ދުނިޔެ

އެމެރިކާގެ ސަލާމަތީ އެއްބަސްވުމުގައި ސޮއިކުރުމަށް 100 އިންސައްތަ ތައްޔާރު - ޔޫކްރޭން

ހއ

ހުސެއިން އާދަމް

26 ޖަނަވަރީ 2026
07:49
އެމެރިކާގެ ސަލާމަތީ އެއްބަސްވުމުގައި ސޮއިކުރުމަށް 100 އިންސައްތަ ތައްޔާރު - ޔޫކްރޭން

އަބޫދާބީގައި ރަޝިޔާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރްޒެލެންސްކީ އެމެރިކާއިން އެ ގައުމަށް ދޭ ސަލާމަތީ ކަށަވަރުކަމުގެ އެއްބަސްވުން ސޮއިކުރުމަށް "100 އިންސައްތަ ތައްޔާރު" ކަމަށް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ލިތުއޭނިއާގެ ވިލްނިއަސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެ އެއްބަސްވުން ތަސްދީގު ކުރުމަށްޓަކައި އެމެރިކާގެ ކޮންގްރެސް އަދި ޔޫކްރެއިންގެ ޕާލަމެންޓަށް ފޮނުވުމަށް ޔޫކްރޭންސް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަލާމަތީ ކަށަވަރުކަމަކީ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ގޮތެއްގައި އެމެރިކާއިން ލިބޭ ސަލާމަތީ ކަށަވަރުކަން. ލިޔެކިޔުންތައް މިހާރު އޮތީ 100 އިންސައްތަ ތައްޔާރަށް، އަދި އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ މި އެއްބަސްވުމުގައި ސޮއިކުރާނެ ތާރީޚާއި ތަން އަޅުގަނޑުމެންގެ ބައިވެރިން ކަށަވަރުކޮށްދޭނެ ވަގުތަކަށް،" ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ލީޑަރު ވަނީ 2027 ވަނަ އަހަރާ ހަމައަށް ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިން ކުރަމުންދާ މަސައްކަތަށް ބާރުއަޅުއްވައި، އެއީ "އިގްތިސާދީ ސަލާމަތީ ކަށަވަރުކަމެއް" ކަމަށް ސިފަކުރައްވާފައެވެ.

ރަޝިއާއިން ކުރަމުންދާ ގާތްގަނޑަކަށް ހަތަރު އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ އޮނިގަނޑާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޔޫކްރެއިންާއި ރަޝިޔާގެ މަންދޫބުން ހުކުރު އަދި ހޮނިހިރު ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށުގައި ބައްދަލުކުރެއްވިއެވެ.

މި މަޝްވަރާތަކުން އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް، އިތުރު ވާހަކަތަކަށް ދެ ގައުމުންވެސް ތައްޔާރަށް ތިބި ކަމަށް ބުނެފައިވާ ކަމަށާއި، އަންނަ އާދީއްތަ ދުވަހު އަބޫދާބީގައި އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.

ޒެލެންސްކީ ސިފަކުރެއްވި ގޮތުގައި މި މަޝްވަރާތަކަކީ "ވަރަށް ގިނަ ދުވަސްތަކަކަށްފަހު" ހަމައެކަނި ޑިޕްލޮމޭޓުންގެ އިތުރުން ތިން ފަރާތުގެ އަސްކަރީ މަންދޫބުންވެސް ހިމެނޭ ގޮތަށް ބޭއްވުނު ފުރަތަމަ ތިންފަރާތް ހިމެނޭ ބައްދަލުވުމެވެ.

ޔޫކްރެއިންގެ ލީޑަރު ވަނީ ޔޫކްރެއިންާއި ރަޝިޔާގެ ގަބޫލުކުރުންތަކުގައި އަސާސީ ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވައި، ބިމުގެ މައްސަލަތަކަކީ އެންމެ ބޮޑު ހުރަސް ކަމަށް އަނެއްކާވެސް ވިދާޅުވެފައެވެ.

ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދިގުލައިގެން ދިޔަ މަޝްވަރާތަކެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ އާއެކު ޔޫކްރެއިންގެ މައްސަލައަށް ހައްލެއް ހޯދުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ރަޝިއާއިން ބާރުއަޅަމުންދަނީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި، ރަޝިޔާއިން ހިފާފައިވާ ނަމަވެސް މުޅިން ކޮންޓްރޯލް ނުކުރެވޭ އިރުމަތީ ސަރަހައްދުތަކުން ޔޫކްރެއިންގެ ސިފައިން ބާލަންޖެހޭނެ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ބޭނުންވަނީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތައް ދޫކޮށްލުމަށް ކަމަށްވީ ނަމަވެސް، ގައުމުގެ އިސްތިގުލާލާއި ބިމުގެ މިނިވަންކަން ދަމަހައްޓަންޖެހޭނެ ކަމަށް ބުނާ ބުނުމަށް ޔޫކްރޭނުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

"މިއީ މުޅިން ތަފާތު ދެ ގަބޫލުކުރުމެއް - ޔޫކްރެއިންގެ އަދި ރަޝިޔާގެ. އެމެރިކާ މީހުން މި މަސައްކަތް ކުރަނީ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް،" ޒެލެންސްކީ ވިދާޅުވިއެވެ. އަދި "ހުރިހާ ފަރާތްތަކަކުންވެސް ދޫދިނުމަށް ތައްޔާރަށް ތިބެންޖެހޭނެ" ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް