ކުރީގެ ޓެރަރިސްޓަށް ޓްރަމްޕްގެ ހޫނު މަރުހަބާއެއް
ހުސެއިން އާދަމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރަޢާއާ ވައިޓް ހައުސްގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ޚަޒާނާގެ ދާއިރާއިން ސީރިއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު ހަ މަސްދުވަހަށް ހުއްޓާލާނެކަން އެމެރިކާއިން އިއުލާނުކުރުމަށް ފަހުއެވެ.
ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ އަލް-ޝަރަޢާއަށް މިދިޔަ އަހަރު ލިބުނު ހައިރާންކުރުވަނިވި ކާމިޔާބީތަކަށް އިތުރުވި ބޮޅެކެވެ. އުމުރުން 43 އަހަރުގެ އަލް-ޝަރަޢާއަކީ ކުރިން އަލް-ޤާއިދާގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ބޭފުޅެކެވެ. އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހު ސީރިއާގެ ގިނަ ދުވަސްވީ ހަރުކަށި ލީޑަރު ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކޮށް ސީރިއާގެ ވެރިކަން ހޯދާފައެވެ.
އަލް-ޝަރަޢާ ބޭނުންފުޅުވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ އޭނާގެ ޤައުމު އެއްބައިވަންތަކޮށް، އެ ޤައުމު ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވެފައިވާ ދިގު މުއްދަތު ނިމުމަކަށް ގެނައުމަށެވެ. އޭނާއަކީ 1946 ވަނަ އަހަރު ސީރިއާއަށް މިނިވަންކަން ލިބުނު ފަހުން ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ސީރިއާގެ ލީޑަރެވެ.
ސީރިއާގެ ސަރުކާރުން ބުނި ގޮތުގައި އަލް-ޝަރަޢާ އާއި ޓްރަމްޕް ބޭއްވެވި މަޝްވަރާތަކުގައި "ސީރިއާ އާއި އެމެރިކާއާ ދެމެދުގައިވާ ދެޤައުމުގެ ގުޅުންތަކާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް ތަރައްޤީކުރުމުގެ ގޮތްތަކާއި، އަދި ދެޤައުމަށްވެސް ޢާންމު މަޞްލަޙަތު ހުރި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި" ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ޓްރަމްޕް ވަނީ ބައްދަލުވުމަށްފަހު އަލް-ޝަރަޢާއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ.
ސީރިއާގެ ރައީސާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ، "އޭނާ އަންނަނީ ވަރަށް އުނދަގޫ ތަނަކުން، އަދި އޭނާއަކީ ވަރުގަދަ ބޭފުޅެއް. އަހަރެންނަށް އޭނާ ކަމުދޭ."
"ސީރިއާ ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ސަބަބަކީ އެއީ މެދުއިރުމަތީގެ ބައެއް. މިހާރު މެދުއިރުމަތީގައި އޮތީ ސުލްޙަ – މިކަން ހިނގާފައިވާކަމަށް އެއްވެސް މީހަކަށް ހަނދާންވާ ފުރަތަމަ ފަހަރު."
ނަމަވެސް ޓްރަމްޕް ވަނީ އަލް-ޝަރަޢާގެ މާޒީގެ މައްސަލަތަކަށްވެސް އިޝާރާތްކުރައްވާފައެވެ. "އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް އުނދަގޫ މާޒީއެއް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
އަލް-ޝަރަޢާ ފަހުން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އަލް-ޤާއިދާއާ އޭނާ ގުޅިފައިވުމަކީ މާޒީގެ ކަމެއް ކަމަށާއި، ޓްރަމްޕާ ބައްދަލުކުރެއްވި ބައްދަލުވުމުގައި އެކަމާ މަޝްވަރާކޮށްފައި ނުވާކަމަށެވެ. ސީރިއާއަކީ މިހާރު އެމެރިކާގެ ޖިއޯޕޮލިޓިކަލް އެކުވެރިއެއް ކަމަށާއި އެއީ އެމެރިކާއަށް އޮތް ބިރެއް ނޫން ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.