ދުނިޔެ

ސްކޭމް ހިންގި 11 މީހަކަށް ޗައިނާއިން މަރުގެ އަދަބުދީފި

ހއ

ހުސެއިން އާދަމް

29 ޖަނަވަރީ 2026
08:42
ސްކޭމް ހިންގި 11 މީހަކަށް ޗައިނާއިން މަރުގެ އަދަބުދީފި

މިޔަންމާގައި ހިންގާ އޮންލައިން ސްކޭމް ސެންޓަރުތަކާ ގުޅުންހުރި 11 މީހަކަށް ޗައިނާއިން މަރުގެ އަދަބު ދީފިއެވެ. މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ ބައިނަލްއަގުވާމީ ސައިބަރ ކްރައިމް ނެޓްވޯކްތަކާ ދެކޮޅަށް ޗައިނާއިމް ފަށާފައިވާ މަސައްކަތް ވަރުގަދަކުރިކަމުގެ ނިޝާނެކެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އައުޓްލެޓް ޝިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވެންޒޫގެ ކޯޓަކުން ސެޕްޓެމްބަރު މަހު އިއްވި ހުކުމްތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ގަސްދުގައި މީހުން މެރުމާއި، ގަސްދުގައި އަނިޔާކުރުމާއި، ޣައިރު ގާނޫނީ ގޮތުން މީހުން ބަންދުކުރުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން ގަވާއިދާ ހިލާފަށް ކެސިނޯ ހިންގުން ފަދަ ސީރިއަސް ކުށްތަކަށް އެ މީހުން ކުށްވެރިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ބެއިޖިންގްގައި ހުންނަ ސުޕްރީމް ޕީޕަލްސް ކޯޓުން މި މަރުގެ ހުކުމްތައް ތަސްދީގުކުރަމުން ބުނެފައިވަނީ، 2015 ވަނަ އަހަރާ ހަމައަށް ދެމިގެން ގޮސްފައިވާ ޖިނާއީ ހަރަކާތްތަކުގެ ހެކިތައް "ސާފުކޮށް ލިބެން އެބަހުރި" ކަމަށެވެ.

މަރުގެ އަދަބު ދެވުނު މީހުންގެ ތެރޭގައި ނަން މަޝްހޫރު "މިންގް ފެމިލީ ކްރިމިނަލް ގްރޫޕް" ގެ މެންބަރުން ހިމެނެއެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ގްރޫޕަކީ ޗައިނާގެ 14 ރައްޔިތަކު މަރާލުމާއި އެތައް ބަޔަކަށް އަނިޔާކުރުމުގެ ޒިންމާ އުފުލަންޖެހޭ ބައެކެވެ. މި ގްރޫޕަކީ ފަހަކަށް އައިސް ބޮޑެތި އޮންލައިން ސްކޭމްތައް ހިންގާ މަރުކަޒަކަށް ވެފައިވާ މިޔަންމާގެ ބޯޑަރު ސަރަހައްދުތަކުގައި ސްކޭމް އޮޕަރޭޝަންތައް ހިންގުމުގައި އިސްކޮށް އުޅުނު ބައެކެވެ.

ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް މިޔަންމާގެ ހަމަނުޖެހުން ބޮޑު ބޯޑަރު ސަރަހައްދުތަކުގައި އޮންލައިން ސްކޭމް ހިންގާ މަރުކަޒުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ސެންޓަރުތަކަކީ އިންޓަނެޓް ބޭނުންކުރާ މީހުންނަށް ދޮގު ލޯބީގެ ގުޅުންތަކާއި އޮޅުވާލައިގެން ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދޭ ތަންތަނެވެ.

މިއީ އާންމުކޮށް "ޕިގް-ބަޗަރިންގް" ގެ ނަމުން މަޝްހޫރުވެފައިވާ އުކުޅެކެވެ. ގިނަ ބަޔަކު އަމިއްލައަށް މި ސްކޭމްތަކުގައި ބައިވެރިވާއިރު، އަނެއްބަޔަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެ، އަނިޔާގެ ބިރުދައްކައިގެން މަސައްކަތް ކުރުވާ މީހުންނެވެ.

ފެށުމުގައި ޗައިނާ ބަހުން ވާހަކަދައްކާ މީހުންނަށް އަމާޒުކުރި ނަމަވެސް، މި ގްރޫޕްތަކުން މިހާރު ވަނީ އެކި ބަސްބަހުން މުޅި ދުނިޔޭގެ މީހުންގެ އަތުން ފައިސާ ފޭރުމަށް އެމީހުންގެ މަސައްކަތް ފުޅާކޮށްފައެވެ. މިޔަންމާގައި މަރުކަޒުވެފައިވާ މި ފްރޯޑް ނެޓްވޯކްތަކުން ފޯނާއި އިންޓަނެޓް މެދުވެރިކޮށް ބިލިއަނުން ޑޮލަރު އަތުލާފައިވާ ކަމަށް ލަފާކުރެވެއެވެ.

މާހިރުން ބުނާ ގޮތުގައި މި ސްކޭމް ސެންޓަރުތަކުގެ ބޮޑު ބައެއް ހިންގަނީ ޗައިނާގެ ގްރޫޕްތަކުން މިޔަންމާގެ ލޯކަލް މިލިޝިއާތަކާ ގުޅިގެންނެވެ. މި ގްރޫޕްތަކުން ވަނީ 2021 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ވެރިކަން އަތުލި ފަހުން އެ ގައުމުގައި އުފެދިފައިވާ ދާހިލީ ހަމަނުޖެހުންތަކުގެ ފައިދާ ނަގާފައެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން މި އޮޕަރޭޝަންތަކަށް އަޅާނުލާ ކަމުގެ ތުހުމަތުތައް ކުރެވުނު ނަމަވެސް، އެ ގައުމުގެ މައިގަނޑު އެއް ބައިވެރިޔާ ކަމަށްވާ ޗައިނާގެ ފިއްތުންތަކާ ގުޅިގެން ފެބްރުއަރީ މަހުން ފެށިގެން ސިލްސިލާ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް، އެނަލިސްޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބައެއް ރޭޑްތަކަކީ ހަމައެކަނި ދެއްކުންތެރިކަމެކެވެ. އެއީ އަސްކަރިއްޔާއާ ގުޅުންހުރި މިލިޝިއާތަކަށް ލިބޭ ފައިދާއަށް ބޮޑު ބުރޫއެއް ނާރުވައި، ހަމައެކަނި ހާރިޖީ ފިއްތުންތައް ކުޑަކުރުމަށް ކުރާ ކަމެކެވެ.

އޮކްޓޯބަރު މަހު ހިންގި ފާހަގަކޮށްލެވޭ އޮޕަރޭޝަނެއްގައި، ތައިލެންޑް ބޯޑަރު ކައިރީގައި އޮންނަ މަޝްހޫރު ސްކޭމް ސެންޓަރެއް ކަމަށްވާ "ކޭކޭ ޕާކް" އަށް ވަދެ 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ސެޕްޓެމްބަރު މަހު ޗައިނާގެ ކޯޓުން ނެރުނު ހުކުމްތަކުގައި އިތުރު ފަސް މީހަކަށް ދެ އަހަރުގެ މުހުލަތަކާއެކު މަރުގެ ހުކުމް އިއްވާފައިވާއިރު، އިތުރު 23 މީހަކަށް ފަސް އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމްތައް ވަނީ އިއްވާފައެވެ.

މިއީ މިޔަންމާގެ ސްކޭމް ސެންޓަރުތަކާ ގުޅުންހުރި ކުށްތަކަށް ޗައިނާއިން މިފަދަ ހަރުކަށި އަދަބުތަކެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ނޮވެމްބަރު މަހު، ކޮކަންގް ސަރަހައްދުގައި ހިންގި އޮޕަރޭޝަންތަކުގައި ބައިވެރިވި ފަސް މީހަކަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަރުގެ އަދަބު އިއްވާފައެވެ. އެ މީހުން ކުރި ކުށްތަކުގެ ސަބަބުން ޗައިނާގެ ހަ ރައްޔިތަކު މަރުވި ކަމަށް ބުނެފައިވެއެވެ.

ސައިބަރ ސްކޭމް ސިނާއަތުގެ ނުރައްކާ އަދިވެސް އޮތީ ވަރަށް ބޮޑުކޮށެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި ހަމައެކަނި މިޔަންމާގެ ސްކޭމް ސެންޓަރުތަކުގައި 120،000 އާ ގާތްކުރާ އަދަދަކަށް މީހުން މަސައްކަތް ކުރަމުންދާއިރު، ކެމްބޯޑިއާގައި ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި 100،000 އެއްހާ މީހުން ތާށިވެފައި ތިބުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ އެކި ހިސާބުތަކުގައި އެތައް ހާސް ބަޔަކު މިފަދަ މަސައްކަތްތަކުގައި އުޅޭ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ފަތުރުވެރިކަން ހީނަރުވުމާ ގުޅިގެން، ޗައިނާ މީހުންގެ މިލްކުވެރިކަމުގައި ހުރި ގިނަ ކެސީނޯތަކާއި ހޮޓާތައް ގަވާއިދާ ހިލާފު އޮންލައިން ފްރޯޑް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ މަސައްކަތަށް ބަދަލުވުމާއެކު، ކެމްބޯޑިއާގައި ސްކޭމް އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ އޭޕްރީލް މަހު، އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ވަނީ ސައިބަރ ސްކޭމް ސިނާއަތް މިހާރު ދެކުނު އިރުމަތީ އޭޝިއާގެ ބޭރުން ދެކުނު އެމެރިކާ، އެފްރިކާ، މެދުއިރުމަތި، ޔޫރަޕް އަދި ޕެސިފިކްގެ ބައެއް ސަރަހައްދުތަކަށް ފެތުރެމުންދާ ކަމުގެ އިންޒާރު ދީފައެވެ.

އޮކްޓޯބަރު މަހު، އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ކެމްބޯޑިއާގައި ހުންނަ 'ޕްރިންސް ގްރޫޕް' ނެޓްވޯކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެ ގްރޫޕުން ކެމްބޯޑިއާ، މިޔަންމާ އަދި މުޅި ސަރަހައްދުގައި ސްކޭމް ސެންޓަރުތަކެއް ހިންގާ ކަމަށް އެ ގައުމުތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް