ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފި
ކްރިޓިކްސް

ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ ނެޓްވޯކެއްގައި އިސްކޮށް އުޅޭ ކަމަށް ބެލެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، އުމުރުން 36 އަހަރުގެ ނަދީފް މުޙައްމަދެވެ.
މި ހިނގާ ފެބުރުވަރީ މަހުގެ 11 ވަނަ ދަވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އޮޅުވާލައިގެން ފައިސާ ހޯދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އެކި ބޭންކުތަކުގެ ކޭޝް ކާޑުތަކާއި، ފޯނު ސިމްތަކާއި، މޯބައިލް ފޯނުތަކުގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައި ދިވެހި ރުފިޔާއާއި ޑޮލަރުވެސް ހިމެނެއެވެ.
ފުލުހުންގެ މައުލޫމާތަށް ބަލާއިރު، ނަދީފް ހައްޔަރުކުރީ ފޭސްބުކްގައި މުދާ ވިއްކާ ކަމަށް ދައްކައިގެން މީހެއްގެ އަތުން ފައިސާ އަތުލައި، އެ ފައިސާ އެހެން އެކައުންޓަކަށް ފޮނުވައިގެން ނެގި މައްސަލައެއްގައެވެ. މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމުގައާއި، އެކި ސްކޭމްތަކުން ލިބޭ ފައިސާ އެއްކުރުމުގައި އަމަލީގޮތުން ތަކުރާރުކޮށް ބައިވެރިވާ މީހެއް ކަމަށް ތުހުމަތުކުރެވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސްކޭމް ނެޓްވޯކްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާއިރު، މި މައްސަލަ މިހާރު ދަނީ އެންޓި ސްކޭމް ސެންޓަރުން އިތުރަށް ތަހުގީގު ކުރަމުންނެވެ.