ޚަބަރު

500 ސިޔާސީ މުވައްޒަފުން ވަކިކުރާކަން ރައީސްގެ ތަރުޖަމާނަށް އެނގިވަޑައެއްނުގެންނެވި

ހއ

ހުސެއިން އާދަމް

16 އޭޕްރިލް 2026
15:11
500 ސިޔާސީ މުވައްޒަފުން ވަކިކުރާކަން ރައީސްގެ ތަރުޖަމާނަށް އެނގިވަޑައެއްނުގެންނެވި

ސަރުކާރުގެ އެކި ވުޒާރާތަކުން 500 ސިޔާސީ ބޭފުޅުން ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު ވިދާޅުވި ގޮތުގައި އެފަދަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން އެނގިވަޑައިގެންފައި ނެތް ނަމަވެސް، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ކުރިއަށް އޮތް ތަނުގައި ބަދަލުތަކެއް އަންނާނެއެވެ.

ސަރުކާރުގެ ތަރުޖަމާނު މިހެން ވިދާޅުވީ، 500 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައި، އެ މީހުންގެ ލިސްޓު މިނިސްޓަރުން ރައީސާ ހިއްސާކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ވަކިކުރާ މީހުންގެ ނަމާއި ދާއިރާތައް ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ، 500 މުވައްޒަފުން ކަނޑާލުމުގެ މައުލޫމާތެއް ނެތް ނަމަވެސް، ވުޒާރާތައް ބަދަލުކުރުމާއި، ބައެއް އިދާރާތައް އެއްކޮށްލުން ފަދަ އިދާރީ ބަދަލުތައް މީގެ ކުރިންވެސް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އިދާރީ ބަދަލުތައް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓަކައި ބައެއް މިނިސްޓްރީތަކުގެ އޮނިގަނޑަށް ކުރިއަށް އޮތް ހަފްތާގައި ބަދަލުތައް އަންނާނެ ކަމަށް މުންދު ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރުވެސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދާ ކަމަށާއި، މީހުން ވަކިކުރުމާއި އައްޔަނުކުރުން ކުރިއަށްދާނީ އެ ފެންވަރަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ މި ބަދަލުތަކުގައި ވަކިކުރާނީ ކިތައް މީހުންކަން ބުނަން ދަތި ނަމަވެސް، ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ހާމަކުރާނެ ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް