ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް
ހުސެއިން އާދަމް

ސަރުކާރުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަމާ ދިމާނުވާތީ ކުރިއަށް އޮތް ރެފަރެންޑަމްގައި ދެކޮޅަށް ވޯޓު ދޭން ޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ނޫނެކޭ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަލީމް ފާހަގަކުރެއްވީ، މި ވޯޓު ނަގަނީ ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން މިހާރު ރައްޔިތުންނަށް އެނގޭ ކަމަށެވެ. ދައުލަތުން ކުރާ ހަރަދުތައް އިންތިހާއަށް އިތުރުވަމުންދާކަން ސަރުކާރުގެ އަމަލުތަކުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އިންތިޚާބުތައް ބާއްވާ މިންވަރު މަދުކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށާއި، މީގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހަލީމް ތުހުމަތު ކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމާއެކު، ފެންނަ ނުފެންނަ ވޯޓުގައި 'ނޫނެކޭ' ފާހަގަ ޖެހުމަށެވެ.
ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ގަބޫލުކުރާ އެންމެ މުހިންމު އެއް ކަމަކީ ދެފުއް ފެންނަ އިންތިޚާބުތަކެއް ބޭއްވުން ކަމަށް ހަލީމް ވިދާޅުވި އެވެ. މީގެ ކުރީގެ އިންތިޚާބުތަކަކީ އަމާންކަމާއެކު ކުރިއަށްދިޔަ، ނަތީޖާއާ މެދު އިތުބާރު އޮތް އިންތިޚާބުތަކެއް ނަމަވެސް، މިހާރު އެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް އިތުރަށް ވިދާޅުވީ، އިންތިޚާބީ ކަންކަމުގައި އުފެދިފައިވާ ޝައްކުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދުމުގެ ބިރު އެބައޮތް ކަމަށެވެ. ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާތީ، މި ރެފަރެންޑަމްގައި 'ނޫނެކޭ' ބުނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.