ސިޔާސީ

ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ހއ

ހުސެއިން އާދަމް

12 އޭޕްރިލް 2026
09:39
ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލާގައި، އޭނާގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި މައްސަލައަކީ ސިނާން އާއި އިތުރު ތިން މީހަކު ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ ކޯޓުން ކުރި ހުކުމަކާ ގުޅޭ މައްސަލައެކެވެ. އެ ކޯޓުން ހުކުމްކޮށްފައިވަނީ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން މިންވަރެއް ދައްކައި ހަލާސްކުރުމަށެވެ. ނަމަވެސް ސިނާންގެ ފަރާތުން އެ ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި "އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" ހިމެނެއެވެ. މި ޝަރުތު އުނިވުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށް ބެލެވޭނީ ހުކުމުގައިވާ ކޮންމެ އިރުޝާދަކާ އެއްގޮތަށް އަމަލުކުރާ ނަމަ އެވެ.

ސިނާންގެ ފަރާތުން ހުކުމް އޮތްކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށް ބުނި ނަމަވެސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ "އަމިއްލަ ކަންތައްތަކެއްގެ ސަބަބުން ޒިންމާ ނަގަން ޖެހޭކަން ނޭނގޭ ކަމަށް ބުނުމަކީ ގާނޫނީ ބުރަދަނެއް ހުރި ވާހަކައެއް ނޫން" ކަމަށެވެ.

ސިނާންގެ ފަރާތުން މި މާއްދާ މާނަކޮށްފައިވަނީ މެންބަރަކު ބަނގުރޫޓުވުމުގެ ހާލަތަށް ދިއުން ކަމަށް ވިޔަސް، ކޯޓުން ކަނޑައެޅީ ގާނޫނުއަސާސީގައި ސާބިތު ދަރަނި ކަމުގައި މާނަކޮށްފައިވަނީ ކޯޓުގެ ހުކުމަކުން ނުވަތަ އަމުރަކުން ދައްކަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ކޮންމެ ފައިސާއެއް ކަމަށެވެ.

ސިނާން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 13 ގައި، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދުވަހު ދަރަނީގެ ބާކީ ބައި އެއްކޮށް ދައްކާފައެވެ. ނަމަވެސް ކޯޓުން ނިންމީ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދިޔަ މުއްދަތެއް ފާއިތުވެފައިވާތީ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް