ދުނިޔެ

ޗައިނާގެ "ހެންގޯ" ކްލާސްގެ ސަބްމެރިނެއް ޕާކިސްތާނުން ބޭނުންކުރަން ފަށައިފި

ހއ

ހުސެއިން އާދަމް

02 މެއި 2026
06:32
ޗައިނާގެ "ހެންގޯ" ކްލާސްގެ ސަބްމެރިނެއް ޕާކިސްތާނުން ބޭނުންކުރަން ފަށައިފި

ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮންނަ ދިފާއީ އެއްބާރުލުން އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން ބިނާކުރާ "ހެންގޯ" ކްލާސްގެ އަށް ސަބްމެރިންގެ ތެރެއިން ފުރަތަމަ ސަބްމެރިން ޕާކިސްތާނުން އިފްތިތާހުކޮށް، އެ ގައުމުގެ ކަނޑުއަޑީގެ ފްލީޓް ފުޅާކޮށްފިއެވެ.

ޗައިނާގެ ސަބްމެރިނެއް ޕާކިސްތާންގެ އަސްކަރިއްޔާގައި ބޭނުންކުރަން މިފެށީ ޗައިނާގައި އުފައްދާފައިވާ ޖޭ-10ސީ މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ޕާކިސްތާނުގެ އަސްކަރިއްޔާއާ ގުޅުނު ފަހުންނެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މި ބޯޓުތައް ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ބޭނުންކޮށްފައިވަނީ 2025 ވަނަ އަހަރު އިންޑިއާއާއެކު ހިނގި ކުރިމަތިލުންތަކުގައެވެ.

ޗައިނާގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ ސާންޔާގައި ބޭއްވި މި ސަބްމެރިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް އާސިފް އަލީ ޒަރުދާރީގެ އިތުރުން ޕާކިސްތާނުގެ ނޭވީ ޗީފް އެޑްމިރަލް ނަވީދު އަޝްރަފާއި ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައި ހުންނެވި ޒަރުދާރީ ވަނީ، މިއީ އެ ގައުމުގެ ކަނޑުގެ ސިފަހީނަށް ލިބުނު "ތާރީޚީ ކުރިއެރުމެއް" ކަމަށް ސިފަކުރައްވާފައެވެ.

ހެންގޯ ކްލާސްގެ ސަބްމެރިންތަކަކީ ޗައިނާގެ "ޓައިޕް 039އޭ" ޑިޒައިނަށް ބިނާކޮށްފައިވާ، އެއާ-އިންޑިޕެންޑެންޓް ޕްރޮޕަލްޝަން ނިޒާމު ހިމެނޭ ޑީސަލް-އިލެކްޓްރިކް ސަބްމެރިންތަކެކެވެ.

މީގައި 38 ފަޅުވެރިންނަށް ދަތުރުކުރެވޭއިރު، މިއީ ޓޯޕިޑޯ އާއި އެންޓި-ޝިޕް މިސައިލް އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. 2015 ވަނަ އަހަރު ސޮއިކުރި ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމުގެ ދަށުން، ހަތަރު ސަބްމެރިން ބަންނަނީ ޗައިނާގައެވެ. އަދި ބާކީ ހަތަރު ސަބްމެރިން ބަންނާނީ ޕާކިސްތާނުގައެވެ.

1947 ވަނަ އަހަރުން ފެށިގެން ތިން ހަނގުރާމައެއް ކޮށްފައިވާ އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ގެންގުޅޭ ދިފާއީ ސިޔާސަތުގައި އެ ގައުމުގެ ސަބްމެރިން ފްލީޓަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކަޝްމީރުގެ މައްސަލައިގައި މިދިޔަ އަހަރު ހިނގި ކުރިމަތިލުންތަކުގައި، ފަރަންސޭސިވިލާތުގެ ރަފޭލް މަރުކާގެ ބޯޓުތައް ހިމެނޭހެން އިންޑިއާގެ މަތިންދާބޯޓުތައް ވައްޓާލުމަށް ޗައިނާގެ ޖޭ-10ސީ ބޯޓުތައް ބޭނުންކުރި ކަމަށް ޕާކިސްތާނުން ބުނެފައިވީ ނަމަވެސް، އިންޑިއާއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް އިން ބުނާ ގޮތުގައި، 2020 އާއި 2024 އާ ދެމެދު ޕާކިސްތާނުން އެތެރެކުރި ހަތިޔާރުގެ ގާތްގަނޑަކަށް 81 އިންސައްތައަކީ ޗައިނާގެ އުފެއްދުންތަކެވެ. ދެ ގައުމު ގުޅިގެން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހެންގޯ ސަބްމެރިންގެ އިތުރުން ޖޭއެފް-17 ހަނގުރާމަމަތީ ބޯޓު ހިމެނެއެވެ.

މި ހަފުތާގެ ކުރީކޮޅު އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވަނީ ޕާކިސްތާނުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކުރައްވައި، ކޮންމެ ނުރައްކަލަކަށް ރައްދުދޭން ނިއުދިއްލީ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. މިއީ ނިއުކްލިއާ ހަތިޔާރު ހުރި މި ދެ އަވަށްޓެރި ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހާމަކޮށްދޭ ކަމެކެވެ.

އެންމެ ފަހުން އިފްތިތާހުކުރި ސަބްމެރިންއާ ގުޅޭގޮތުން އިންޑިއާއިން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އިންޑިއާ ކަނޑުގައި ޗައިނާގެ އަސްކަރީ ބާރު ގަދަވަމުންދާތީ، ޗައިނާއިން ޕާކިސްތާނަށް ސަބްމެރިން ފޯރުކޮށްދޭ މިންވަރު ގާތުން ބަލަމުންދާ ކަމަށް އިންޑިއާގެ ނޭވީން ކުރިން ބުނެފައިވެއެވެ. އަދި އިންޑިއާގެ ކަނޑުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އެ ގައުމުގެ އަމިއްލަ ނިއުކްލިއާ އަދި އާދައިގެ ސަބްމެރިން މަޝްރޫއުތައްވެސް އަންނަނީ ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް