އޭސީސީން މައްސަލަ ބަލަމުން ދަނިކޮށް ހުޅުމާލޭގެ ބޮޑު ބިމެއް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފި
ކްރިޓިކްސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި މަތީ ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރި ބިމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން ދަނިކޮށް، އެ ބިން އެ ކުންފުންޏާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅިގެން އެޗްޑީސީން އޭސީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މަޝްރޫއު ހުއްޓާލައިފިނަމަ ކުންފުންޏަށާއި އިންވެސްޓަރުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަޝްރޫއަށް ބިން ހަވާލުކޮށްފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ދެ ދުވަސް ކުރިންނެވެ. މި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މަޝްރޫއަށް ކުރިމަތިލުމަށް އެޗްޑީސީން ރަސްމީކޮށް އިއުލާން ކުރުމުގެ މާ ކުރިންވެސް ނަންޓޮންގް ކުންފުނިން އޮތީ ތައްޔާރުވެފައެވެ. އެގޮތުން، އިއުލާން ކުރުމުގެ 11 ދުވަސް ކުރިން ލިޔެކިޔުންތަކުގައި ސޮއިކޮށްފައިވާއިރު، އެޗްޑީސީން ފުރުސަތު ހުޅުވާލީ އެ ކުންފުނިން ޝައުގުވެރިކަން ފާޅުކުރި ފަހުންނެވެ.
މި މަޝްރޫއަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދީފައިވަނީ އެންމެ 6 ދުވަހުގެ މުއްދަތެކެވެ. މި ކުރު މުއްދަތުގެ ތެރޭގައި 9 ކުންފުންޏަކުން ކުރިމަތިލި ނަމަވެސް، ލިޔެކިޔުންތައް ފުރިހަމަ ނުވާކަމަށް ބުނެ 6 ކުންފުންޏެއް ވަނީ ބޭރުކޮށްލާފައެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި، މިފަދަ ބޮޑު މަޝްރޫއެއްގެ ފަންނީ އަދި މާލީ ދިރާސާތައް އެހާ ކުރު މުއްދަތެއްގައި ނިންމުމަކީ އާދައިގެ އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް، ބިޑު ހުޅުވިތާ 24 ގަޑިއިރު ނުވަނީސް އެޗްޑީސީގެ ބޯޑުން ވަނީ މަޝްރޫއު ނަންޓޮންގް ކުންފުންޏާ ހަވާލުކުރަން ނިންމާފައެވެ.
މި އެއްބަސްވުމުގެ ދަށުން 1.3 މިލިއަން އަކަފޫޓުގެ ބިން ދޫކުރާއިރު، މަޝްރޫއު ހިންގާ ޖޮއިންޓް ވެންޗާގެ 70 އިންސައްތަ ހިއްސާ އޮންނާނީ އެ ކުންފުންޏަށެވެ. މީގެ އިތުރުން، ތިން މަސްދުވަހުގެ ފްރޭމްވޯކް އެގްރީމެންޓެއްގެ ދަށުން މަޝްރޫއުގެ ޑިޒައިނާއި އިޖުތިމާއީ ޒިންމާގެ ދަށުން ކުރާނެ ހަރަދުތައް ކަނޑައެޅުމަށް ވެސް ބޯޑުން ވަނީ ފާސްކޮށްފައެވެ.