ސިޔާސީ

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ މަގާމުން ވަކިކޮށްފި

ހއ

ހުސެއިން އާދަމް

07 އޭޕްރިލް 2026
16:50
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރޭ މަގާމުން ވަކިކޮށްފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ޗެއާޕާސަނަށް އެހީތެރިވުމަށް އައްޔަންކުރާ ނައިބުން، ގައުމީ މަޖިލީހުގެ ރުހުމާއެކު ބަދަލުކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ. އަދި މަގާމުން ވަކިކުރުމުގައި ގައުމީ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށް އެ މާއްދާގައި ބުނެފައި ނުވާތީ، އެ ނިންމުން ނިންމެވީ ކަމަށް ސިޓީގައިވެއެވެ.

ނަމަވެސް، އިބުރޭ މަގާމުން ވަކިކުރަން ޖެހުނު ސީދާ ސަބަބެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިބުރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި، އަދި ގަފޫރުގެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގެ ދަށުން އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ދައުރު ހަމަވަންދެން މަގާމުގައި ތިބެވޭނެއެވެ. އިބުރޭގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މަގާމުން ވަކިކުރެވުނު މި ދެ ބޭފުޅުންނަކީވެސް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅުންނެވެ.

މި ބަދަލުތައް މި އައީ، ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލާގައި ގަފޫރު ވިދާޅުވީ، ނަޝީދަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ބަޔަކު ގަސްތުގައި މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް