ލައިފް ސްޓައިލް

އަހަރުގެ ފުރަތަމަ އަމާޒު: ރަނގަޅަށް ނިދުން!

ކ

ކްރިޓިކްސް

01 ޖަނަވަރީ 2026
07:39
އަހަރުގެ ފުރަތަމަ އަމާޒު: ރަނގަޅަށް ނިދުން!

އާ އަހަރަށް ކަނޑައަޅާ ގިނަ އަޒުމްތަކަކީ ކާމިޔާބު ނުވާ ކަންތައްތަކެއް ކަމަށް ތިބާ އަޑުއަހާފައި އޮވެދާނެއެވެ. ޑރ.ކްލެއާ ކޭ ބީބީސީއަށް ކިޔައިދެއްވި ގޮތުގައި، މީގެ އެއް ސަބަބަކީ އަހަރެމެން މި އަޒުމްތައް ކަނޑައަޅަނީ އަހަރެމެންގެ ކިބައިގައި ނެތް ސިފަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީއެވެ.

އެހެންނަމަވެސް، ޔުނިވަރސިޓީ އޮފް ޕްލިމަތުން ލިޔެފައިވާ ގޮތުގައި، "އަޒުމެއް ކަނޑަނާޅާ ހުރުމަށްވުރެ، އަޒުމެއް ކަނޑައެޅުމުން ތިބާގެ ލަނޑުދަނޑި ހާސިލުވުމުގެ ފުރުސަތު ދިހަ ގުނަ އިތުރުވެއެވެ." އަދި ލަނޑުދަނޑިތައް ކަނޑައަޅާއިރު، "އަޒުމާ ދުރަށް ގެންގޮސްފާނެ ފަދަ މުސްތަޤުބަލުގެ އެދުންތަކާއި ބޭނުންތަކުގެ ބާރުގަދަކަން މީހުންނަށް އާންމުކޮށް ވަޒަންނުކުރެވޭ" ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

މިކަމުން ސަލާމަތްވާން ބޭނުން ހެއްޔެވެ؟ އަހަރެން މި އަހަރު ކަނޑައަޅަން މިއުޅެނީ އަހަރެން ކުރާހިތްވާނެކަން ޔަގީންވާ ލަނޑުދަނޑިއެކެވެ: އެއީ ގިނައިން ނިދުމެވެ.

ނިދުމާ ބެހޭ ތެރަޕިސްޓް އަދި 'ޖޯއިސްޕޭސް ތެރަޕީ'ގެ ބާނީ ޑެނީސް އިއޯޑާކޭވެސް ގަބޫލުކުރާ ގޮތުގައި މިއީ ކުރިއަށް ދާންވީ ރަނގަޅު މަގެކެވެ.

އާ އަހަރުގެ އަޒުމެއްގެ ގޮތުގައި ރަނގަޅަށް ނިދުން ހިމެނުމަކީ ރަނގަޅު ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟

އެންމެ ފުރަތަމަ ކަމަކަށް، މިއީ ތިބާގެ އެހެން ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ރަނގަޅު ކާނާ އާއި ކަސްރަތަކީ ފެންވަރު ރަނގަޅު ނިދި ލިބުމުގެ ތަޅުދަނޑިއެވެ. އެހެންކަމުން، ސައިންސުން ސާބިތުވެފައިވާ ގޮތަށް އަރާމު ނިދި ހޯދަން ބޭނުންނަމަ، އެ ކަންކަމަށްވެސް ސަމާލުކަން ދޭންޖެހެއެވެ.

"ފުދޭވަރަށް ނިދި ލިބުމަކީ މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތަކާއި، އަދި ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ދާއިމީ ބަލިތަކުގެ ނުރައްކާ ބޮޑުތަނުން ކުޑަކޮށްދޭ ކަމެއް،" އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިންގެ ތަރުޖަމާނު ޑރ. ކިން ޔޫން ވިދާޅުވިއެވެ.

"ކެއުން ބަދަލުކުރިޔަސް، ކަސްރަތު އިތުރުކުރިޔަސް ނުވަތަ ސްޓްރެސް މެނޭޖްކުރިޔަސް، ނިދުމަށް އިސްކަންދިނުމަކީ އަހަރު ވަރުގަދަކޮށް ފެށުމަށް ބޭނުންވާ ހަކަތައާއި ސިކުނޑީގެ ތާޒާކަން ލިބިދޭނެ ކަމެއް." އޭނާ ވިދާޅުވިއެވެ.

މިއީ ދާދިފަހުގެ ދިރާސާއަކުން ދައްކާ ގޮތާވެސް އެއްގޮތް ވާހަކައެކެވެ. އެ ދިރާސާގައި ބުނާ ގޮތުން، ކަސްރަތާއި ނިދި - މި ދެކަންތައް އެކުގައި ފުރިހަމައަށް ކުރަން އުނދަގޫވާނަމަ (އަހަރެމެންގެ ތެރެއިން %87 މީހުންނަށް ދިމާވާ ފަދައިން)، ކަސްރަތަށްވުރެ ނިދުމަށް އިސްކަންދިނުން މާ ރަނގަޅެވެ.

'ކޮމިއުނިކޭޝަންސް މެޑިސިން' ކަރުދާހުގެ ސައިންސްވެރިން ބުނާ ގޮތުގައި، "ރަނގަޅަށް ނިދާ މީހުން ޖެހިގެން އަންނަ ދުވަހު ހަރަކާތްތެރިކަން އިތުރުވި ނަމަވެސް، އިތުރަށް ހިނގުމަކީ އެރޭގެ ނިދީގެ ފެންވަރު ރަނގަޅުކޮށްދިން ކަމެއް ނޫނެވެ."

އިއޯޑާކޭ ވިދާޅުވި ފަދައިން، "ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓުގައި ނިދި އޮންނަނީ އެންމެ ފަހަތުގައެވެ. ނަމަވެސް، މީހާގެ މިޒާޖާއި، ސަމާލުކަން ދިނުމާއި، ބަލިތަކުން ދިފާއުވުމުގެ ބާރާއި، ދާއިމީ ސިއްހަތު ބިނާވެފައިވަނީ ނިދީގެ މައްޗަށެވެ."

"ނިދީގެ ފެންވަރަކީ ސިކުނޑީގެ މަސައްކަތްތަކާއި، އިހުސާސްތައް ކޮންޓްރޯލްކުރުމާއި، ދިފާއީ ނިޒާމާއި، އަދި ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ބަލިތަކުގެ ނުރައްކާ ކުޑަކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ދިރާސާތަކުން މެދުނުކެނޑި ދަނީ ފެންނަމުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އެހެންވީމާ "ރަނގަޅު ނިދި" އަކީ ކޮބައި ހެއްޔެވެ؟ އަދި އެ ނިދި ހޯދާނީ ކިހިނެއް ހެއްޔެވެ؟ ނިދުމަކީ މުހިންމު ކަމެއްކަން އަހަރެމެންނަށް އެނގެއެވެ. ނަމަވެސް ރަނގަޅު ނިދީގެ މާނައަކީ ކޮބައި ހެއްޔެވެ؟

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ހަށިގަނޑުގެ ގުދުރަތީ ގަޑިއަށް ތަބާވުމަކީ، ނިދާ ވަގުތުގެ ދިގުމިނަށްވުރެ ބޮޑަށް، ހަށިގަނޑަށް އަރާމު ލިބުމަށް މުހިންމު ކަމަކަށް ވެދާނެއެވެ.

"ނިދުމުގެ ގަޑިއެއްހާއިރު ކުރިން ބައްތިތައް ފަނޑުކޮށްލުމަކީ، އަރާމުކުރާ ވަގުތު ކައިރިވެއްޖެކަމުގެ އިޝާރާތެއް ހަށިގަނޑަށް ދިނުމަށް އެހީތެރިވެދޭނެ ކަމެއް،" އިއޯޑާކޭ ލަފާދެއްވިއެވެ.

ދެން އޮތީ އެއްގޮތަކަށް ކަންކަން ކުރުމުގެ މުހިންމުކަމެވެ.

2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ނިދާ ވަގުތުގެ ދިގުމިނަށްވުރެ، ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ނިދައި ހޭލުމަކީ މީހާގެ އުމުރު ދިގުވުމާ ބޮޑަށް ގުޅިފައިވާ ކަމެކެވެ.

"ކޮންމެ ދުވަހަކުވެސް، އާދެ، ބަންދު ދުވަސްތަކުގައިވެސް، ގާތްގަނޑަކަށް އެއް ވަގުތެއްގައި ނިދަން އޮށޯވެ ހޭލުމަކީ ހަށިގަނޑުގެ އެތެރޭގެ ގަޑި ތަރުތީބުކޮށްދީ، ނިދަން ފަސޭހަކޮށްދޭނެ ކަމެއް،" އިއޯޑާކޭ ލިޔުއްވާފައިވެއެވެ. "ލަސްވަންދެން ހޭލާ ހުރުމަކީ އާދައެއް ކަމުގައިވާނަމަ، ކުއްލިއަކަށް އެ އާދަ ބަދަލުކުރަން މަޖުބޫރު ނުކުރާށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ރިދަމެއް ފެންނަންދެން، ކޮންމެ ރެއަކުވެސް 15 ނުވަތަ 30 މިނެޓު އަވަހަށް ނިދަން އާދަކުރާށެވެ. އަދި ހެނދުނު ހޭލާއިރު ތަކުރާރުކޮށް އެލާމް 'ސްނޫޒް' ކުރުމުގެ އިހުސާސް ކިތަންމެ ބޮޑުވި ނަމަވެސް، އެކަމާ ދުރުހެލިވާށެވެ. ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ހޭލުމަކީ ހަށިގަނޑުގެ 'ސާކޭޑިއަން ރިދަމް' ވަރުގަދަކޮށްދީ، ރޭގަނޑުގެ ނިދީގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ."

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް