ސިޔާސީ

އިލެކްޝަންސް ކޮމިޝަން ވަރަށް ފަރުވާކުޑަ - ޔާމީން

ކ

ކްރިޓިކްސް

04 އޭޕްރިލް 2026
05:49
އިލެކްޝަންސް ކޮމިޝަން ވަރަށް ފަރުވާކުޑަ - ޔާމީން

ރާއްޖޭގެ އިންތިހާބުތައް ތަރުތީބުކުރެވިފައިވާ ގޮތާ މެދު ހިޔާލު ހޯދުމުގެ މުހިންމު ވޯޓެއް މިއަދު ކުރިއަށްދާއިރު، ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޒިންމާ އަދާކޮށްފައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ޔާމީން މިހެން ވިދާޅުވީ އަހުމަދިއްޔާ ސްކޫލުގައި ހުރި ވޯޓުފޮއްޓަކަށް ވޯޓު ދެއްވުމަށް ފަހު 'ޗެނަލް13' އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ އަސާސީ ސިފައަކާ ގުޅޭ ގޮތުން ވޯޓެއް ނަގަމުންދާއިރު، މިއީ އިހުތިޔާރީ ވޯޓެއްގެ ގޮތުގައި އެއްވެސް ރައްޔިތަކު ދެކިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. "ހުރިހާ ބޭފުޅުން ވެސް މިއަދު ވޯޓު ދެއްވަން ވަޑައިގަންނަވާ. އެއްގޮތަކަށް ވެސް އިހުތިޔާރީ ވޯޓަކަށް މި ވޯޓު ނުބައްލަވާ. މަޖުބޫރު ވޯޓަކަށް ހައްދަވާ،" ޔާމީން ވިދާޅުވި އެވެ.

ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ، ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރުކުރުމަކީ އީސީގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، ނަމަވެސް އެ ކޮމިޝަނުން ކަންކަން ހަމަޖައްސާފައިވަނީ ވަރަށް ގައިރު ޒިންމާދާރުކޮށް ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އެގޮތުން ވޯޓުލާން އަންނަ މީހަކަށް އޭނާ ވޯޓުލާން ބޭނުންނުވާ ކަރުދާހެއް އަތަށް ނުނަގާ ދޫކޮށްލަން ނިންމާފައިވާ ނިންމުމަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރު ގައުމުތަކުގައި ތިބި އެތައް ހާސް ދިވެހިންނަށް މި ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮއްޓެއް ބަހައްޓާފައި ނުވާކަން ޔާމީން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ތިބި މީހުންނަށް ވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ، ވޯޓުލާން ނުކުންނަން ބާރުއެޅުމަށް ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ރީރަޖިސްޓްރީވާން މީހުންގެ އިންޓްރެސްޓެއް، ޝައުގެއް ފެންނަން ނެތީމައި ތިމަންނަމެންގެ [އީސީގެ] ވެސް އިންޓްރެސްޓެއް ނެތޭ. އެހެނެއް ނޫން އެ ކަން އޮންނަން ވާނީ. އީސީގެ އިންޓްރެސްޓް އޮންނަން ވާނެ ގައުމީ މިހާ ބޮޑެތި ކަންކަމުގައި މީހެއްގެ އިންޓްރެސްޓް ނެތަސް،" ޔާމީން ވިދާޅުވި އެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ވޯޓުގައި ތިން ކަމަކަށް ވޯޓުލުން ކުރިއަށްދެ އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެވެ. މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.


ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް