ޚަބަރު

ސަލްމާ މަގާމުން ވަކިނުކޮށް ރާއްޖެ ގެންނަނީ!

ހއ

ހުސެއިން އާދަމް

08 އޭޕްރިލް 2026
18:23
ސަލްމާ މަގާމުން ވަކިނުކޮށް ރާއްޖެ ގެންނަނީ!

ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ޚާރިޖީ ވުޒާރާގެ ބައެއް މަސައްކަތްތަކަށް މާލެ ގެންނަން ނިންމާފައިވާކަން އެ މިނިސްޓްރީން މިއަދު ކަށަވަރުކޮށްދީފިއެވެ.

ނަމަވެސް، އޭނާ ރާއްޖެ ގެންނަނީ ސީދާ ކޮން މަސައްކަތްތަކެއް ކުރުމަށް ކަމެއް ފޮރިން މިނިސްޓްރީގެ އޮފިޝަލް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ސަލްމާ ރާއްޖެ ގެންނަން މި ނިންމީ، އޭނާ މަގާމުން ވަކިކުރުމަށްފަހު އަލުން އެ މަގާމަށް އައްޔަންކުރި ކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ވަގުތެއްގައެވެ.

އެހެންނަމަވެސް، މިނިސްޓްރީގެ އޮފިޝަލް ވަނީ އެ ވާހަކަތައް ދޮގުކުރައްވައި، ސަލްމާ އަދިވެސް ހުންނެވީ ކުރިންވެސް ހުންނެވި ޖެނީވާގެ ދާއިމީ މަންދޫބުގެ މަގާމުގައި ކަމަށާއި، އޭނާ މަގާމުން ވަކިކުރަން ސަރުކާރުން ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ.

ސަލްމާއާ ގުޅޭގޮތުން ވާހަކަތައް ދެކެވެން ފެށީ، އޭނާގެ ދައްތަ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ. އެ އޯޑިއޯގައި އަސްމާ ވަނީ ސަލްމާއާ ނުލައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، މިނިސްޓްރީން ބުނެފައިވަނީ ސަލްމާ ރާއްޖެ ގެނައުމާ އެ އޯޑިއޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މީގެ އިތުރުން، އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ޔޫއޭއީގެ ސަފީރުކަމުން އިއްޔެ ވަނީ ވަކިކުރައްވާފައެވެ. އެހެންނަމަވެސް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ ދަރިކަނބަލުން އާމިނަތު ހުސައިން ޝަރީފް އަދިވެސް ހުންނެވީ އެ މަގާމުގައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް