އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން، ބެކްލޮގްގައި 13,000 މައްސަލަ އެބައޮތް - އުއްތަމަ ފަނޑިޔާރު
ހުސެއިން އާދަމް

ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނުވަތަ ބެކްލޮގް ފިލުވުމަށްޓަކައި ހާއްސަ ޓާސްކްފޯހެއް އަންނަ އަންގާރަ ދުވަހު އެކުލަވާލައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޤަޟާއީ އަހަރު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު އެއް އަހަރަށްވުރެ ގިނަ ދުވަސްވެ، ނުނިމި ހުރި 13,032 މައްސަލަ ބެކްލޮގްގައި އެބަހުރި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި މި މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ކޯޓުތަކުގެ އަމިއްލަ ބާރު ނުފޯރާ އެކި ސަބަބުތަކާ ހުރެއެވެ. "ލަސްވެފައިވާ އިންސާފު ނުވަތަ ކޯޓުތަކުގެ ބެކްލޮގު މަސައްކަތް ވިލަރެސް ކުރުމަށް ވަކި ހާއްސަ ޓާސްކްފޯހެއް 10 ފެބްރުއަރީގައި އެކުލަވާލެވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯޓުތަކުން ފެންނަންޖެހޭ ރަނގަޅު ނަތީޖާއަކީ ލަސްވުމެއްނެތި އިންސާފު ގާއިމުވާތަން ފެނުން ކަމަށާއި، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ.
މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި، ބެކްލޮގް ވިލަރެސްކުރުމަށް ހާއްސަ ޓާސްކްފޯހެއް އުފެއްދުމުގެ އިތުރުން، ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ކަމާބެހޭ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނާ ސުވާލުކޮށްގެން ދިރާސާކުރުން ހިމެނެއެވެ. އަދި ދައުލަތުގެ އިދާރާއެއްގެ އެހީތެރިކަން ނުލިބިގެން މައްސަލައެއް ލަސްވާނަމަ، އެ އިދާރާއަކާ މަޝްވަރާކޮށްގެން ހައްލު ހޯދުމާއި، ކުރެވޭ ކޮންމެ މުއާމަލާތެއް ވަކިން ލޮގްކޮށް މޮނިޓަރ ކުރުމަށް ވަނީ ނިންމާފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިއަހަރު އަލަށް ހުށަހެޅޭނެ ކަމަށް ބެލެވޭ 21,000 އަށް ވުރެ ގިނަ މައްސަލައަށް ހުރަސް ނޭޅޭނެ ގޮތަކަށް ބެކްލޮގް ފިލުވުމުގެ މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން "ވާނުވާ" ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު އުންމީދު ކުރައްވައެވެ.
ޝަރުއީ ދާއިރާގެ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ކޯޓުތަކަކީ އިންސާފު ލަސްވުމުގެ މައްސަލައިން ސަލާމަތްވެފައިވާ، ޒިންމާދާރު ދާއިރާއަކަށް ހެދުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.