ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަން އަންގައިފި!
ހުސެއިން އާދަމް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ އިގުތިސާދީ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އަންގައިފިއެވެ.
ޕީސީބީން ނެރުނު އާ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު ވެސް ހަރަދު ކުޑަކުރުމުގެ އިރުޝާދުތަކެއް ވަނީ ދީފައެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދުތައް މަދުކުރުމާއި، ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމުމަށް އިސްކަންދީ، ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލުމަށާއި، އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންތެރި ނޫން އާ މަގާމުތަކަށް މީހުން ނުނެގުމަށް ވެސް ވަނީ އަންގާފައެވެ. ކުންފުނީގެ އަސާސީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ޒަރޫރީ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ. އަދި ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހިދާނެ މާލީ ބުރައަށް ވިސްނައިގެން ކަންކަން ރޭވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންމެހެން ބާއްވަންޖެހޭ ހަފުލާތައް ފިޔަވައި އެހެން އިވެންޓްތައް ނުބޭއްވުމާއި، ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް އޮންލައިންކޮށް ބައްދަލުވުންތަކާއި ތަމްރީނުތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.
އަދި ދަތުރުފަތުރުގައި ފެރީގެ ހިދުމަތް ބޭނުންކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ތަންތަނުގައި އެ ނިޒާމަށް އިސްކަންދިނުމަށް ވެސް ވަނީ އަންގާފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސް ހަރަދު ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ.