ދުނިޔެ

މެލަނިއާއަކީ ޖެފްރީ އެޕްސްޓީންގެ "ޝިކާރައަކަށްވީ" މީހެއް ނޫންކަމަށް ބުނެފި

ހއ

ހުސެއިން އާދަމް

10 އޭޕްރިލް 2026
05:07
މެލަނިއާއަކީ ޖެފްރީ އެޕްސްޓީންގެ "ޝިކާރައަކަށްވީ" މީހެއް ނޫންކަމަށް ބުނެފި

އެމެރިކާގެ ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ބުރާސްފަތި ދުވަހު ވަނީ، ނަން މަޝްހޫރު ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އޭނާއާ ގުޅުވައިގެން ދައްކަމުންދާ ދޮގު ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަހަރެންނަކީ އެޕްސްޓީންގެ ޝިކާރައަކަށްވީ މީހެއް ނޫން،" ވައިޓް ހައުސްގައި ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ނުދީ ނިންމާލި ބަޔާނެއްގައި މެލަނިއާ ޓްރަމްޕް ވިދާޅުވިއެވެ. "އެޕްސްޓީންއަކީ އަހަރެން ޑޮނަލްޑް ޓްރަމްޕަށް ތައާރަފުކޮށްދިން މީހެއް ނޫން."

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ރަހުމަތްތެރިއެއް ކަމަށްވާ، މަރުވެފައިވާ ޖިންސީ ކުށްވެރިޔާއާ ބެހޭގޮތުން މެލަނިއާ ވިދާޅުވީ، "އެޕްސްޓީން އޭނާގެ ޝިކާރައަކަށްވީ މީހުންނަށް ކުރި އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް އަހަރެންނަށް ދުވަހަކުވެސް ލިބިފައެއް ނެތް. އަހަރެން އެއްވެސް ސިފައެއްގައި އެކަމުގައި ބައިވެރިވެފައެއް ނުވާނެ. އަހަރެންނަކީ އޭގެ ބައިވެރިއެއް ނޫން."

"ލަދުވެތި ޖެފްރީ އެޕްސްޓީންއާ އަހަރެން ގުޅުވައިގެން ދައްކާ ދޮގު ވާހަކަތައް މިއަދު ނިމުމަކަށް އަންނަންޖެހޭ،" މެލަނިއާ ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެންނާ ބެހޭގޮތުން ދޮގު ހަދާ މީހުންނަކީ އަހުލާގީ މިންގަނޑެއް، މަޑުމޮޅިކަމެއް އަދި އިހުތިރާމެއް ނެތް ބައެއް. އެމީހުންގެ ނޭނގުމާ މެދު އަހަރެންގެ އިއުތިރާޒެއް ނެތް، ނަމަވެސް އަހަރެންގެ އަބުރު ގެއްލުވާލުމަށް ކުރުމަށް އެމީހުން ކުރާ ނުބައި މަސައްކަތްތައް އަހަރެން ގަބޫލެއް ނުކުރަން."

ފަސްޓް ލޭޑީގެ ބަޔާން ނިންމާލެއްވީ، "އެޕްސްޓީންގެ ޝިކާރައަކަށްވީ އަންހެނުންނަށް... ހާއްސަކޮށް ސަލާމަތްވި މީހުންނަށް އަމާޒުކޮށްގެން އާންމު އަޑުއެހުމެއް" ބޭއްވުމަށް ކޮންގްރެސްއަށް ގޮވާލައްވަމުންނެވެ. "އޭރުން، އަހަރެމެންނަށް ހަގީގަތް އެނގޭނީ،" އޭނާ ވިދާޅުވިއެވެ.

ހައުސް އޯވަސައިޓް އެންޑް ގަވަރމަންޓް ރިފޯމް ކޮމިޓީގެ ދެ މެންބަރުން ކަމަށްވާ ރެޕް. ނޭންސީ މޭސް (އާރު-އެސް.ސީ) އަދި ރެޕް. ރޮބަޓް ގާސިއާ (ޑީ-ކެލިފް) ވަނީ އެޕްސްޓީންގެ ޝިކާރައަކަށްވީ މީހުންނަށް އާންމު އަޑުއެހުމެއް ބޭއްވުމަށް މެލަނިއާ ޓްރަމްޕް ގޮވާލެއްވި ގޮވާލުމަށް ވަގުތުން ތާއީދުކުރައްވާފައެވެ.

އެޕްސްޓީންއާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ފަސްޓް ލޭޑީއަށް ބާރުއެޅީ ކޮން ކަމެއްކަން ސާފެއް ނުވެއެވެ. ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބަޔާނެއް ދެއްވާނެ ކަމަށް ބުދަ ދުވަހު އޭނާގެ އޮފީހުން ކުރި އިއުލާނުގައި، ދައްކަވާނީ ކޮން ވާހަކައެއް ކަމެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، ފަހުން ވައިޓް ހައުސްއިން އޮންލައިންކޮށް ޝާއިއުކުރި އޭނާގެ ބަޔާނުގައި، 23 އޮކްޓޫބަރު 2002 ގައި އެޕްސްޓީންގެ އެހީތެރިޔާ (މިހާރު ކުށް ސާބިތުވެފައިވާ) ޖިސްލޭން މެކްސްވެލްއަށް، އެޕްސްޓީންއާ ބެހޭގޮތުން ނިއުޔޯކް މެގަޒިންގައި ލިޔެފައިވާ ޕްރޮފައިލަކާ ގުޅުވައިގެން އީމެއިލެއް ފޮނުއްވި ކަމަށް ފަސްޓް ލޭޑީ އިއުތިރާފުވެވަޑައިގެންފައިވެއެވެ.

އެ އީމެއިލަކީ، އާންމުކުރުން ލާޒިމުކުރާ ގާނޫނެއްގެ ދަށުން ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކޮށްފައިވާ، އެޕްސްޓީން އަދި މެކްސްވެލްއާ ގުޅުންހުރި މިލިއަނުން ގުނޭ ލިޔެކިޔުންތަކުގެ ތެރެއިން އީމެއިލްއެކެވެ.

މި އީމެއިލް ފެބްރުއަރީ 10 ގައި އެކްސް (ކުރީގެ ޓްވިޓާ) ގައި އާންމުކުރީ ހައުސް އޯވަސައިޓް އެންޑް ގަވަރމަންޓް ރިފޯމް ކޮމިޓީގެ ޑިމޮކްރެޓުންނެވެ.

ނިއުޔޯކް މެގަޒިންގެ އެ ޕްރޮފައިލްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ: "އަހަރެން ޖެފް ދަންނަތާ ފަނަރަ އަހަރު ވެއްޖެ. އޭނާއަކީ ވަރަށް ސަޅި މީހެއް."

"އޭނާއާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް މަޖާ ކަމެއް،" ޓްރަމްޕް އެ ވިދާޅުވެފައިވެއެވެ. "އަހަރެން ފަދައިން އޭނާވެސް ރީތި އަންހެނުންނަށް ލޯބިކުރާ ކަމަށް ބުނެވޭ، އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ޒުވާން އުމުރުގެ މީހުން. އެކަމާ އެއްވެސް ޝައްކެއް ނެތް. ޖެފްރީ އޭނާގެ އިޖުތިމާއީ ދިރިއުޅުމުގެ އުފާ ލިބިގަނޭ."

މެކްސްވެލްއަށް ފޮނުއްވި އީމެއިލްގައި މެލަނިއާ ޓްރަމްޕް ލިޔުއްވާފައިވެއެވެ: "ލޯބިވާ ޖީ! ހާލު ކިހިނެއް؟ ނިއުޔޯކް މެގަޒިންގައި ޖޭއީއާ ބެހޭގޮތުން އޮތް ވާހަކަ ވަރަށް ރީތި. ފޮޓޯގައި ތިބާ ވަރަށް ރީތި."

"އަހަރެންނަށް އެނގޭ މުޅި ދުނިޔޭގައި އުދުހުމުގައި ތިބާ ވަރަށް ބިޒީކަން. ޕާމް ބީޗް ކިހިނެއް؟ އެތަނަށް ދާން ކެތްމަދުވެފައި މިހުރީ. އެނބުރި ނިއުޔޯކަށް އައުމުން އަހަރެންނަށް ގުޅާލާ. އުފާވެރި ވަގުތަކަށް އެދެން! ލޯތްބާއެކު، މެލަނިއާ،" އޭނާ ލިޔުއްވާފައިވެއެވެ.

ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި މެލޭނިއާ ޓްރަމްޕް ވިދާޅުވީ، "ސާފުކޮށް ދަންނަވާނަމަ، އެޕްސްޓީން ނުވަތަ އޭނާގެ ބައިވެރިޔާ މެކްސްވެލްއާ އެކު އަޅުގަނޑުގެ އެއްވެސް ގުޅުމެއް ދުވަހަކުވެސް ނެތް،" ކަމަށެވެ.

"މެކްސްވެލްގެ އީމެއިލަށް އަޅުގަނޑު ދިން ރައްދަކީ އާދައިގެ މުއާމަލާތަކަށް ވުރެ އިތުރު އެއްޗެއްގެ ގޮތުގައި ބެލެވޭނެ ޖާގައެއް ނެތް،" އޭނާ ވިދާޅުވިއެވެ. "އޭނާގެ އީމެއިލަށް އަޅުގަނޑު ދިން އަދަބުވެރި ޖަވާބަކީ އާދައިގެ ކުރު ނޯޓަކަށް ވުރެ ބޮޑު އެއްޗެއް ނޫން."

ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، އެޕްސްޓީންއާ އެންމެ ފުރަތަމަ ދިމާވީ 2000 ވަނަ އަހަރު، މިހާރުގެ ރައީސް ޓްރަމްޕާ އެކު ވަޑައިގެންނެވި ހަފުލާއަކުން ކަމަށެވެ.

"އެ ދުވަސްވަރު އަޅުގަނޑު އެޕްސްޓީންއާ ދުވަހަކުވެސް ބައްދަލުވެފައެއް ނުވޭ، އަދި އޭނާގެ ކުށްވެރި އަމަލުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް އެނގިފައެއް ނެތް،" މެލޭނިއާ ޓްރަމްޕް ވިދާޅުވިއެވެ.

"އެޕްސްޓީން އާއި އަޅުގަނޑާ ބެހޭ ގޮތުން ހަދާފައިވާ ފޮޓޯތަކާއި ބަޔާންތައް ސޯޝަލް މީޑިއާގައި ދައުރުވާތާ މިހާރު އަހަރުތަކެއް ވެއްޖެ،" އޭނާ ވިދާޅުވިއެވެ. "ތިޔަ ގަބޫލުކުރާ ކަންކަމާ މެދު ސަމާލުވޭ. މި ފޮޓޯތަކާއި ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް."

"އެޕްސްޓީންގެ އެއްވެސް ކުށަކާ ގުޅިގެން އަޅުގަނޑަކީ ހެކިވެރިއެއް ނޫން، ނުވަތަ ހެކިވެރިއެއްގެ ގޮތުގައި ނަން ދެވިފައިވާ މީހެއްވެސް ނޫން،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

"އެޕްސްޓީންގެ މައްސަލައާ ގުޅޭ ކޯޓު ލިޔެކިޔުންތަކުގައި، އަނިޔާ ލިބުނު މީހުންގެ ބަޔާންތަކުގައި ނުވަތަ އެފް.ބީ.އައި އިން ކުރި ސުވާލުތަކުގައި ވެސް އަޅުގަނޑުގެ ނަމެއް ދުވަހަކުވެސް ހިމެނިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް