ސިޔާސީ

ސަރުކާރުން ދަނީ 20 ފޫޓު 40 ފޫޓުގެ ދޮގު ހަދަމުން - ގަފޫރު

ހއ

ހުސެއިން އާދަމް

11 ފެބްރުއަރީ 2026
05:58
ސަރުކާރުން ދަނީ 20 ފޫޓު 40 ފޫޓުގެ ދޮގު ހަދަމުން - ގަފޫރު

މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި "20 ފޫޓު 40 ފޫޓުގެ" ބޮޑެތި ދޮގުތައް ހަދަމުންދާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަފޫރު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ވެފައިވާ ވައުދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގަފޫރު ފާހަގަކުރެއްވި ގޮތުގައި 2030 ވަނަ އަހަރު އަންނައިރު ކޮންމެ ދިވެހި ރައްޔިތަކަށް 400 ޑޮލަރު ދޭނެ ކަމަށް ބުނާ ބުނުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. "އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން، ތި ބޭފުޅުން ވިސްނަވައި، މި ސަރުކާރުން ހަދަމުންގެންދާ ބޮޑު ދޮގު؛ ދެހާސް ތިރީސް ވަނަ އަހަރު ކޮންމެ ދިވެހި ރައްޔިތަކަށް ހަތަރު ސަތޭކަ ޑޮލަރު ދޭން އެ ބުނަނީ. ކާކު ގަބޫލުކުރާނީ. ކުރުކޮށް ބުނަންޏާ ވިހި ފޫޓު، ސާޅީސް ފޫޓުގެ ދޮގު ހަދަމުންގެންދަނީ،" ގަފޫރު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ގަފޫރު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ތިން އަހަރު ދުވަސް ހޭދަކުރަން ޖެހުނީ ވަރަށް ދަތި ހާލަތެއްގައި ކަމަށެވެ. އަދި ވެރިކަން ކުރުމަށް ފުރުސަތު ލިބުނީ އެންމެ ދެ އަހަރު ދުވަހު ކަމަށާއި، އެ ހާލަތުގައި ވެސް ވެރިކަމުގެ މުއްދަތު އިތުރުކުރުމުގެ ވާހަކައެއް އެމްޑީޕީން ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ނެތްކަން ފާހަގަކުރައްވައި ގަފޫރު ވިދާޅުވީ، ކުދިކުދި އަދަދުތައް ބަޖެޓުގައި ޖަހާފައި ހުރި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށެވެ. އަދި ބަޖެޓުގައި ހުރި ފައިސާއަށް ވީގޮތާމެދު ރައްޔިތުން ސުވާލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެއްޖެއްޔާ ލާރި ކޮބައިތޯ؟ ކޮބައިތޯ؟ އެއް ފަދަ ރަށެއްގައި މި ސަރުކާރުން ޖަހާފައި ހުރި އެއްވެސް ޕްރޮޖެކްޓުތަކަކީ އޭގެ ލާރި ބަޖެޓުގައި ނެތި ޖަހާފައި ހުރި ޕްރޮޖެކްޓެއް ނޫން އެ ވާހަކަ ވިދާޅުވި، މި ސަރުކާރުން،" ގަފޫރު ވިދާޅުވިއެވެ.

ގަފޫރު އިތުރަށް ވިދާޅުވީ މިހާރު ފެންނަމުންދަނީ ހުދުމުޚުތާރު ވެރިކަމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށާއި، މިއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން މިކަމަށް ގޮތެއް ނިންމުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް