ދުނިޔެ

ރަޝިޔާގެ ޖެނެރަލް އަވަހާރަކޮށްލަން ހަމަލާދިން މީހަކު ދުބާއީން ހައްޔަރުކޮށްފި

ހއ

ހުސެއިން އާދަމް

09 ފެބްރުއަރީ 2026
06:07
ރަޝިޔާގެ ޖެނެރަލް އަވަހާރަކޮށްލަން ހަމަލާދިން މީހަކު ދުބާއީން ހައްޔަރުކޮށްފި

މޮސްކޯގައި އަސްކަރީ އިންޓެލިޖެންސްގެ އިސް ޖެނެރަލަކު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން، ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ މީހާ ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފް.އެސް.ބީ) އިން އިއުލާންކޮށްފިއެވެ. އަދި އެ ހަމަލާ ދޭން އުޅުނު ކަމަށް ބެލެވޭ މީހާ ޔޫ.އޭ.އީގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ދުބާއީން ހައްޔަރުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން އިތުރަށް ބުންޏެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެފް.އެސް.ބީން ބުނީ، ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ ލިއުބޯމިރް ކޯބާ (65 އަހަރު، ޔޫކްރޭނަށް އުފަން ރަޝިޔާގެ ރައްޔިތެއް) ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އެހީތެރިކަމާއެކު ދުބާއީން ހައްޔަރުކޮށް، ރަޝިޔާއަށް ގެނެސްފައިވާ ކަމަށެވެ.

ހުކުރު ދުވަހު، ރަޝިޔާގެ މެއިން އިންޓެލިޖެންސް ޑައިރެކްޓަރޭޓް (ޖީ.އާރު.ޔޫ) ގެ ފަސްޓް ޑެޕިއުޓީ ޗީފް، ލެފްޓިނެންޓް ޖެނެރަލް ވްލަޑިމިއަރް އަލެކްސީވްގެ ގަޔަށް އޭނާ ދިރިއުޅުއްވާ ގޭގެ ބޭރުން ތިން ފަހަރު ބަޑިޖަހައި، ޒަހަމްކޮށްލާފައި ވެއެވެ.

ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ފަހުން ބުނި ގޮތުގައި، ޔޫކްރޭންގެ ހުޅަނގަށް އުފަން ކޯބާ މޮސްކޯއަށް އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޔޫކްރޭންގެ ސެކިއުރިޓީ ސާވިސްގެ އިރުޝާދުގެ ދަށުން "ޓެރަރިސްޓް ހަމަލާއެއް" ދިނުމަށެވެ.

އެފް.އެސް.ބީން އިތުރަށް ބުނި ގޮތުގައި، މި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު މީހުން ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރޭގައި މޮސްކޯއިން ހައްޔަރުކުރި ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ވިކްޓަރ ވަސިން (66 އަހަރު) އާއި، ޔޫކްރޭނަށް ފިލައިގެން ދިޔަ ޒިނައިޑާ ސެރެބްރިޓްސްކަޔާ (54 އަހަރު) ހިމެނެއެވެ.

އެ އިދާރާއިން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ މީހާ ހަމަލާ ދިން އިމާރާތުން ނުކުމެ، ބަހަކަށް އެރުމުގެ ކުރިން ސައިލެންސަރު ހަރުކޮށްފައިވާ ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ސްނޯތަކުގެ ތެރެއަށް އެއްލާލައެވެ. އަދި އެހެން ކްލިޕަކުން ފެންނަނީ އެފް.އެސް.ބީގެ އޮފިސަރުން، މޫނު ފުސްކޮށްފައިވާ ތުހުމަތުކުރެވޭ މީހަކު މަތިންދާބޯޓަކުން ބާލައިގެން ގެންދާ މަންޒަރެވެ.

ރަޝިޔާގެ ރިޔާސީގަނޑުވަރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރް ޕޫޓިން ހޮނިހިރު ދުވަހު ޔޫ.އޭ.އީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ފޯނުން ގުޅުއްވައި، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގައި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

މި ހަމަލާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް މިއީ "ޓެރަރިސްޓް އަމަލެއް" ކަމަށް ސިފަކުރައްވައި، މިއީ މަޝްވަރާގެ މަރުހަލާ ހުއްޓުވުމަށް އަމާޒުކޮށްގެން ޒެލެންސްކީގެ ސަރުކާރުން ދެމުންދާ އުދުވާނީ ހަމަލާތަކުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޔޫކްރޭންގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބިގާ ވަނީ މި ހަމަލާއާ ޔޫކްރޭނާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އަލެކްސީވް 2011 ވަނަ އަހަރުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދަވާއިރު، އޭނާ ވަނީ ސީރިއާގައި ހިންގި އެންޓި-ޓެރަރިޒަމް އޮޕަރޭޝަންތައް ބަލަހައްޓަވާފައެވެ. 2017 ވަނަ އަހަރު އޭނާއަށް ވަނީ "ހީރޯ އޮފް ދަ ރަޝިއަން ފެޑެރޭޝަން" ގެ ލަގަބު އަރުވާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް