ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި
ކްރިޓިކްސް

އޮންލައިންކޮށް ކުދިންނަށް ކިޔަވައިދޭ "ބްރައިޓް މައިންޑްސް" ގެ އިސްވެރިޔާ އަލީ އަފްލަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް މިދިޔަ ބުދަ ދުވަހު ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ސީދާ ހާމަނުކުރި ނަމަވެސް، އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ނިސްބަތްވާ އަލީ އަފްލަހުކަން ވަނީ ކަށަވަރުވެފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަފްލަހު ހައްޔަރުކުރީ، ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކަކު އުޅުމަށްފަހު އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި އެނބުރި ރާއްޖެ އައި ވަގުތު އެއާޕޯޓުންނެވެ. އޭނާގެ މައްޗަށް ކުރެވެނީ ދަރިވަރަކު ގްރޫމްކޮށް، ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ މިހާރު ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.
މީގެ އިތުރުން، ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓްގެ ހިއްސާދާރުންގެ ގޮތުގައި ކުރިން ތިބި ފަރާތްތައް ބަދަލުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުންފުނީގެ ހިއްސާ އަފްލަހުގެ ބޭބެއާއި އޭނާގެ އަންހެނުންގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.