ރަސްމާލެ ހިއްކުން ތާރީޚަށް ނުނިމި އަނެއްކާވެސް ސަރުކާރު ފެއިލް!
ހުސެއިން އާދަމް

ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، މި ހިނގާ އޭޕްރިލް މަސް ނިމޭއިރު ވެސް ރަސްމާލެ މަޝްރޫއުގެ ބިން ހިއްކާ ނުނިމޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މި ބިޔަ މަޝްރޫއު ފެށީ 17 ޑިސެމްބަރު 2023 ގައެވެ. އެ ދުވަހު ސަރުކާރުން ބުނެފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި މުޅި ސަރަހައްދު ހިއްކާ ނިންމާލެވޭނެ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވެ އާ ތާރީހެއް ދެއްވާފަ އެވެ.
އެ ފަހުން ދިން ދެ ތާރީހަށް ވެސް މަސައްކަތް ނުނިމި އޮއްވާ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ ސްޕީޑު ތިންގުނަ އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެންނާނެ ކަމަށާއި، އެހެންކަމުން ފަސް މަސް ތެރޭގައި މަސައްކަތް ނިމޭނެ ކަމަށެވެ. އެމަނިކުފާނު ދެއްވި އެ މުއްދަތު މި މަހުގެ 17 އަށް ހަމަވާއިރު، މަސައްކަތް ނުނިމޭނެކަން މިހާރު ވަނީ ހާމަވެފަ އެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މިހާތަނަށް އެއްކޮށް ހިއްކާ ނިމުނީ ހަމައެކަނި އެމްއޭސީއެލްއާ ހަވާލުކުރި ސަރަހައްދު އެކަންޏެވެ. މިހާރު ކުރިއަށްދަނީ 'ސައިޓު ބީ' ހިއްކުމުގެ މަސައްކަތެވެ.
ތިން ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމަށް އޮތް ދާއިމީ ހައްލު ކަމަށް ސަރުކާރުން ސިފަކުރެ އެވެ. އެހެންނަމަވެސް، ބިން ހިއްކުމުގެ އިތުރުން އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ބޮޑު ހަރަދު ހަމަޖެހިފައިވާ ގޮތެއް އަދި ސާފެއް ނުވެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއަށް 500 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަވާނެ އެވެ.
މި މަސައްކަތް ހަވާލުވެފައިވާ އެޗްޑީސީގެ މާލީ ހާލަތަށް ބަލާއިރު، މިއީ އެ ކުންފުންޏަށް އަމިއްލައަށް އުފުލޭނެ ވަރުގެ މާލީ ބުރައެއް ނޫނެވެ. މިހާރު މި މަޝްރޫއު ކުރިއަށް ގެންދަނީ މޯހަން މުތާ އެކްސްޕޯޓާއި، ޗައިނާ ހާބާ އެންޑް އިންޖިނިއަރިން ކޯޕަރޭޝަންގެ އިތުރުން އެމްއޭސީއެލް ގުޅިގެންނެވެ.