ޚަބަރު

ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ހއ

ހުސެއިން އާދަމް

14 އޭޕްރިލް 2026
13:37
ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

މާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި އަންހެނަކު ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައިގައި ދައުވާ ލިބޭ ސާހިލް އަލީގެ މައްޗަށް ކުރި ބައެއް ދައުވާތައް ސާބިތުވާ ކަމަށް ނިންމައި، ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

2023 ވަނަ އަހަރުގެ އޮގަސްޓް މަހު ފުވައްމުލަކު ޝިއާއު މަރާލައި، އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ ތުހުމަތުގައި ފ. ނިލަންދޫ، ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލާފައިވާއިރު، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލުތައް ވެސް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދިން ގޮތުގައި، އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެން ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެހެން ދައުވާތަކާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މި މައްސަލައިގައި ބާކީ ހުރި ތިން ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން މި ހިނގާ މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މީގެ ކުރިން ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތުން ސާހިލަށް ގާނޫނީ ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ، ދައުލަތުގެ ހަރަދުގައި އިތުރު ވަކީލަކު ފޯރުކޮށްނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް