ހަތަރުލައްކަ ފަންސާސްހާސް ރުފިޔާއިން ފެށޭ ބީލަމެއްގައި ވިނަރެސްއިން 94 ޕާކިން ޖާގަ ވިއްކަނީ
ހުސެއިން އާދަމް

-/450000 (ހަތަރު ލައްކަ ފަންސާސް ހާސް) ރުފިޔާ އިން ފެށޭ ބީލަމެއްގައި ވިނަރެސް ފްލެޓްތަކުން 94 ކާރު ޕާކިން ޖާގަ ވިއްކަން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 04 ވަނަ ދުވަހާއި ހަމައަށް ބީލަމުގެ ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭ ފޯމް މިހާރު ވަނީ ދޫކުރަން ފަށާފައެވެ. ފޯމް ދޫކުރާނީ ޕާކިން ޖާގަ ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް -/30000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ.
ޕާކިން ޖާގަ ބީލަމުގެ އުސޫލުން ވިއްކުމުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި ބީލަން ފެށޭނީ -/450000 (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އިންނެވެ. ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ޖުމްލަ އަގު ދެއްކުމަށް 14 ދުވަހުގެ މުއްދަތެއް ދޭނެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި ކޮންމެ ފަރާތަކަށްވެސް ކާރު ޕާކިންގް ޖާގަ ގަތުމަށް އެދި ހުށަހެޅޭނީ އެއް ފޯމެވެ. އުސޫލުގައި ބުނެފައިވާ ގޮތުގައި ކާރު ޕާކިނގް ޖާގައަކީ ވިނަރެސް ފުލެޓު ގަތުމުގެ އެއްބަސްވުމުގެ ދަށުން ވިއްކޭ ޖާގައެއްގެ ގޮތުގައި ހަމަޖެއްސޭނެއެވެ. އެހެންކަމުން ފުލެޓު ވިއްކާލާނަމަ، ނުވަތަ އެހެން މީހެއްގެ ނަންމައްޗަށް ބަދަލުކުރާނަމަ, އެފަރާތަކުން ގަނެފައިވާ ޕާކިނގް ޖާގަ ފުލެޓާއި އެކު ދޫކޮށްލަންޖެހޭނެއެވެ.
ކާރު ޕާކިންގ ޖާގަ ގަތުމަށް ފުރުސަތު ދެވޭނީ އެފަރާތަކުން ފުލެޓް ގަނެފައިވާ ޓަވަރުގައި ހިމެނޭ ކާރު ޕާކިންގ ޖާގާއަކުންނެވެ. އަދި އެ ފަރާތެއް ވާން ޖެހޭނީ ވިނަރެސް މަޝްރޫޢުއިން ފުލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓަށެވެ. އޭގެ އިތުރުން 31 އޮކްޖޯބަރ 2025 ގެ ނިޔަލަށް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެފައިސާ ނުދައްކައިވާ ފަރާތެއްކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ.