ދުނިޔެ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބުވެއްޖެ – ރޮއިޓާސް

ހއ

ހުސެއިން އާދަމް

06 މެއި 2026
15:30
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބުވެއްޖެ – ރޮއިޓާސް

އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން، އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދާފާނެ ކަމަށް ބެލެވޭ މުއްދަތު ފަސްކޮށްލުމަށް ނުކުޅެދިފައިވާ ކަމަށް، ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ހޯމަ ދުވަހު ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އީރާނަށް އަދިވެސް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮމެއް އުފެއްދިދާނެއެވެ. މިއީ މިދިޔަ ޖޫން މަހު އެ ގައުމުގެ މުހިންމު ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު ވެސް އަންދާޒާކުރެވުނު މުއްދަތެވެ.

މި ހަނގުރާމައިގެ މައިގަނޑު މަގްސަދަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުން ކަމަށް އެމެރިކާގެ އޮފިޝަލުން ބުނަމުންދިޔަ ނަމަވެސް، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ "ބްރޭކްއައުޓް" މުއްދަތަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި، އެ ގައުމުގައި ބާކީ ހުރި މަތީ މިންވަރަކަށް ފައްކާކޮށްފައިވާ (ހައިލީ އެންރިޗްޑް) ޔުރޭނިއަމްގެ ރަހީނުތައް ނައްތާލަން ނުވަތަ އެތަނުން ބޭރުކުރަން ޖެހޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އީރާނުގެ އަތުގައި އަދިވެސް އެ ގައުމުގެ ހުރިހާ ނިއުކްލިއާ މާއްދާތަކެއް އެބަހުރި،" އެމެރިކާގެ ޖާސޫސީ އިދާރާގެ ކުރީގެ ސީނިއާ އެނަލިސްޓެއް ކަމަށްވާ އެރިކް ބްރޫއާ ރޮއިޓާސްއަށް ކިޔައިދިނެވެ.

"އެ ތަކެތި ބަހައްޓާފައި ހުރީ ބިމުގެ ވަރަށް އަޑީގައި ހަދާފައިވާ މަރުކަޒުތަކެއްގައި ކަމަށް ބެލެވޭތީ، އެމެރިކާގެ ހަތިޔާރުތަކަށް އެ ތަންތަނަށް އަސަރެއް ނުކުރެވޭނެ."

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް ވަނީ 60 އިންސައްތައަށް ފައްކާކޮށްފައިވާ ގާތްގަނޑަކަށް 440 ކިލޯގެ ޔުރޭނިއަމް ހުރި ތަނެއް ކަށަވަރުކުރެވޭ ގޮތް ނުވެފައެވެ. މިއީ އިތުރަށް ފައްކާކޮށްފިނަމަ 10 ބޮން އުފެއްދުމަށް ފުދޭ މިންވަރެކެވެ.

ރޮއިޓާސްއިން ބުނާ ގޮތުގައި މީގެ ތެރެއިން ދެބައިކުޅަ އެއްބައި ހުރީ އިސްފަހާން ނިއުކްލިއާ ރިސާޗް ސެންޓަރުގެ ބިމުގެ އަޑީގައިވާ ފުން ހޮހަޅަ ކޮމްޕްލެކްސްއެއްގައެވެ.

މިދިޔަ ޖޫން މަހު އެމެރިކާއިން ނަަތަންޒް، ފޯޑޯ އަދި އިސްފަހާންގެ ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އެމެރިކާގެ ޖާސޫސީ އިދާރާތަކުން އޭރު އަންދާޒާކުރީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ މުއްދަތު ނުވަ މަހާއި އަހަރަކާ ދެމެދުގެ މުއްދަތަކަށް ފަސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ހަމަ އެ ދުވަސްވަރު ނިއުޔޯކް ޓައިމްސްއިން ސިއްރު ރިޕޯޓަކާ ހަވާލާދީ ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުން އީރާނުގެ ޕްރޮގްރާމް ފަހަތަށް ޖައްސާލެވުނީ އެންމެ "މަދު މަސްތަކަކަށް" ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ވާހަކަތަކަކީ "ފޭކް ނިއުސް" ކަމަށް ވިދާޅުވެ، އީރާނުގެ ހުރިހާ ނިއުކްލިއާ މަރުކަޒުތަކަށް "ބޮޑެތި ގެއްލުންތަކެއް" ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން ދުވަހަކުވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ފައްކާކޮށްފައިވާ ޔުރޭނިއަމްތައް ދޫކޮށްލުމަށް ކުރާ ޑިމާންޑްތަކަށް އެ ގައުމުން ވަނީ ދެކޮޅު ހަދާފައެވެ. މިދިޔަ އަހަރުގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ "އީރާނުގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ނިޒާމީ ޕްރޮގްރާމެއް ހިނގަމުންދާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް" ކަމަށެވެ.

މިހެން އޮތް ނަމަވެސް، އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުން ދަނީ އީރާނުގެ ނިއުކްލިއާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 1992 ވަނަ އަހަރުން ފެށިގެން މިފަދަ އިންޒާރުތައް ދެއްވަމުން ގެންދަވާއިރު، 2012 ވަނަ އަހަރުގެ އދ. ގެ އާންމު މަޖިލީހުގައި އޭނާ ވަނީ 90 އިންސައްތައަށް ޔުރޭނިއަމް ފައްކާކުރުމުގެ ރަތް ރޮނގެއް ކުރަހާފައިވާ ކާޓޫން ބޮމެއްގެ ޑައިގްރާމެއް ދައްކާލައި، ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް