އަރިޖިތު ސިންގް ލަވަ ކިޔުން ހުއްޓާލައިފި
ހުސެއިން އާދަމް

ބޮލީވުޑް ފިލްމުތަކުގައި ކިޔާފައިވާ ހިތްގައިމު ލޯބީގެ ލަވަތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަރިޖިތު ސިންގް، އޭނާގެ ފޭނުން އުންމީދު ނުކޮށް ތިއްބާ ނިންމި ކުއްލި ނިންމުމަކާ ގުޅިގެން ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރައިފިއެވެ.
ރިއަލިޓީ ޝޯ "ފޭމް ގުރުކުލް" އިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް އުމުރުން 38 އަހަރުގެ މި ލަވަކިޔުންތެރިޔާ، އޭނާގެ މި ނިންމުން ހާމަކުރީ ޖެނުއަރީ 27 ވަނަ ދުވަހު އޭނާގެ ޕްރައިވެޓް އެކްސް އެކައުންޓް މެދުވެރިކޮށެވެ.
ލަވަކިޔުމާ ދުރަށްދާން އޭނާ ނިންމިކަން އިއުލާން މިކުރީ، "ބެޓްލް އޮފް ގަލްވާން" ފިލްމަށް އޭނާ ކިޔައިދީފައިވާ "މާތުރުބޫމީ" ލަވަ ސޯޝަލް މީޑިއާގައި އާންމުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އޭނާ ރިޓަޔާކުރަން ނިންމި އަސްލު ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް، މިއުޒިކް އުފެއްދުން ހުއްޓުވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އަރިޖިތު ބުނެފައިވެއެވެ.
ދެ ފަހަރެއްގެ މަތިން ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ އަރިޖިތު އިތުރަށް ބުނި ގޮތުގައި، 2026 ވަނަ އަހަރާ ހަމައަށް ރިލީޒްވާނެ ލަވަތަކެއް އޭނާގެ އެބަހުއްޓެވެ. އެހެންނަމަވެސް، މީގެ ފަހުން އާ ފިލްމުތަކަށް އޭނާ ލަވަ އެއް ނުކިޔާނެއެވެ.
އޭނާގެ ޕްރައިވެޓް އެކައުންޓުން ކުރި ޓުވީޓެއްގައި އަރިޖިތު ލިޔެފައިވެއެވެ. "ހަލޯ، އެންމެހާ ބޭފުޅުންނަށް އުފާވެރި އާ އަހަރަކަށް އެދެން. މިވީހާ ދުވަހު އަޑުއެހުންތެރިންގެ ފަރާތުން އަހަންނަށް ދިން ބޮޑު ލޯތްބަށްޓަކައި ޝުކުރު އަދާކުރަން ބޭނުން." އޭނާ އިތުރަށް ބުންޏެވެ. "މިއަދުން ފެށިގެން ޕްލޭބެކް ވޯކަލިސްޓެއްގެ ގޮތުގައި އެއްވެސް އާ މަސައްކަތެއް ނުނަގަން ނިންމިކަން އުފަލާއެކު އިއުލާން ކުރަން. އަހަރެން މިކަން މި ހުއްޓާލަނީ. މިއީ ވަރަށް ފުރިހަމަ ދަތުރެއް."
އަރިޖިތުގެ ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ. "ކަލާނގެ އަހަންނަށް ވަރަށް އޯގާތެރިވެވޮޑިގެންފި. އަހަރެން މިއީ ރީތި މިއުޒިކަށް ލޯބިކުރާ މީހެއް، އަދި ކުރިމަގުގައި ކުޑަ އާޓިސްޓެއްގެ ގޮތުގައި އަމިއްލައަށް އިތުރު ކަންކަން ދަސްކޮށް، މަސައްކަތް ކުރާނަން. ތިޔަ ދެއްވި ހުރިހާ އެއްބާރުލުމަކަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދިވެސް ނުނިމި ހުރި ބައެއް މަސައްކަތްތައް އެބަހުރި، އެ މަސައްކަތްތައް ނިންމާނަން. އެހެންކަމުން މި އަހަރު ބައެއް ލަވަތައް ރިލީޒްވެދާނެ. ސާފުކޮށްދޭން ބޭނުންވަނީ މިއުޒިކް އުފެއްދުން އަހަރެން ހުއްޓާނުލާނެކަން."
2026 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ކުރިން، "ބެޓްލް އޮފް ގަލްވާން" ގެ އުފެއްދުންތެރިން ވަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ގައުމީ ލަވަ އާންމުކޮށްފައެވެ. "މާތުރުބޫމީ" ގެ ނަމުން ނަންދީފައިވާ މި ލަވައަކީ ސަލްމާން ޚާން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ލަވައެވެ. މިއީ ސަލްމާން ޚާން އާއި ހިމޭޝް ރޭޝަމިއްޔާ ގުޅިގެން އުފައްދާފައިވާ، އަދި އަރިޖިތު ސިންގް އާއި ޝްރެޔާ ގޯޝާލްގެ އަޑުން ކިޔާފައިވާ ލަވައެކެވެ. "މާތުރުބޫމީ" ލަވައިން "ބެޓްލް އޮފް ގަލްވާން" ގެ ކުޑަ މަންޒަރެއް ފެނިގެންދެއެވެ. މި ލަވައިގައި ސަލްމާން ޚާން ފެންނަނީ ސިފައިންގެ މީހެއްގެ ގޮތުގައެވެ. އަދި އޭނާގެ އަންހެނުންގެ ރޯލުން ފެންނަނީ ޗިތުރަންގަދާ ސިންގް އެވެ. މިއީ ސަލްމާން ބައްޕައެއްގެ ރޯލު ކުޅޭ ފުރަތަމަ ފަހަރެވެ.
އަރިޖިތު ސިންގްގެ މި އިއުލާނާއެކު ފޭނުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ގިނަ ބަޔަކު ތިބީ ޝޮކެއްގައެވެ. އަދި މިއީ ހަގީގަތެއްކަން ގަބޫލުކުރަން ދަތިވެފައެވެ. ފޭނަކު ލިޔެފައިވެއެވެ. "އަހަރެން މިއުޒިކް ދެކެ ލޯބިވަނީ ކަލޭގެ ސަބަބުން! އަރިޖިތު ސިންގް ނެތި މިއުޒިކްގެ އެއްވެސް މާނައެއް ނެތް. ކަލެއަކީ ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގެ ލެޖެންޑެއް. އަހަރެމެންނަށް ހިތްގައިމު، ހިތަށް އަސަރުކުރުވާ ލަވަތައް ހަދިޔާކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ." އެހެން މީހަކު ބުނެފައިވެއެވެ. "އަރިޖިތު ސިންގް ލަވަކިޔުން ހުއްޓާލީ؟؟؟ ކީއްވެ މިހާ އަވަހަށް ރިޓަޔާ ކުރީ.. އޭނާގެ ލަވަތަކަކީ އަހަރެންގެ ހިތަށް ޝިފާ ލިބޭ ލަވަތަކެއް." އަދި އެހެން މީހަކު ބުނެފައިވެއެވެ. "އަރިޖިތު ސިންގް ޕްލޭބެކް ސިންގިންގް ދޫކޮށްލީ ކީއްވެ؟؟ މިއީ މި ޒަމާނުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާ"