ދުނިޔެ

ދެތިން ހަފްތާތެރޭގައި ހަނގުރާމަ ނިންމާލެވޭނެ - ޓްރަމްޕް

ހއ

ހުސެއިން އާދަމް

01 އޭޕްރިލް 2026
06:55
ދެތިން ހަފްތާތެރޭގައި ހަނގުރާމަ ނިންމާލެވޭނެ - ޓްރަމްޕް

އެމެރިކާގެ އަސްކަރީ ފައުޖުތައް "ދެ ހަފުތާ ނުވަތަ ތިން ހަފުތާ" ތެރޭގައި އީރާނަށް ހަމަލާދިނުން ހުއްޓާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެން ހަނގުރާމަ ހުއްޓާލާނީ މިކަން އިތުރަށް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތީމާ. އަހަރެމެން ވަރަށް އަވަހަށް ހަނގުރާމަ ނިންމާލާނަން" ކަމަށެވެ.

އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވަނީ ހަނގުރާމަ ނިންމުމަށްޓަކައި މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށް ބުނާ ވާހަކަތަކާއި ދެކޮޅު ހައްދަވާފައެވެ. އެމެރިކާއިން ހަމައެކަނި ކާމިޔާބީ އިއުލާނުކޮށް، ހަމަލާދިނުން ހުއްޓާލުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނޫން، އެމީހުން އަހަންނާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭ. އެމީހުންނަކީ ދިގު މުއްދަތަކަށް 'އެންޝަންޓް ޒަމާނަށް' ރުޖޫއަވެފައިވާ ބައެއް، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ނެތް ކަމަށް އަހަރެމެންނަށް ގަބޫލުކުރެވޭ ހިނދު، އެއްބަސްވުމެއް އޮތަސް ނެތަސް އަހަރެމެން ހަނގުރާމަ ހުއްޓާލާނަން. މިހާރު އެއީ މުހިންމު ކަމެއް ނޫން. އެމީހުން އެއްބަސްވުމެއް ބޭނުންވާތީ، އެއްބަސްވުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

"އަހަރެން އެއްބަސްވުމެއް ބޭނުންވާ ވަރަށް ވުރެ ބޮޑަށް އެމީހުން އެއްބަސްވުމެއް ބޭނުންވޭ. އެކަމަކު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ނިމޭނެ،" ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

"އީރާނަށް ވަމުންދާ ގޮތް ބަލާބަލަ،" ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެން މި ބުނަނީ، އަހަރެމެންނަށް އެއްވެސް ހުރަހެއް ނެތް. ހުރިހާ ތަނަކަށް ވަނީ ބޮން އަޅާ ސުންނާފަތިކޮށްލާފައި. އަހަރެމެން އެމީހުންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުން މިދަނީ،" އޭނާ ވިދާޅުވިއެވެ. "ރޭގައި އަހަރެމެން ވާނީ މިސައިލް އުފައްދާ ގިނަ އަދަދެއްގެ މަރުކަޒުތަކެއް ހަލާކުކޮށްލާފައި."

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް