ރެއާލް މެޑްރިޑަށް ހުރަސްއެޅީ ބެންފީކާގައި ހުރެ މޮރީނިއޯ
ހުސެއިން އާދަމް

މެޗުގެ 98 ވަނަ މިނެޓުގައި ގޯލްކީޕަރު އަނަޓޯލީ ޓްރޫބިން ކާމިޔާބުކުރި ހައިރާންކުރުވަނި ހެޑާއަކާއެކު، 4-2 އިން ރެއާލް މެޑްރިޑް ބަލިކޮށް ބެންފީކާއިން ޗެމްޕިއަންސް ލީގުގައި ދެމިއޮތްއިރު، ރެއާލް މެޑްރިޑަށް ގަދަ 16 އިން ސީދާ ޖާގައެއް ލިބުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅާ ހަމައަށް 3-2 އިން ބެންފީކާ ކުރީގައި އޮތް ނަމަވެސް، އެ ނަތީޖާއާއެކު އެ ޓީމު އޮތީ މުބާރާތުން ކަޓާ ހިސާބުގައެވެ. ނަމަވެސް، ލިބުނު ހިލޭ ޖެހުމެއްގައި ކީޕަރު ޓްރޫބިން ކުރިއަށް އަރައި ކާމިޔާބުކުރި ލަނޑާއެކު، ގޯލުގެ ތަފާތުން ބެންފީކާ ވަނީ ޕްލޭއޮފް ބުރަށް ދަތުރުކޮށްފައެވެ.
ލިޒްބަންގެ ސްޓޭޑިއަމް އޮފް ލައިޓްގައި މި ލަނޑާއެކު ބެންފީކާގެ ކުޅުންތެރިންނާއި، ސަޕޯޓަރުން އަދި އެ ޓީމުގެ ކަރިޒްމެޓިކް ކޯޗު، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުން އުންމީދުކޮށްގެން ތިބީ ގަދަ އަށެއްގެ ތެރޭގައި ހިމެނިގެން ސީދާ ގަދަ 16 އަށް ދިއުމަށެވެ. ނަމަވެސް އަށް މެޗުން ލިބުނު 15 ޕޮއިންޓާއެކު އެކަން ކާމިޔާބެއް ނުވިއެވެ. މީގެ އިތުރުން، ރައުލް އަސެންސިއޯ އަދި ރޮޑްރީގޯއަށް ރަތް ކާޑު ދެއްކުމުން ރެއާލުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
މި މެޗުގައި ބެންފީކާގެ އެންޑްރިއަސް ޝްޖެލްޑަރަޕް ދެ ލަނޑު ޖެހިއިރު، ވަންގޭލިސް ޕަވްލިޑިސް ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. ބެންފީކާ ކުރިއަށް ދިޔައީ ކްލަބް ބްރޫޖް އަތުން 3-0 އިން ބަލިވި މާސޭ ކަޓުވާލުމަށްފަހުއެވެ.
ބެލްޖިއަމްގެ ސްޓޭޑިއަމްގައި ހުރި ބޮޑު ސްކްރީނުން ދެ ޓީމަށްވެސް މަރުހަބާ ކިޔާފައިވަނިކޮށް، ޓްރޫބިންގެ ލަނޑާއެކު މުޅި މަންޒަރު ބަދަލުވެގެން ދިޔައީއެވެ. މެޗުގެ ފަހު މިނެޓުތަކަށް ދިޔައިރު ދެ ޓީމަށްވެސް ތަފާތު ސަބަބުތަކަށްޓަކައި ލަނޑެއް ބޭނުންވެފައި އޮތެވެ.
މިއީ މުބާރާތުގެ އާ ފޯމެޓުގެ ސަބަބުން އެންމެ ލަނޑަކުންވެސް ތާވަލަށް ބޮޑު ބަދަލެއް އަތުވެދާނެކަމުގެ ހެއްކެކެވެ.
މެޗުގެ ކުރީކޮޅު ބެންފީކާއަށް ދެ ޕެނަލްޓީއެއް ނުލިބުނުއިރު، މެޗުގެ 30 ވަނަ މިނެޓުގައި އަސެންސިއޯ ނަގައިދިން ހުރަހަކުން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން، ވިއްސާރައިގެ ސަބަބުން އަސެންސިއޯ ކަހާލި ވަގުތު ޕަވްލިޑިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝްޖެލްޑަރަޕް ވަނީ ބޮލުން ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮޓަމެންޑީއަށް ކުރި ފައުލަކަށް ބެންފީކާއަށް ޕެނަލްޓީއެއް ލިބުނުއިރު، ޕަވްލިޑިސް ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގައި ޕަވްލިޑިސްގެ އެހީތެރިކަމާއެކު ޝްޖެލްޑަރަޕް އޭނާގެ ދެވަނަ ލަނޑު ޖަހައި 3-1 އަށް ނަތީޖާ ބަދަލުކުރިއެވެ. އޭގެ ފަހުން އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 36 ވަނަ ލަނޑެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅާ ހަމައަށްވެސް ބެންފީކާ އޮތީ ގަދަ 24 އިން ބޭރުގައެވެ. ނަމަވެސް ފްރެޑްރިކް އައުރްސްނެސް ނަގައިދިން ހިލޭ ޖެހުން ޓްރޫބިން ބޮލުން ގޯލަށް ފޮނުވާލައި، ލިޒްބަންގައި ހައިރާންކުރުވަނި ނަތީޖާއެއް ނެރެދިނެވެ.