ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް މިސަރުކާރުން އުވާލާނެ - ފައިސަލް
ކްރިޓިކްސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ މަސައްކަތުގެ ތެރެއިން، ވެރިކަން ކުރެވޭނެ ވަކި މުއްދަތެއް ކަނޑައެޅިފައި އޮންނަ އުސޫލުވެސް މި ސަރުކާރުން އުވާލަފާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރޭނީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 10 ގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މަޖިލީހަށް ހުށަހަޅައި، އެ ބިލު ފާސްކޮށްފައެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބާ ދިމާކޮށް، ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެޕްރީލް މަހު މި ވޯޓު ނެގޭނީ ފެބްރުއަރީ 18 ގެ ކުރިން ގާނޫނަށް ބަދަލު ގެނެސްގެންނެވެ.
ކުޑަހުވަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު އިންތިޚާބުތައް އެއްކޮށްލުމުގެ ނަމުގައި ވެރިކަމުގެ ދައުރުގެ ހިފެހެއްޓުންތައް އުވާލުމުގެ ބިރު އެބައޮތް ކަމަށެވެ. މީގެ އިތުރުން، ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
"ދެ ވޯޓެއް އެއްކޮށްލާ ވާހަކަ ހަރަދު ކުޑަ ކުރުމަށްޓަކައި ދެވޯޓެއް އެއްކޮށްލާ ވާހަކަ އެދެކެވެނީ. ގާނޫނު ބަދަލުކޮށް މިހާރު އެވޯޓު ވެސް މިވޯޓާއެކު ތައްޔާރީތައް ވެސް ކުރިއަށް އެދަނީ. އަޅުގަނޑު ދަންނަވާނީ އަދި އެހާ ވަރުންދާ ކަމަށްވަންޏާ ގަބޫލު ކުރައްވާ އެގޮތަށް އެ ބަދަލު ގެންނަ ކަމަށްވަންޏާ މިހާރު ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް ޓާމް ލިމިޓްވެސް އުވާލާނެ. ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ. ދާއިމަށް ވެރިކަމުގައި ހުރެވޭ ގޮތަށް ބަދަލު ކޮށްލާނެ. ގަބޫލު ކުރައްވާ ވާދަވެރިކަން. ވިޔަފާރިއެއްގައި ވެސް ވާދަވެރިކަން އޮންނަން ޖެހޭ. ސިޔާސީ ގޮތުން ވެސް އިންތިޚާބުތަކުގައި ވާދަވެރިކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ. ރައްޔިތުންނަށް މޮޅު ގޮތަކީ އެއީ. އެންމެ މީހަކު ތާއަބަށް ވެރިކަމުގައި ހުންނަ ކަމަށްވަންޏާ ދެންވާނެ ގޮތުގެ ވާހަކަ އަޅުގަނޑުމެން ދިވެހީން ކޮންމެހެން ދައްކާނެ ކަމެއް ނެތް." ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، އެއްވެސް އުސޫލެއް ނެތި ވަޒީފާތައް ބަހަމުންދާތީ، މަސައްކަތެއް ނެތް ކަންނެތް ޖީލެއް އުފެދެމުންދާ ކަމަށެވެ.
ދިވެހިންނަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ބަޔަކަށް ވީނަމަވެސް، އެ ރީތި އާދަ މުޖުތަމައުން ނެތެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރުން، މީހުންނާ ސަލާމްކޮށްލަންވެސް ބިރުގަންނަ ހިސާބަށް ކަންކަން ގޮސްފައިވާތީ، ރައްޔިތުން ނުކުމެ މިކަން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ގައުމުގެ މުސްތަގުބަލަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ފައިސަލް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ ވަގުތީ މަންފާއަކަށް ބަލައިގެން ނިންމާ ނިންމުންތަކުގެ ސަބަބުން ގައުމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.