ޚަބަރު

ދުންފުހުގެ އަސަރު ބޮޑުވަނީ: ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ވައި ނުސާފު

ކ

ކްރިޓިކްސް

16 ފެބްރުއަރީ 2026
06:39
ދުންފުހުގެ އަސަރު ބޮޑުވަނީ: ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ވައި ނުސާފު

ރާއްޖޭގެ ވައިގެ ނުސާފުކަން އަނެއްކާވެސް ދަށްވެފައިވާ ކަމަށާއި، ހާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.

މިއަދު އެކްސް މެދުވެރިކޮށް މެޓް އޮފީހުން ކުރި ޕޯސްޓެއްގައި އިންޒާރު ދީފައިވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ދުމުގެ އަސަރު (ހޭޒް) ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމިއޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ބައެއް އަތޮޅުތަކަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލަ އިތުރަށް ދިގުލައިގެންދާނެއެވެ. މޫސުމީ ލަފާކުރުންތަކުން ދައްކާގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ވައިގެ ތެރޭގައި ހުންނަ ޕީ.އެމް 2.5 (PM2.5) ގެ މިންވަރު މަތިކޮށް ހުންނާނެއެވެ.

ކަމާބެހޭ އިދާރާތަކުން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި ބޭރުތެރޭގައި ގިނަވަގުތު އުޅޭ މީހުން ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ނެރޭ ސިއްހީ އިރުޝާދުތަކަށް އަމަލުކުރުމަށް އާންމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ސިއްހީ މާހިރުން ލަފާދެއްވަނީ ވީވަރަކުން ބޭރުތެރޭގައި އުޅޭ ވަގުތު މަދުކުރުމަށާއި، ދުމުގެ އަސަރު ހުންނަ ވަގުތުތަކުގައި މާސްކު އެޅުމަށެވެ. އަދި ކެއްސުން، ނޭވާލާން އުނދަގޫވުން، ކަރުތެރެ ހިރުވުން ނުވަތަ ލޮލަށް އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މޫސުމާ ބެހޭ މާހިރުން ވިދާޅުވީ ވައިގެ ހާލަތު މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ހާލަތަށް ބަދަލެއް އަތުވެއްޖެނަމަ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް