދުން ފަހިކޮށްދިނުމެވެ. ފުރައްސާރަކުރެވެނީ ހެދުން އަޅާގޮތުންނެވެ. ޒީނަތްތެރިވެ ތިބޭ ގޮތުންނެވެ. މި ބަހަނާތަކަށް ގާނޫނީ ސިފަގެނެސްދިނުމެވެ. އެހެން އެއްވެސް ސަބަބެއް ނޫނެވެ.