ދުނިޔެ

އީރާނާއެކު އެއްބަސްވުމަކަށް ނާދެވި، ވެންސް އާއި އެމެރިކާގެ ވަފުދު ފުރައިފި

ހއ

ހުސެއިން އާދަމް

12 އޭޕްރިލް 2026
04:14
އީރާނާއެކު އެއްބަސްވުމަކަށް ނާދެވި، ވެންސް އާއި އެމެރިކާގެ ވަފުދު ފުރައިފި

އީރާނާއެކު 21 ގަޑިއިރަށް ދެމިގެންދިޔަ ދިގު މަޝްވަރާތަކަށްފަހު، އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާދީއްތަ ދުވަހު ޕާކިސްތާނުން ފުރާވަޑައިގެންފިއެވެ.

މަޝްވަރާތަކުގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ވެންސް ވިދާޅުވީ، ނިއުކްލިއަރު ހަތިޔާރު ނުއުފެއްދުން ހިމެނޭހެން އެމެރިކާގެ ޝަރުތުތައް ގަބޫލުނުކުރުމަށް އީރާނުން ނިންމާފައިވާ ކަމަށެވެ.

"ދެރަ ޚަބަރަކީ އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް ނާދެވުން. އަދި އަޅުގަނޑު ދެކޭގޮތުގައި މިއީ އެމެރިކާއަށްވުރެ ބޮޑަށް އީރާނަށް ލިބުނު ދެރައެއް، އެހެންކަމުން އަޅުގަނޑުމެން އެމެރިކާއަށް މި އެނބުރި ދަނީ އެއްބަސްވުމަކަށް ނާދެވި. އަޅުގަނޑުމެންގެ ރެޑް ލައިންތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް ބުނެދީފިން." ވެންސް ވިދާޅުވިއެވެ.

މަޝްވަރާތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަދުވެގެން ހަ ފަހަރު ވާހަކަދެއްކެވި ކަމަށާއި، ދެ ފަރާތުގެ މެދުގައި އުފެދުނު އެންމެ ބޮޑު ޚިޔާލުތަފާތުވުމަކީ ނިއުކްލިއަރު ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުން ކަމަށް ވެންސް ވިދާޅުވިއެވެ.

"އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުމަށް މަސައްކަތް ނުކުރާނެ ކަމުގެ އަދި ނިއުކްލިއަރު ހަތިޔާރެއް އަވަހަށް އުފެއްދުމަށް މަގުފަހިކޮށްދޭނެ ވަސީލަތްތައް ހޯދުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ. "އެއީ އެމެރިކާގެ ރައީސްގެ މައިގަނޑު އަމާޒަކީ، އަދި މި މަޝްވަރާތަކުން ހާސިލުކުރަން އަޅުގަނޑުމެން މަސައްކަތްކުރި ކަމަކީވެސް އެއީ."

އީރާނުގެ ސެމީ އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ބުނީ އެމެރިކާގެ "އިންތިހާ" ޑިމާންޑްތަކުގެ ސަބަބުން އެއްބަސްވުމަކަށް އައުމަށް ހުރަސް އެޅި، މަޝްވަރާތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ވެންސް ވާހަކަދެއްކެވުމުގެ ކުރިން އީރާނު ސަރުކާރުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި ދެ ފަރާތުގެ ފަންނީ މާހިރުން ލިޔެކިޔުންތައް ބަދަލުކުރާނެ ކަމަށެވެ.

އިސްލާމްއާބާދުގައި ބޭއްވުނު މި ބައްދަލުވުމަކީ ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުނު ފުރަތަމަ ސީދާ ބައްދަލުވުމެވެ. އަދި މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު ބޭއްވުނު އެންމެ މަތީ ފަންތީގެ މަޝްވަރާތަކެވެ.

މި މަޝްވަރާތަކުގެ ނަތީޖާއިން، ދެ ހަފުތާގެ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުސްތަގުބަލާއި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ހުރަސްކުރާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ މެދު ގޮތްތަކެއް ނިމިގެންދާނެއެވެ. ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ވެންސް އާއި ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ ވަނީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އަދި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ދެ ގަޑިއިރު ވަންދެން ބައްދަލުކުރައްވާފައެވެ.

އީރާނުގެ ވަފުދު ހުކުރު ދުވަހު އައީ އަވަހާރަވި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ހަނގުރާމައިގައި މަރުވި އެހެން މީހުންގެ ހަނދާނުގައި ކަޅު ހެދުމުގައެވެ. އީރާނު ސަރުކާރުން ބުނި ގޮތުގައި، އެމީހުން ވަނީ އަސްކަރީ މަރުކަޒެއްގެ ކައިރީގައި ހުރި ސްކޫލަކަށް އެމެރިކާއިން ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް ދަރިވަރުންގެ ބޫޓާއި ދަބަސްތައް ގެނެސްފައެވެ. ޕެންޓަގަނުން ބުނީ އެ ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރީ ތަހްގީގުތަކުން ގަބޫލުކުރަނީ އެ ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ ކަމަށެވެ.

"ދެ ފަރާތުގެ މެދުގައި ޝުއޫރުތައް ބަދަލުވަމުންދިޔަ، އަދި ބައްދަލުވުމުގެ ތެރޭގައި މަސްލަހަތު ހޫނުވެ ފިނިވަމުންދިޔަ،" މަޝްވަރާތަކުގެ ފުރަތަމަ ބުރަށް އިޝާރާތްކޮށް ޕާކިސްތާނުގެ އެހެން މަސްދަރަކުން ބުންޏެވެ.

އެމެރިކާ-އީރާނު މަޝްވަރާތަކާ ގުޅިގެން، 2 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިސްލާމްއާބާދު އޮތީ އެއްކޮށް ބަންދުކޮށްފައެވެ. އަދި މަގުތަކުގައި އެތައް ހާސް ޕެރާމިލިޓަރީ އަދި ސިފައިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މީގެ އަހަރެއް ކުރިން ޚާރިޖީ ގޮތުން އެކަހެރިވެފައި އޮތް ޤައުމަކަށް ބަލާއިރު، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމަކީ އެ ޤައުމަށް އައި ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.

މަޝްވަރާތައް ފެށުމާއެކު، ހޯރްމޫޒް ކަނޑުއޮޅި ސާފުކުރަން ފެށުމަށްޓަކައި "މަގުފަހިކުރަމުންދާ" ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.

ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅިއަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ޤައުމުގެ ދެ މަނަވަރެއް އެ ކަނޑުއޮޅި ހުރަސްކޮށްފައިވާއިރު، ކަނޑުއަޑީގެ މައިންތައް ނައްތާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް، އެމެރިކާގެ އެއްވެސް އުޅަނދެއް އެ ސަރަހައްދުން ދަތުރުކުރިކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން އިންކާރުކުރެއެވެ.

މަޝްވަރާތައް ފެށުމުގެ ކުރިން، ޤަޠަރާއި ބޭރުގެ އެހެން ބޭންކުތަކުގައި ހުރި އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސްއަށް ކިޔައިދިނެވެ. އެކަމަކު، އެ ފައިސާ ދޫކޮށްލަން އެއްބަސްވިކަމަށް އެމެރިކާގެ އޮފިޝަލަކު ދޮގުކުރެއްވިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީއާއި އޮފިޝަލުން ބުނާ ގޮތުގައި، ބޭރުގައި ހުރި ފައިސާ ދޫކޮށްލުމުގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށާއި، ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، ލުބުނާން ހިމެނޭ ގޮތަށް މުޅި ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަށް އީރާނުން ދަނީ ޝަރުތު ކުރަމުންނެވެ.

މީގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ޓްރާންސިޓް ފީ ނެގުމުގެ ބާރުވެސް އީރާނުން ބޭނުންވެއެވެ.

ޓްރަމްޕް ބޭނުންފުޅުވާ ކަންކަމަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އެންމެ ކުޑަމިނުން އޭނާ ބޭނުންވަނީ ބައިނަލްއަޤުވާމީ މުދާ އުފުލާ އުޅަނދުތަކަށް އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށާއި، އީރާނަށް އެޓަމް ބޮމެއް ނުއުފެއްދޭނެކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ ޕްރޮގްރާމް ހުއްޓުވުމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް