ސިޔާސީ

މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް އޮތީ ދަތި ދެމަސްދުވަސް - އަމްރު

ކ

ކްރިޓިކްސް

08 އޭޕްރިލް 2026
08:43
މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް އޮތީ ދަތި ދެމަސްދުވަސް - އަމްރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް އޮތް ދެ މަސްދުވަހަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ދުވަސްތަކެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ހަރަދު ކުޑަކުރުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށެވެ. މީގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން 35 އާއި 45 ރުފިޔާއާ ދެމެދު ލިބުނު ކުކުޅު ކިލޯއެއްގެ އަގު މިހާރު 75 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ ތަދިކަން ކަމަށް ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުން ވަންނަ ޑޮލަރުގެ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ތަކެއްޗެއް އިމްޕޯޓް ކުރަން ޖެހެނީ ޑޮލަރުން ކަމަށްވާއިރު، ޑޮލަރު ލިބުން ދަތިވުމަކީ މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، "މި ވަގުތު ބަންދު ކުރަންވީ ރާއްޖޭން ބޭރުގައި މިހުރި ހުރިހާ އެމްބަސީއެއް ނޫންތޯ. ކީއްކުރާ ތަނެއްތޯ؟ އޭގެ ކޮންމެ އެމްބަސީއެއްގައި އެބަތިބި 70 އިން 100 އިން މީހުން. އަޅުގަނޑުމެން ޑޮލަރުން މި ޕޭ ކުރަނީ އެ މީހުންގެ މުސާރައަށާއި، އެ މީހުންގެ އާއިލާއަށާއި، އެ މީހުންގެ ކުދިން ސްކޫލަށް ވެއްދުމަށާ ހުރިހާ ކަމަކަށް،" ކަމަށެވެ. އޭނާ ވިދާޅުވީ ޑޮލަރު ބޭކާރު ގޮތުގައި ހަރަދުކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ތެޔޮ އިމްޕޯޓް ކުރުމަށް މިހާރު އެއްބަސްވުންތަކެއް އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ތެޔޮ ބިލުތަކަށް ފައިސާ ދައްކާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް އަމްރު ވިދާޅުވިއެވެ. ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ މަދުވެ، ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

އަމްރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ މިހާރު އޮތް ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދު ރަނގަޅު ނުވާނެ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން ދަނީ "ހަނާވަމުން" ކަމަށެވެ.


ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް