ދުނިޔެ

ޗައިނާއިން ޓައިވާނަށް އިގްތިސާދީ ލުއިތަކެއް ހުށަހަޅައިފި

ކ

ކްރިޓިކްސް

13 އޭޕްރިލް 2026
06:18
ޗައިނާއިން ޓައިވާނަށް އިގްތިސާދީ ލުއިތަކެއް ހުށަހަޅައިފި

ޗައިނާއިން ޓައިވާނަށް އަމާޒުކޮށް އާ އިގްތިސާދީ އިނާޔަތްތަކެއް އިއުލާނުކޮށް، އެ ރަށާއެކު އޮތް ބައެއް ގުޅުންތައް އަލުން އިއާދަކުރުމަށް ހުށަހަޅައިފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ޓައިވާނުގެ މައި އިދިކޮޅު ޕާޓީ، ކިއުމިންޓަންގް (ކޭ.އެމް.ޓީ) ގެ އިސްވެރިޔާ ބެއިޖިންގަށް ކުރެއްވި ޒިޔާރަތަކަށް ފަހުގައެވެ.

1949 ވަނަ އަހަރު ޗައިނާގެ ދާޚިލީ ހަނގުރާމައިން ބަލިވުމުން އެ ގައުމުގެ ނޭޝަނަލިސްޓް މީހުން ޓައިވާނަށް ފިލައިގެން ދިޔަ ފަހުން، އެ ރަށަކީ އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ސަރަހައްދެކެވެ. ނަމަވެސް، ޗައިނާއިން ދެކޭގޮތުގައި "ވަން ޗައިނާ" ސިޔާސަތުގެ ދަށުން ޓައިވާނަކީ އެ ގައުމުގެ ބައެކެވެ. އދ. ގެ ގިނަ ގައުމުތަކުން ވެސް މި ސިޔާސަތަށް ތާއީދުކުރެއެވެ.

ބެއިޖިންގްގެ ޓައިވާން އެފެއާޒް އޮފީހުން އާދީއްތަ ދުވަހު ވަނީ 10 ނުކުތާގެ މައްޗަށް އެކުލެވޭ އިގްތިސާދީ ޕެކޭޖެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ޓައިވާން ކަނޑުއޮޅި ހުރަސްކޮށް ކުރާ ސީދާ ދަތުރުތައް އަވަސް މުއްދަތެއްގައި އަލުން ފެށުމާއި، ޓައިވާނުގެ ކާބޯތަކެތީގެ އުފެއްދުންތަކަށް ޗައިނާގެ މާކެޓުން ފުރުސަތު ހޯދައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ޗައިނާގެ މައި ބިމާ ކައިރީގައި އޮންނަ ޓައިވާނުގެ ބާރުގެ ދަށުގައިވާ މަކްސޫ އަދި ކިންމެން ރަށްތަކަށް ހަކަތައާއި ފެން ފޯރުކޮށްދިނުމާއި، އެ ރަށްތަކާ ގުޅުވައިދޭ ބްރިޖެއް އެޅުމުގެ މަސައްކަތް ކުރުން ވެސް މި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ކޭ.އެމް.ޓީގެ ޗެއާވުމަން ޗެންގް ލީ-ވުން ޗައިނާއަށް ކުރެއްވި ހަ ދުވަހުގެ ޒިޔާރަތުގައި، ހުކުރު ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. ޓައިވާނުގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން މި ޒިޔާރަތް ތަކުރާރުކޮށް ކުށްވެރިކޮށްފައިވާއިރު، އެ ރަށުގެ މެއިންލޭންޑް އެފެއާޒް ކައުންސިލް (އެމް.އޭ.ސީ) އިން ވަނީ މި ދަތުރުގައި "ހުދޫދުން ބޭރުވެއްޖެނަމަ" ޖަލަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ޗެންގަށް ދީފައެވެ.

ޗައިނާއިން ހުށަހެޅި ލުއިތަކަށްޓަކައި އެ ގައުމުގެ ލީޑަޝިޕަށް "ވަރަށް ބޮޑަށް ޝުކުރުވެރިވާ" ކަމަށް ޗެންގް ވިދާޅުވިއެވެ. "ޝީއާއެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑު ބުނި ފަދައިން، ކަންކަން ކުރަންވާނީ ފަހަރަކު ކަމެއް،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޓައިވާނުގެ ސަރުކާރުން ވަނީ ބެއިޖިންގަށް އިތުބާރު ނުކުރާކަން ހާމަކޮށް، ކޭ.އެމް.ޓީ މެދުވެރިކޮށް މިފަދަ ކަންކަން ނިންމާތީ ނުރުހުން ފާޅުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ކޭރެން ކުއޯ ވިދާޅުވީ "އެއްވެސް މުއާމަލާތަކީ ސިޔާސީ ޝަރުތުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، ވަކި ޕާޓީތަކެއްގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ހަތިޔާރަކަށް ވެސް ވެގެން ނުވާނެ" ކަމަށެވެ.

އެމް.އޭ.ސީ އިން ވަނީ ބެއިޖިންގްގެ މި އިއުލާނާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ ކައުންސިލުން ބުނި ގޮތުގައި މީގެ ކުރިން ވެސް ޗައިނާއިން މިފަދަ ފުރުސަތުތައް ދިނުމަށްފަހު ކުއްލިއަކަށް މެދުކަނޑާލާފައިވެއެވެ. "މިހާރު ވެސް މި ފެންނަނީ އެ މަންޒަރު. ޓައިވާނުގެ ސިނާއަތްތަކަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް، އަދި އާންމުންގެ ހައްގުތަކަށް އެއްވެސް ގާނޫނީ ރައްކާތެރިކަމެއް ނެތި މިފަދަ ކަންކަން ކުރުމަކީ ނުރައްކާތެރި ކަމެއް،" އެ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް