ސިޔާސީ

ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ!

ކ

ކްރިޓިކްސް

08 އޭޕްރިލް 2026
04:53
ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ!

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި މެމްބަރުން ސޮއިކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ގައުމީ މަޖިލީހުގެ 65 މެމްބަރުންގެ ތާއީދާއެކު އެ މަގާމަށް އިންތިހާބުކުރި ގަޕޯއާ ދެކޮޅަށް ތައްޔާރުކުރާ މި ޕެޓިޝަނުގައި ރޭގެ ނިޔަލަށް 50 އަށްވުރެ ގިނަ މެމްބަރުން ވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅޭ މައުލޫމާތު ދެއްވި ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި، މި ޕެޓިޝަނުގެ މައިގަނޑު ބޭނުމަކީ ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމެވެ. އެމްޑީޕީގެ ގަވާއިދުތައް ބުނާގޮތުން ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން ޗެއާޕާސަން މަގާމުން ވަކިކުރެވޭނެއެވެ. އަދި 10 މެމްބަރަކު ސޮއިކޮށް ހުށަހަޅައިފިނަމަ، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުން ޕާޓީގެ އިދާރާއަށް ލާޒިމްވެއެވެ.

ގަޕޯ މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށިފައި މިވަނީ، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިކަމުގެ ސިޓީއެއް ގަޕޯ ފޮނުއްވުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައެވެ. އެ ބޭފުޅުން ވަކިކުރި ސަބަބު ސިޓީގައި ބަޔާންކޮށްފައި ނުވާއިރު، އިބުރޭ ވަނީ އޭނާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، ގަޕޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު އިތުރަށް ގޯސްވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދިނުމަށްފަހު ފަހުވަގުތު އެކަން ކެންސަލް ކުރުމުންނެވެ. މިކަމާ ހިތްހަމަނުޖެހިގެން ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. ނަމަވެސް، ގަޕޯ ވިދާޅުވީ ނަޝީދަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދަނިކޮށް، ބަޔަކު ގަސްތުގައި ފިތުނަ އުފައްދަން ވާހަކަ ފެތުރީ ކަމަށެވެ.

ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގަޕޯ އެ މަގާމަށް އައީވެސް ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަން ކޯޅުންތަކުގެ ތެރެއިންނެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް