ސަރުކާރަށް ދެން ޖެހޭނީ ކަންކަން އިސްލާހު ކުރުން: މީކާއިލް
ކްރިޓިކްސް

ދައުރުގެ މެދުތެރެއިން ބޭއްވި މުހިންމު އިންތިހާބެއްގައި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ސާފުވެފައިވީ ނަމަވެސް، ޕީއެންސީގެ މަޖިލިސް މެމްބަރުން އަދިވެސް މަސައްކަތް ކުރައްވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވައި ތާއީދު އޮތްކަން ދެއްކުމަށް ކަމަށާއި ނަމަވެސް ކުރަންވީ ކަމަކީ ކަންކަން އިސްލާހް ކުރުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިވަނީ ބިމާ ބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. މި އިސްލާހަކީ މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބަހުސްގެ ތެރެއިން ޕީއެންސީގެ މެމްބަރުން ވަނީ އިންތިހާބުގެ ނަތީޖާއަކީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ބޭއްވި ރިފެރެންޑަމެއް ނޫން ކަމަށް ބުނެ، އެމްޑީޕީން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
ބިލުގެ ބަހުސްގައި މީކާއިލް ސުވާލު އުފެއްދެވީ ޕީއެންސީގެ މެމްބަރުން ބިލުގެ އަސްލު މައުޟޫއަށް ވާހަކަ ނުދައްކަވައި، ހަމައެކަނި ސަރުކާރުގެ ސިޔާސަތުތައް ދިފާއު ކުރައްވަން އުޅުއްވާ ސަބަބާ މެދުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މުހިންމު ބިލްތަކުގެ ބަހުސްގައިވެސް ފެންނަނީ ރައްޔިތުންގެ ހައްގުތަކަށްވުރެ ބޮޑަށް، ރައްޔިތުން ގަބޫލުނުކުރާ ސިޔާސަތުތަކެއް ދިފާއުކުރަން މެމްބަރުން ކުރައްވާ މަސައްކަތެވެ.
މީކާއިލް ވިދާޅުވީ، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ފެނިގެންދިޔައީ ސަރުކާރުގެ މަސައްކަތްތަކަށް ރައްޔިތުން ނޫނެކޭ ބުނި މަންޒަރު ކަމަށެވެ. ހާއްސަކޮށް ސަރުކާރުން ހުށަހެޅި ކަންކަމަށް 70 އިންސައްތަ ރައްޔިތުން ދެކޮޅު ހެދުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުއަސާސީއަށް ދެމުންދާ ހަމަލާތަކަށް ރައްޔިތުން ދިން ސާފު ޖަވާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން މާލޭ ރައްޔިތުންގެ ފަރާތުން ވާހަކަދައްކަވާއިރު، އަމިއްލަ ދާއިރާގެ ގޮނޑިވެސް ކާމިޔާބު ނުކުރެވުމުން އެ ބޭފުޅުންގެ މެންޑޭޓާ މެދު މީކާއިލް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން ވަނީ ސަރުކާރު ހިންގާ ގޮތާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި، އިންތިހާބުގައި އެ ބޭފުޅުންގެ އަތުން މެންޑޭޓް އަތުލާފައި ކަމަށެވެ. މީކާއިލް ވަނީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުންގެ ބަދަލުގައި ސަރުކާރުން ބުނާހާ ގޮތަކަށް އަމަލުކުރާ "ޕަޕެޓުން" ތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.