މަމްދާނީއަށް އެހީތެރިވާން ތައްޔާރު - ޓްރަމްޕް
ހުސެއިން އާދަމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ނިއު ޔޯކްގެ މޭޔަރުކަމަށް އިންތިޚާބުވެފައިވާ ޒޯހްރާން މަޢުމްދާނީއަށް އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް ކާމިޔާބު ހޯދުމަށްޓަކައި މި މަގުފަހިކުރާ ޑިމޮކްރެޓިކް ސޯޝަލިސްޓް ވޮޝިންގޓަންއަށް "އިޙްތިރާމް" ކުރަންޖެހޭނެ ކަމަށް އިންޒާރު ދެއްވާފައިވާ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ އެންމެ ބޮޑު ސިޓީގެ ފުރަތަމަ މުސްލިމް އަދި ފުރަތަމަ ދެކުނު އޭޝިއާ ނަސްލުގެ މޭޔަރުގެ ގޮތުގައި މަޢުމްދާނީ ތާރީޚީ ކާމިޔާބެއް ހާސިލްކޮށް އިންތިޚާބުވުމާ ގުޅިގެން އޭނާގެ ޓްރާންސިޝަން ޓީމް އިޢުލާނުކުރެއްވުމާ ދިމާކޮށެވެ.
މަޢުމްދާނީ އިންތިޚާބުވި ރޭ ޓްރަމްޕާ ދެކޮޅަށް ތެދުވާނެ ކަމަށް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، އެމެރިކާގެ ރައީސް ވަނީ މޭޔަރުކަމަށް އިންތިޚާބުވެފައިވާ ފަރާތުގެ އެ ވާހަކަތަކަކީ "ނުރައްކާތެރި ބަޔާނެއް" ކަމަށް ސިފަކުރައްވާފައެވެ.
ފޮކްސް ނިއުސްގެ ބްރެޓް ބެއަރއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އޭނާ ވޮޝިންގޓަންއަށް ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ކުރަންޖެހޭނެ، ސަބަބަކީ އެހެން ނޫންނަމަ އޭނާއަށް ކާމިޔާބު ހޯދުމުގެ ފުރުޞަތެއް ނޯންނާނެ،" ކަމަށެވެ.
"އަދި އަޅުގަނޑު ބޭނުން އޭނާ ކާމިޔާބުވާން. އަޅުގަނޑު ބޭނުން ސިޓީ ކާމިޔާބުވާން،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ. ނަމަވެސް އަވަހަށް އެއީ މަޢުމްދާނީއަށްވުރެ ބޮޑަށް ނިއު ޔޯކް ސިޓީ ކާމިޔާބުވުމަށް ބޭނުންވާ ކަމަށް ސާފުކޮށްދެއްވިއެވެ. ބުދަ ދުވަހު ޓްރަމްޕް ވަނީ އާ މޭޔަރަކީ "ކޮމިއުނިސްޓެއް" ކަމަށް ސިފަކުރައްވަމުންވެސް، އޭނާގެ ސަރުކާރުން އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.
ފްލޮރިޑާގެ މިއާމީގައި ހުންނަ އެމެރިކަން ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ކޮމިއުނިސްޓުންނާއި، މާކްސިސްޓުންނާއި، ގްލޯބަލިސްޓުންނަށް ފުރުޞަތު ލިބުނު، އަދި އެމީހުން ގެނައީ ހަލާކު ނޫން އެހެން އެއްޗެއް ނޫން، އަދި މިހާރު ނިއު ޔޯކްގައި ކޮމިއުނިސްޓަކު ކަންތައް ކުރާނެ ގޮތް ބަލަމާ. އެކަން ވާނެ ގޮތެއް އަޅުގަނޑުމެން ބަލާނަން،" ކަމަށެވެ.
"އަޅުގަނޑުމެން އޭނާއަށް އެހީވާނަން، އަޅުގަނޑުމެން އޭނާއަށް އެހީވާނަން. އަޅުގަނޑުމެން ބޭނުން ނިއު ޔޯކް ކާމިޔާބުވާން. އަޅުގަނޑުމެން އޭނާއަށް ކޮންމެވެސް ވަރަކަށް އެހީތެރިވެދޭނަން، ބައެއްފަހަރު." އިތުރަށް ޓްރަމްޕް ވިދާޅުވިއެވެ.
އަންގާރަ ދުވަހު ބޭއްވި ނިއު ޔޯކްގެ މޭޔަރުގެ އިންތިޚާބުގެ ކުރިން ޓްރަމްޕް ވަނީ މަޢުމްދާނީއާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައެވެ. އޭނާއަކީ "ކޮމިއުނިސްޓް ލޫނެޓިކެއް" ކަމަށް ސިފަކުރައްވައި، އިންތިޚާބު ކާމިޔާބުކޮށްފިނަމަ ސިޓީއަށް ދޭ ފެޑެރަލް ފަންޑު ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.