"ވޯ ކެބިނެޓަށް" ރައީސް ބަދަލުގެންނަވައިފި
ހުސެއިން އާދަމް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމެޓީ ނުވަތަ "ވޯ ކެބިނެޓް" އަށް ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލު ގެންނަވާފައިވަނީ 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ވޯ ކެބިނެޓަކީ، ހަނގުރާމައިގެ ވަގުތުތަކުގައި ސަރުކާރުގެ މުޅި ކެބިނެޓުން ނިންމާ ލަސް ނިންމުންތަކުގެ ބަދަލުގައި، އަވަސް އަދި އިސްތިރާތީޖީ ނިންމުންތައް ނިންމުމަށްޓަކައި އެކުލަވައިލެވޭ ކުޑަ، ހާއްސަ ކޮމިޓީއެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އާންމުކޮށް މިފަދަ ކޮމެޓީތަކުގައި ހިމެނެނީ ސިޔާސީ އިސްވެރިންނާއި، އަސްކަރީ އޮފިޝަލުންނެވެ. އަދި ބައެއް ފަހަރު އިދިކޮޅު މެންބަރުން ވެސް ހިމެނޭ މި ކޮމިޓީގެ މައިގަނޑު އަމާޒަކީ، ކާރިސާގެ ވަގުތުތަކުގައި އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދިއުމާއި ގައުމީ ވަސީލަތްތައް ވިލަރެސްކުރުމެވެ.
މި ކޮމެޓީއަކީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތަކަށް ތައްޔާރުވުމުގެ ގޮތުން 2026 ފެބުރުވަރީ 28 ވަނަ ދުވަހު އުފެއްދެވި ކޮމެޓީއެކެވެ. ކޮމެޓީގެ އެކުލެވުމަށް ބަދަލު ގެންނަން ޖެހުނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ.
މި ބަދަލާއެކު ކޮމެޓީގެ ޗެއަރގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު އެވެ.
ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ:
1. އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް
2. މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
3. އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
4. މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މި ކޮމެޓީގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.