ޕާލް ރެސިޑެންސީ ވިސާ ވެގެންދާނީ އިންވެސްޓްމަންޓަށް ހުޅުވިގެންދާ ފުރުސަތަކަށް - ސައީދު
ހުސެއިން އާދަމް
އިންވެސްޓަރުންނަށް ޚާއްސަކޮށްގެން ތައާރަފްކުރާ "ޕާލް ރެސިޑެންސީ ވިސާ" ވެގެންދާނީ އިންވެސްޓަރުންގެ ޔަޤީންކަން ލިބި، ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް ހުޅުވިގެންދާ މުހިންމު ފުރުސަތަކަށް ކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި އިންވެސްޓްކޮށްގެން ދިގުމުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. މިކަން ކުރުމަށްޓަކައި ވަކި ޚާއްސަ ބިލެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި، އެ ބިލް ފާސްކުރުމަށްޓަކައި ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށްގެންދަނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ. "އެކަން ކުރުމުގައި އެޓާނީ ޖެނެރަލްގެ ލަފައަކީ އެންމެ ރަނގަޅުވާނީ މިކަމަށް ވަކި ޤާނޫނެއް ހެދުމޭ. އެ ބިލް މިހާރު އެއޮތީ އެޓާނީ ޖެނެރަލް އޮފީހުގައި ޑްރާފްޓް ކުރައްވާފައި. އޭޖީ އޮފީހާއި އަޅުގަނޑުމެންނާއި އެއްކޮށް މިހާރު އެ މަސައްކަތް އެދަނީ ކުރަމުން،" ސަޢީދު ވިދާޅުވިއެވެ. މަޖިލީހަށް ހުށަހެޅުމުން އެ ބިލާ މެދު މިނިވަން ބަހުސްތަކެއް ކުރެވި، ފާސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބަދަލުވަމުންދާ ހާލަތްތަކާ އެއްގޮތަށް ރާއްޖޭގެ ފަތުރުވެރިކަންވެސް ޒަމާނީވާންޖެހޭ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން މި ސިނާއަތް ޒަމާނީ ކުރުމަށް ކުރާ މަސައްކަތްތަކަށް ބާރުދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި އިންވެސްޓަރ ފޯރަމްގެ ތެރޭގައެވެ.
މި ޕްރޮގްރާމްގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިވެރިން އެތައް ޒަމާނެއް ވަންދެން ކުރަމުން އައި އުންމީދުތައް ހަޤީގަތަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މިއީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު އިތުރަށް ހަރުދަނާކޮށް، ބޭރުގެ ފައިސާ ރާއްޖެއަށް ވަންނާނެ މަގުތައް ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.