ދުނިޔެ

ބަންގްލަދޭޝްގެ ޖެން-ޒީ ސިޔާސީ ހަގީގަތާއި ކުރިމަތިލާން ތައްޔާރުވަނީ!

ކ

ކްރިޓިކްސް

20 ޖަނަވަރީ 2026
08:50
ބަންގްލަދޭޝްގެ ޖެން-ޒީ ސިޔާސީ ހަގީގަތާއި ކުރިމަތިލާން ތައްޔާރުވަނީ!

އުމުރުން 27 އަހަރުގެ ރަފިއުލް އާލަމް އޭނާގެ ބޮޑުވަމުން އައި ދުވަސްތަކުގައި ގަބޫލުކުރަމުން އައީ ބަންގްލަދޭޝްގައި ވޯޓުލުމަކީ އެއްވެސް މާނައެއް ނެތް ކަމެއްގެ ގޮތުގައެވެ. އޭނާގެ ޖީލުގެ ގިނަ ބަޔަކާ އެއްފަދައިން، އޭނާ ބޮޑުވީ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދިގު ވެރިކަމުގެ ދަށުގައެވެ. އެ ދުވަސްވަރު އިދިކޮޅު ޕާޓީތަކާއި އިންތިޚާބުތައް އޮބްޒާވްކުރާ ފަރާތްތަކުން ދިޔައީ ތަކުރާރުކޮށް އިންތިޚާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. ވޯޓުލުމުގެ ހައްގު ލިބުނުތާ ގާތްގަނޑަކަށް ދިހަ އަހަރު ވެފައިވީ ނަމަވެސް، އާންމު ރައްޔިތުންނަށް ސިޔާސީ ނަތީޖާތަކަށް އެއްވެސް ނުފޫޒެއް ފޯރުވޭނެ ކަމުގެ އިތުބާރު ނެތުމުން، 2018 އަދި 2024 ވަނަ އަހަރުގެ އިންތިޚާބުގައި އާލަމް ބައިވެރިއެއް ނުވެއެވެ.

ސިޔާސީ ކަންކަމާ ދުރުހެލިވުމުގެ މި އިހުސާސަކީ ބަންގްލަދޭޝްގެ ޒުވާނުންގެ މެދުގައި އާންމު ކަމެކެވެ. ގިނަ ޒުވާނުން ދެކުނީ އިންތިޚާބުތަކަކީ ހަގީގީ ޑިމޮކްރެޓިކް މަރުހަލާއެއްގެ ބަދަލުގައި ހަމައެކަނި ދެއްކުންތެރި ކަމެއްގެ ގޮތުގައެވެ. ހަސީނާގެ ސަރުކާރުގައި، މައްސަލަޖެހިފައިވާ އިންތިޚާބުތަކާއި، އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓް ކުރުމާއި، އަދި އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވުނު ތުހުމަތުތަކުގެ ސަބަބުން، ވެރިކަމުގެ ބާރުތައް ވަނީ ވަކި ބައެއްގެ އަތްމަތީގައި ހިފެހެއްޓިފައި ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމުގެ ގަބޫލުކުރުން ވަރުގަދަވިއެވެ. ގިނަ ޒުވާނުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށްވުރެ ތައުލީމާއި، ވަޒީފާ ނުވަތަ ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރުން މާ ބުއްދިވެރި ކަމެއްގެ ގޮތުގައި ފެނުނެވެ.

ނަމަވެސް، ޖުލައި 2024 ގައި އެ ތަސައްވުރު މުޅިން ބަދަލުވެގެން ދިޔައެވެ. އެއީ ސަރުކާރުގެ ވަޒީފާގެ ކޯޓާ ސިސްޓަމާ ދެކޮޅަށް ދަރިވަރުން އިސްވެ ފެށި މުޒާހަރާތައް މުޅި ގައުމީ އުތުރިއެރުމަކަށް ބަދަލުވި ހިސާބުންނެވެ. ސަލާމަތީ ބާރުތަކުން ހަރުކަށިކަމާއެކު ކުރިމަތިލަމުން ދިޔައިރު، އާލަމް ވެސް ޑާކާގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ބައިވެރިވެ، މުޒާހަރާގެ އިންތިޒާމުތަކުގައި އެހީތެރިވިއެވެ. އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ބުނާ ގޮތުގައި، އޮގަސްޓް 5، 2024 ގައި ހަސީނާ އިންޑިއާއަށް ފިލައިގެން ގޮސް، އޭނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައުމުގެ ކުރިން، ގާތްގަނޑަކަށް 1,400 މީހުން މަރުވިއެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.

ހަސީނާ ވެރިކަމުން ދުރުވުމަކީ ނަފްސާނީ ގޮތުން އައި ބޮޑު ބަދަލެކެވެ. ފުރަތަމަ ފަހަރަށް، ބަންގްލަދޭޝްގެ ގިނަ ޒުވާނުންނަށް އިހުސާސް ކުރެވުނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ހަގީގީ ބަދަލެއް ގެނެވިދާނެ ކަމަށެވެ. މި އުތުރިއެރުމަށްފަހު ބާއްވާ ފުރަތަމަ ގައުމީ އިންތިޚާބު ފެބްރުއަރީ 12 ގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އާލަމް ގަސްދުކުރަނީ ފުރަތަމަ ފަހަރަށް ވޯޓުލާށެވެ. ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން ވަނީ މި އިންތިޚާބަކީ 2026 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެ މުހިންމު އެއް ޑިމޮކްރެޓިކް ހަރަކާތުގެ ގޮތުގައި ސިފަކޮށްފައެވެ.

ބަންގްލަދޭޝްގައި ގާތްގަނޑަކަށް 127 މިލިއަން ރަޖިސްޓްރީ ކުރެވިފައިވާ ވޯޓުލާ މީހުން ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 56 މިލިއަން މީހުންނަކީ 18 އަހަރާއި 37 އަހަރާ ދެމެދުގެ މީހުންނެވެ. މިއީ ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް 44 އިންސައްތައެވެ. އިންތިޚާބީ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، 2008 ގެ ފަހުން ވޯޓުލުމުގެ އުމުރު ހަމަވި އެއްވެސް މީހަކަށް، ހަގީގީ ވާދަވެރި ގައުމީ އިންތިޚާބެއްގެ ތަޖުރިބާއެއް ކުރެވިފައެއް ނުވެއެވެ. 2014، 2018 އަދި 2024 ވަނަ އަހަރުގެ އިންތިޚާބުތަކަކީ ބޮއިކޮޓް ކުރުމާއި، ވާދަވެރިއަކު ނެތި ގޮނޑިތައް ކާމިޔާބު ކުރުމާއި، އަދި ވޯޓު ފޮށިތަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތަކާއެކު، އޭގެ ސައްހަކަމާ މެދު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އިންތިޚާބުތަކެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ޖީލުގެ ވޯޓުލާ މީހުން އެއްބައިވަނީ ވަކި ފިކުރަކަށްވުރެ ބޮޑަށް، ސިޔާސީ މުއައްސަސާތަކަށް އޮތް އިތުބާރު ކުޑަކަމުގެ ސަބަބުންނެވެ. އަހަރުތަކެއް ވަންދެން ކުރިމަތިވި ފިއްތުންތަކާއި ޒިންމާދާރުކަން ކުޑަ ވެރިކަމުގެ ސަބަބުން، ސިޔާސީ ޕާޓީތަކާ މެދު ޝައްކު އުފެދިފައިވާ އަދި ބޮޑެތި ވައުދުތަކަށް ފާރަވެރިވާ ޖީލެއް ވަނީ އުފެދިފައެވެ. ހަމައެއާއެކު، 2024 ގެ އުތުރިއެރުމުން އުފެދުނު އުންމީދުތައް އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، އަދި ސިޔާސީ އިސްލާހަށް ކުރާ އުންމީދުތައް އަދިވެސް އޮތީ ވަރަށް މަތީގައެވެ.

އުތުރިއެރުމަށްފަހު އުފެދުނު ސިޔާސީ މާހައުލުގެ ސަބަބުން ގިނަ ޒުވާން އެކްޓިވިސްޓުން ތިބީ މާޔޫސްވެފައެވެ. ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް އިސްވެ ހުންނަވާ އިންތިގާލީ ސަރުކާރުން އަވާމީ ލީގު ސިޔާސީ ހަރަކާތްތަކުން މަނާކުރުމާއެކު، މި އިންތިޚާބު މިހާރު ވެފައިވަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އާއި ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ ދެ ކޯލިޝަނެއްގެ މެދުގައި އޮތް ވާދަވެރިކަމަކަށެވެ.ބައެއް މުޒާހަރާވެރިން ދެކޭގޮތުގައި، މި ނަތީޖާއަކީ އިންގިލާބުގެ ރޫހާ ހިލާފު ކަމެކެވެ.

މުޒާހަރާގެ ތެރެއިން އުފެދުނު ޒުވާނުންގެ ގްރޫޕެއް ކަމަށްވާ ނޭޝަނަލް ސިޓިޒަން ޕާޓީ (އެން.ސީ.ޕީ) އިން، ޖަމާއަތޭ އިސްލާމީއާ އެކު އިންތިހާބީ އިއްތިހާދެއް ހެދުމުން މާޔޫސްކަން އިތުރަށް ބޮޑުވިއެވެ. ޖަމާއަތޭ އިސްލާމީއަކީ ކަނާތު ފިޔަވީގެ ހަރުކަށި ފިކުރުގެ ޕާޓީއަކަށް ވުމުގެ އިތުރުން، 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމާ ދެކޮޅު ހެދި ހެދުމަކީ އަދިވެސް ބޮޑެތި ބަހުސްތަކެއް ހިނގާ ކަމެކެވެ. މި ނިންމުމާ ގުޅިގެން އެން.ސީ.ޕީގެ ތެރޭގައި އިސްތިއުފާ ދިނުން އިތުރުވެ، ބައެއް ކުރީގެ ލީޑަރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމިއެވެ. އެމީހުން ބުނާ ގޮތުގައި ޕާޓީން ވަނީ އޭގެ އަސާސީ އުސޫލުތައް ދޫކޮށްލާފައެވެ. ނަމަވެސް އެން.ސީ.ޕީގެ ލީޑަރުން މި އިއްތިހާދު ދިފާއުކުރަނީ މިއީ ފިކުރީ ބަދަލެއް ނޫން ކަމަށާއި، މިއީ ސްޓްރެޓީޖިކް ގޮތުން މަޖުބޫރުވި ކަމެއްގެ ގޮތުގައެވެ.

މިފަދަ މާޔޫސްކަންތައްތަކެއް ހުރި ނަމަވެސް، ގިނަ ޒުވާން ވޯޓުލާ މީހުން އަދިވެސް ދެކެނީ ފެބްރުއަރީ މަހުގެ އިންތިހާބަކީ ވަރަށް މުހިންމު އިމްތިހާނެއްގެ ގޮތުގައެވެ. ބައެއް މީހުން އުންމީދު ކުރަނީ މީގެ ސަބަބުން މަދުވެގެން އަސާސީ ޑިމޮކްރެޓިކް ނިޒާމު އިއާދަވާނެ ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އެމީހުންގެ ތާއީދު ބިނާވާނީ ރައްކާތެރިކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އަދި އިގްތިސާދީ ފުރުސަތުތަކުގެ ކަށަވަރުކަން ލިބޭ މިންވަރެއްގެ މައްޗަށެވެ.

އަންހެން ވޯޓުލާ މީހުންނަށް ކުރިމަތިވެފައިވަނީ ވަރަށް ދަތި އިހުތިޔާރުތަކެކެވެ. ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ވިޔަސް، ކެންޑިޑޭޓުންގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ އެންމެ 4 އިންސައްތައެވެ. އެކްޓިވިސްޓުން އިންޒާރު ދޭ ގޮތުގައި އިންގިލާބަށް ފަހު އަންހެނުންނަށް ސިޔާސީ ދާއިރާގައި އޮތް ޖާގަ ވަނީ ހަނިވެފައެވެ. އަދި ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ ސަބަބުން ގިނަ އަންހެނުން ވަނީ އާންމު ދާއިރާއާ ދުރަށް ޖެހިފައެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަންހެނުންގެ އެކަށީގެންވާ ތަމްސީލުވުމެއް ނެތި، ސިޔާސީ އިސްލާހުގެ ވައުދުތައް ފުރިހަމައެއް ނުވާނެއެވެ.

އެހެން ނަމަވެސް، ދާއިމީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. 2024 ގެ އިންގިލާބުން ބަންގްލަދޭޝްގެ ޒުވާނުން ބާރާއި ޒިންމާދާރުކުރުވުމާ މެދު ދެކޭ ގޮތް ވަނީ ބަދަލުކޮށްލާފައެވެ. އާލަމް ބުނާ ފަދައިން، ވެރިކަމުގެ ބާރުތަކާ ސުވާލުކުރުމަކީ މިހާރު ދާއިމީ އާދައަކަށް ވެއްޖެއެވެ. އަދި އިންތިހާބުން ކޮންމެ މީހަކު މޮޅުވި ނަމަވެސް، މި އާދަ ދެމިއޮންނާނެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް