ބްލަޝްވުމަކީ ވެސް ނޭނގޭ ފައިދާތަކެއް ލިބިދާނެކަމެއް
ހުސެއިން އާދަމް

މިއީ އަހަރެމެން އެންމެންނަށްވެސް ތަޖުރިބާކުރެވިފައިވާ އިހުސާސެކެވެ. ލަދުގަންނަ ވަގުތު ކަރުން ފެށިގެން ކޯތާފަތާ ހަމައަށް ހޫނުކަމެއް އަރައިގެންދެއެވެ. އެކަމާ މެދު ވިސްނާވަރަކަށް މޫނު މާ ބޮޑަށް ރަތްވެ، ހޫނުވެއެވެ. "ތިހިރީ ބްލަޝްވެފައި ހެއްޔޭ؟" މީހަކު އަހާލައިފިނަމަ، އެކަން އިތުރަށް ބޮޑުވެއެވެ. މިހެންވަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފްސަށް ސަމާލުކަން ހުއްޓިފައިވާ ވަގުތެއްގައި، އިޚްތިޔާރުން ބޭރުގައިވާ މި އަމަލަކީ ލިބޭ އިތުރު އަދަބެއް ފަދަ ކަމެކެވެ.
ނަމަވެސް، އިވޮލިއުޝަނަރީ ސައިންސް ބުނާގޮތުގައި ލަދުން މޫނު ރަތްވުމަކީ އިޖުތިމާއީ ގޮތުން ފައިދާތަކެއް ހުރި ކަމެކެވެ. މިކަމަށް ބަލާލަމާ ހެއްޔެވެ؟
ލަދުން މޫނު ރަތްވުމަކީ ކޮބައި؟
ލަދުން މޫނު ރަތްވުމަކީ (ބްލަޝިން) ލަދުގަތުން ނުވަތަ އަމިއްލަ ނަފްސަށް މާ ބޮޑަށް ސަމާލުކަން ހުއްޓޭ ފަދަ އިހުސާސެއް ކުރެވުމުން ހަށިގަނޑުން ފެންނަ ރައްދުއަމަލެކެވެ. މިއީ ކަންފަތް، މޫނު، ކަރު ނުވަތަ މޭމަތީގެ ހަމަށް ލޭ ދައުރުވާ މިންވަރު ކުއްލިއަކަށް އިތުރުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
އިހުސާސެއްގެ ސަބަބުން މޫނު ރަތްވާން ފެށުމުން، ހަށިގަނޑުގެ އަމިއްލަ ޒާތުގައި ހިނގާ ކަންކަން ކޮންޓްރޯލްކުރާ 'ސިމްޕަތެޓިކް ނާވަސް ސިސްޓަމް' ހަރަކާތްތެރިވެ، އެޑްރެނަލިން ބޭރުކުރެއެވެ. މީގެ ސަބަބުން ލޭހޮޅިތަކުގައިވާ ކުދި މަސްތައް ދޫވެގެންދެއެވެ.
ހަށިގަނޑުގެ އެހެން ބައިތަކުގައި އެޑްރެނަލިންގެ ސަބަބުން ލޭހޮޅިތައް ހަނިވި ނަމަވެސް، މޫނުގައި މިކަން ވަނީ މީގެ އިދިކޮޅަށެވެ. މޫނުގެ ލޭހޮޅިތައް ފުޅާވެއެވެ. މީގެ މާނައަކީ ހަމުގެ ފަށަލައަށް ދައުރުވާ ލޭގެ މިންވަރު އިތުރުވެ، މޫނު ހޫނުވާން ފެށުމެވެ. މޫނު ރަތްވަނީ ހަމުގެ މަތީ ފަށަލައާ ކައިރިއަށް ކުއްލިއަކަށް ލޭ ފޮނުވާލުމުގެ ސަބަބުންނެވެ.
ހަންގަނޑު އަލި މީހުންގެ ކިބައިން މި ރަތްކަން މާ ބޮޑަށް ފާހަގަވެއެވެ. ހަންގަނޑު ކުލަގަދަ ނުވަތަ ކަޅު މީހުންގެ ކިބައިން މި ބަދަލު ފެންނަލެއް ކުޑަވެދާނެއެވެ ނުވަތަ އެއްގޮތަކަށްވެސް ނުފެނިދާނެއެވެ. ނަމަވެސް ހަށިގަނޑުގެ އެތެރޭގައި ހިނގާ މި ޕްރޮސެސްއަކީ ހަމަ އެކައްޗެކެވެ.
އެހެން މީހުންނަށް އެކަން ފެނުނަސް ނުފެނުނަސް، މޫނަށް އަރާ ހޫނުކަމާއި ކުޑަ ތުރުތުރުލުމެއް ފަދަ އިހުސާސެއް ކުރެވޭނެއެވެ.
ލަދުން މޫނު ރަތްވުމުގެ އިޖުތިމާއީ ދައުރު
މީހުންގެ މޫނު ރަތްވަނީ އަމިއްލަ ނަފްސަށް މާ ބޮޑަށް ސަމާލުކަން ހުއްޓޭ ވަގުތުތަކުގައެވެ. މިއީ އާންމުކޮށް ބޭނުންނުވާ އިޖުތިމާއީ ސަމާލުކަމެއް ލިބުމުން ދިމާވާ ކަމެކެވެ.
އެހެންކަމުން، މީގައި 'ފައިޓް-އޯ-ފްލައިޓް' ސިސްޓަމް ބައިވެރިވި ނަމަވެސް، މިއީ ނުރައްކަލަކަށް ތައްޔާރުވުމުގެ އަމަލެއް ނޫނެވެ. އޭގެ ބަދަލުގައި، ސައިންސްވެރިން ދެކޭގޮތުގައި މިއީ އިޖުތިމާއީ ސިގްނަލެއްގެ ގޮތުގައި އުފެދިފައިވާ ކަމެކެވެ. އެއީ ތިމާއަށް ކުށެއް ކުރެވިއްޖެކަން ނުވަތަ ލަދުގަނެއްޖެކަން އެހެން މީހުންނަށް އަންގައިދޭ ގޮތެކެވެ.
މީގެ ސަބަބުން އިތުބާރު އުފެއްދުމަށް އެހީތެރިވެދެއެވެ. ސަބަބަކީ މޫނު ރަތްވުމަކީ އިޚްތިޔާރުން ބޭރުގައިވާ ކަމަކަށް ވާތީ، މީހުން އެކަން ބަލައިގަންނަނީ ތެދުވެރިކަމުގެ ނިޝާނެއްގެ ގޮތުގައެވެ. މިއީ އިޖުތިމާއީ ގޮތުން ކުރެވޭ ކުށަކަށް ބަހަކާ ނުލައި އެދެވޭ މާފެކެވެ. މީގެ ސަބަބުން ގުޅުންތައް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
ތަފާތު އިހުސާސްތަކުގެ ސަބަބުން މޫނު ރަތްވެދާނެއެވެ. ނަމަވެސް އޭގެ އަސްލަކީ ހަމަ އެކައްޗެކެވެ. އެއީ މޫނަށް ލޭ ދައުރުވާ މިންވަރު އިތުރުވެ ހޫނުވުމެވެ.
ތަފާތަކީ، މިސާލަކަށް ރުޅިއައުމުން މޫނު ރަތްވަނީ ހިތްހަމަނުޖެހުމާއި ޖޯޝުގެ ސަބަބުންނެވެ. ނަމަވެސް ލަދުގަތުމުން މޫނު ރަތްވަނީ އަމިއްލަ ނަފްސަށް ހުއްޓޭ ސަމާލުކަމާއި އިޖުތިމާއީ އިހުސާސްތަކުގެ ސަބަބުންނެވެ.
މީހުން މޫނު ރަތްވަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. މިސާލަކަށް، އެއް ދިރާސާއަކުން ދެއްކި ގޮތުގައި ސޯޝަލް އެންޒައިޓީ ހުންނަ ކުދިންނަށް މާ ބޮޑަށް ތައުރީފު ކުރުމުން ލަދުން މޫނު ރަތްވެއެވެ.
އިތުރު ދިރާސާއަކުން ދެއްކި ގޮތުގައި، ނާސިސިޒަމް ނުވަތަ އަމިއްލަ ނަފްސަށް މާ ބޮޑަށް ބޮޑާވެގަތުމުގެ ސިފަ ހުންނަ ކުދިންގެ މޫނު ރަތްވަނީ ހަމައެކަނި އާދައިގެ ވަރަކަށް ތައުރީފު ކުރުމުންނެވެ.
ސައިންސްވެރިން ބުނާގޮތުގައި މިއީ އެކުދިން އަމިއްލައަށް ގަބޫލުކުރާ މޮޅުކަމާ، ލިބުނު ތައުރީފާ ދިމާނުވުމުން ވާގޮތެކެވެ. އެންމެ ގިނައިން މޫނު ރަތްވަނީ ކޮން ބައެއްގެ ހެއްޔެވެ؟އަންހެނުންނާއި ޒުވާނުން ލަދުން މޫނު ރަތްވުން ނުވަތަ ބްލަޝްވުން އިތުރެވެ. މިއީ ޒުވާންކަމާއި، ދިރުމާއި، އަދި ދަރިމައިވުމުގެ ގާބިލުކަމާ މިކަން ގުޅުވޭ ސަބަބަކަށް ވެދާނެއެވެ.
ސޯޝަލް އެންޒައިޓީ ހުންނަ މީހުންގެ މޫނު ރަތްވުމުގެ ފުރުސަތު ވެސް ބޮޑެވެ. ނަމަވެސް، އުމުރުން ދުވަސްވެ ދިރިއުޅުމުގެ ތަޖުރިބާ އިތުރުވަމުންދާ ވަރަކަށް، ލަދުން މޫނު ރަތްވުން މަދުވެއެވެ. މިއީ އިޖުތިމާއީ އުސޫލުތަކަށް އަހުލުވެރިވުން ނުވަތަ އެ އުސޫލުތަކާ ހިލާފުވުމުން އެކަމާ މާބޮޑަށް ފަރުވާލެއް ނުބެހެއްޓުމުގެ ނިޝާނަކަށް ވެދާނެއެވެ.
މޫނު ރަތްވުމުގެ ބައްޔެއް ކަމަށްވާ 'ފޭޝަލް އެރިތީމާ' (ދާއިމީކޮށް މޫނު ރަތްވެފައި ހުރުން) ހުންނަ މީހުންނަކީ ލަދުން މޫނު ރަތްވާ ބައެއް ކަމަށް ގިނަ ފަހަރަށް ނުބައިކޮށް ހީކުރެވެއެވެ. ނަމަވެސް މި ހާލަތު މެދުވެރިވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ރޮޒޭޝިއާ، އެލާޖިކް ކޮންޓެކްޓް ޑާމަޓައިޓިސް، ބޭހަކަށް ކުރާ ނޭދެވޭ އަސަރު، އަދި ލޫޕަސް އެރިތިމަޓޯސަސް (ދާއިމީ އޮޓޯއިމިއުން ބައްޔެއް) ހިމެނެއެވެ.
މޫނު ރަތްވުމާ ގުޅިގެން އެހީތެރިކަން ހޯދަންވީ ކޮން އިރަކު؟
މޫނު ރަތްވުމަކީ އަމިއްލަ އިހުތިޔާރުން ބޭރުގައި ހިނގާ ކަމަކަށްވާތީ، އެކަން ފެށުމުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، މޫނު ރަތްވެފައި ހުންނަތާ މަދު ދުވަސްކޮޅަކަށް ވުރެ ގިނަ ދުވަސްވާނަމަ، ނުވަތަ ތަދުވާނަމަ، ނުވަތަ ސިފައަށް އަންނަ ބަދަލުގެ ސަބަބުން ނަފްސާނީ ގޮތުން އުނދަގޫވާނަމަ، އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ނުވަތަ ސިއްހީ މާހިރަކަށް ދައްކާށެވެ.
އިޖުތިމާއީ ބިރުވެރިކަމުގެ ސަބަބުން މޫނު ރަތްވާ މީހުންނަށް 'ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ' (ނޭދެވޭ ވިސްނުންތަކާއި އަމަލުތައް އިސްލާހުކުރުމަށް އެހީތެރިވެދޭ ވާހަކަދައްކައިގެން ދޭ ފަރުވާއެއް) ބޭނުންތެރިވެދާނެއެވެ.
މޫނު ރަތްވަނީ ނާރުގެ ނިޒާމު މާބޮޑަށް ހަރަކާތްތެރިވުމުގެ ސަބަބުން ކަމަށްވާ ނާދިރު ހާލަތްތަކުގައި، އޮޕަރޭޝަން ކުރުމަށް ލަފާދީފާނެއެވެ. މީގެ ދެ ބާވަތެއް އޮވެއެވެ: 'ސިމްޕަތެކްޓޮމީ' އަކީ މައިބަދަ ކައިރިން ދާ ނާރުގެ ފައިބަރުތަކުން ބައެއް ނެގުމެވެ. އަދި 'ސިމްޕަތިކޮޓޮމީ' އަކީ ދެވަނަ މޭކަށިގަނޑު ކައިރިން، މައިބަދައާ ގުޅޭ ހިސާބުން މި ނާރު ބުރިކޮށްލުމެވެ.
ހެކިތަކުން ދައްކާ ގޮތުގައި މި އޮޕަރޭޝަންތަކަކީ ނަތީޖާ ރަނގަޅު އަދި ބޮޑެތި އުނދަގޫތައް ތަހައްމަލުކުރާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަންކަމެވެ.
އެހެންނަމަވެސް، ގިނަ މީހުންނަށް މޫނު ރަތްވުމަކީ ސިއްހީ ފަރުވާ ބޭނުންވާ ކަމެއް ނޫނެވެ. ލަދުގަންނަ ވަގުތުކޮޅު ފަހަނައަޅައި ދިއުމުން، އަމިއްލަ އިހުތިޔާރުން ބޭރުގައި ހިނގާ މި ކަމަކީ ހަށިގަނޑުން ދޭ ސިގްނަލްތަކާ މެދު ވިސްނާލުމަށާއި، އަމިއްލަ ނަފްސާއި ދުނިޔެއާ އޮންނަ ގުޅުން ދެނެގަތުމަށް ލިބޭ ފުރުސަތަކަށް ހެދިދާނެއެވެ.