ދުނިޔެ

އިންޒާރަށް އަމަލުކުރާކަށް އެމެރިކާއަށް ނުކެރުނު، ހަނގުރާމަ މެދުކަނޑާލައިފި

ކ

ކްރިޓިކްސް

08 އޭޕްރިލް 2026
04:48
އިންޒާރަށް އަމަލުކުރާކަށް އެމެރިކާއަށް ނުކެރުނު، ހަނގުރާމަ މެދުކަނޑާލައިފި

އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިނުމަށްފަހު ހަނގުރާމަ މެދުކަނޑާލައިފިއެވެ. އޭނާ މިކަން އިޢުލާން ކުރެއްވީ އީރާނުން ހުށަހެޅި "އަމަލީ ގޮތުން ކުރެވިދާނެ" 10 ނުކުތާގެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމުމަށްފަހުއެވެ.

ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ދެކޮޅު ހަދައިފިނަމަ "މިރޭ މުޅި ހަޟާރަތެއް ނެތިގެންދާނެ" ކަމުގެ އިންޒާރު ދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި ސީދާ އިލްތިމާސަކާ ގުޅިގެން ޓްރަމްޕް ވަނީ ވަރުގަދަ ހަމަލާތަކެއް ދިނުމަށް އޭނާ ނިންމި ނިންމުން ބަދަލުކުރައްވާފައެވެ.

"ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާ ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އަދި މިރޭ އީރާނަށް ފޮނުވަން އުޅުނު ފަނާކުރަނިވި ބާރުތައް މަޑުޖައްސާލުމަށް އެބޭފުޅުން އެދިވަޑައިގަތުމުން، އަދި ހޯރްމޫޒް ކަނޑުއޮޅި ފުރިހަމައަށް، ވަގުތުން އަދި ރައްކާތެރިކަމާއެކު ހުޅުވާލުމަށް އިސްލާމީ ޖުމްހޫރިއްޔާ އީރާނުން އެއްބަސްވުމުގެ ޝަރުތުގެ މަތިން، ދެ ހަފުތާގެ މުއްދަތަށް އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން މެދުކަނޑާލުމަށް އަހަންނަށް އެއްބަސްވެވިއްޖެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ.

ޓްރަމްޕް މި ފިޔަވަޅު ސިފަކުރެއްވީ "ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމެއް"ގެ ގޮތުގައެވެ. އަދި އެމެރިކާއިން މިހާރުވެސް "ހުރިހާ އަސްކަރީ މަގްސަދުތަކެއް ހާސިލްކޮށް، އެއަށްވުރެ އިތުރަށްވެސް ކަންކަން ކޮށްފައިވާ" ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ އީރާނުގެ 10 ނުކުތާގެ ހުށަހެޅުމަކީ "މަޝްވަރާ ކުރުމަށް އަމަލީ ގޮތުން ބޭނުންކުރެވިދާނެ އަސާސެއް" ކަމަށާއި، މީގެ ކުރިން ހިޔާލުތަފާތުވުން އުފެދުނު ގިނަ ނުކުތާތަކަކަށް މިހާރު އެއްބަސްވެވިފައިވާ ކަމަށެވެ.

ނަމަވެސް، އީރާނުގެ ޕްލޭން މިހާރު އޮތް ގޮތުން އެއީ އެންމެ އެކަށީގެންވާ ވަރުގެ އެއްޗެއް ނޫން ކަމަށާއި، އާ ސުންގަޑި ހަމަވާއިރު ފައިނަލް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އަލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް އަމުރު ކުރައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ އެމެރިކާއާއެކު ކުރާ މަޝްވަރާތައް އޭޕްރިލް 10 ވާ ހުކުރު ދުވަހު ޕާކިސްތާންގައި ފަށާނެ ކަމަށް އިޢުލާންކޮށްފައެވެ. މި މަޝްވަރާތަކަށް ދެ ހަފުތާގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، ދެފަރާތުން އެއްބަސްވާނަމަ މި މުއްދަތު އިތުރުކުރެވިދާނެއެވެ.

އެ ކައުންސިލުން ވަނީ މިއީ އީރާނަށް ލިބުނު "ތާރީޚީ އަދި ބޮޑު ނާކާމިޔާބީއެއް" ކަމަށް ބުނެފައެވެ. އަދި މަޝްވަރާތަކުގެ އަސާސެއްގެ ގޮތުގައި އީރާންގެ 10 ނުކުތާގެ ޕްލޭން ގަބޫލުކުރުމަށް އެމެރިކާއަށް މަޖުބޫރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭންގައި ހިމެނޭ ކަމަށް ބުނާ ކަންތައްތަކުގެ ތެރޭގައި: އެމެރިކާއިން އީރާނަށް ހަމަލާނުދިނުމަށް ވައުދުވުން، ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތުން، ޔުރޭނިއަމް މުއްސަނދިކުރުން ގަބޫލުކުރުން، ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން، އދ. ގެ ސަލާމަތީ މަޖިލީހާއި އައި.އޭ.އީ.އޭ ގެ ގަރާރުތައް ނިމުމަކަށް ގެނައުން، ހަނގުރާމައިގެ ބަދަލު ދިނުން، ސަރަހައްދުން އެމެރިކާގެ ހަނގުރާމަވެރި ފައުޖުތައް ބޭރުކުރުން، އަދި ލުބުނާނުގެ ހިޒްބުالله އާއި ދެކޮޅަށް ކުރާ ހަނގުރާމަ ހިމެނޭހެން ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުން ހިމެނެއެވެ.

ކައުންސިލުން ބާރުއެޅީ ގައުމީ އެއްބައިވަންތަކަން ދަމަހައްޓަންޖެހޭ ކަމަށާއި، މި މަޝްވަރާތަކަކީ "ހަނގުރާމައިގެ މައިދާނުގެ ހަރަކާތެއް" ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުން "އަމާންދިނުން" ސިޔާސީ ކާމިޔާބީއަކަށް ބަދަލުނުވެއްޖެނަމަ، "އީރާނުގެ ރައްޔިތުންގެ ހުރިހާ ޑިމާންޑްތަކެއް ފުރިހަމަވަންދެން ހަނގުރާމައިގެ މައިދާނުގައި ކޮނޑާއި ކޮނޑު ޖައްސައިގެން ތިބެ ހަނގުރާމަކުރާނެ" ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް