ވިޔަފާރި

މީރާ މެދުވެރިކޮށް މިދިޔަ މަހު 4 ބިލިއަން ރުފިޔާ ލިބިއްޖެ

ހއ

ހުސެއިން އާދަމް

10 އޭޕްރިލް 2026
05:37
މީރާ މެދުވެރިކޮށް މިދިޔަ މަހު 4 ބިލިއަން ރުފިޔާ ލިބިއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މާޗު މަހު ދައުލަތަށް 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި އަދަދަށް ވުރެ 26.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާ އިން ހާމަކުރި ގޮތުގައި މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާޗު މަހު ލިބުނު އާމްދަނީ ވަނީ 17 އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅޭގޮތުން މީރާ އިން ބުނީ، މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ޓޫރިޒަމާ ގުޅުންހުރި ޓެކްސްތަކުގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ މަތިވެފައެވެ.

މާޗު މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ ޖުމްލަ އާމްދަނީގެ 59.6 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާއެވެ.

އެއަށްފަހު އެންމެ ގިނައިން އާމްދަނީ ލިބުނު ދާއިރާތަކަކީ:

  • ރިސޯޓު ލޭންޑް ޓެކްސް: 440 މިލިއަން ރުފިޔާ (10.9%)

  • ގްރީން ޓެކްސް: 312 މިލިއަން ރުފިޔާ (7%)

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 271 މިލިއަން ރުފިޔާ (6.7%)

  • ޑިޕާޗާ ޓެކްސް: 248 މިލިއަން ރުފިޔާ (6.1%)

  • އިންކަމް ޓެކްސް: 198 މިލިއަން ރުފިޔާ (4.9%)

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޑޮލަރުގެ ގޮތުގައި 205 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި މީރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މުއްދަތުގެ ތެރޭގައި 7.6 އިންސައްތަ ފައިސާ ހޯދިފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް