ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ މިރޭ ފުލުހަށް ހާޒިރުކުރަނީ
ހުސެއިން އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި، ޕާސްޕޯޓު ހިފަހައްޓާފައިވާ އީޝާ އަޝްރަފް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. އީޝާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 9:00 ޖަހާއިރު ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފުލުސް އޮފީހަށެވެ.
ފުލުހުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން އީޝާ ހާޒިރުކުރަނީ 28 މާޗު 2024 ގައި 'އަދަދު' އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސުލްޖުމްހޫރިއްޔާއަށް ގަޒްފުކޮށް، 'އައިޝާ' ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީއެވެ. މި ތަހުގީގަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ޗިޓުގައި ބަޔާންކޮށްފައިވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އާންމުކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި 'އަދަދު' ނޫހުގެ އޮފީސް ފާސްކޮށް، އެ ތަނުން ބައެއް އިލެކްޓްރޯނިކް ޑިވައިސްތައް ގެންގޮސްފައެވެ. މި މައްސަލައިގައި އީޝާގެ އިތުރުން 'އަދަދު'ގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. މީގެ ތެރެއިން ފިޔާޒާއި ހަސަން މުހައްމަދު މީގެ ކުރިން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
އީޝާގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ ޑޮކިއުމަންޓްރީ ތައްޔާރުކުރުމުގައި އީޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އޭނާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ސަރުކާރުގެ ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ކުރިން ހުރި އީޝާ ފަހުން ވަނީ އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރުމަށްފަހު ވަޒީފާއިން ވަކިކޮށްފައެވެ. އީޝާ ވަނީ އޭނާ ފުލުހަށް ހާޒިރުވާން ޗިޓު ލިބިފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.